18 އޮކްޓޯބަރ 2019 - 08:00

ދެހާސް ސައުވީސް ވަނަ އަހަރު ހަނދަށް އެސްޓްރޮނޯޓުން ފޮނުވަން އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން، ޖައްވީ އާ ސޫޓްތަކެއް ދައްކާލައިފި އެވެ.
ދެ ސޫޓެއް ދައްކާލާފައިވާ އިރު، އޭގެ ތެރެއިން ހުދު ކުލައިގެ ސޫޓް ހާއްސަކޮށްފައި ވަނީ ޖައްވީ އުޅަނދުގެ ތެރޭގަ އާއި ޖައްވުގެ ތެރޭގައި ބޭނުންކުރުމަށެވެ. އަދި އޮރެންޖް ކުލައިގެ ސޫޓް ބޭނުންކުރާނީ ޖައްވުގެ ތެރޭގައި ކުރިއަށް ގެންދާ ހައި-ރިސްކް ކަންކަމަށެވެ. މިސާލަކަށް، އެނބުރި އަންނަ އިރު ބޭނުންކުރާށެވެ.
ނާސާގެ ސްޕޭސް ސޫޓް އިންޖިނިއަރު އެމީ ރޮސް ވިދާޅުވި ގޮތުގައި އަލަށް ދައްކައިލި ޖައްވީ ސޫޓް ފަރުމާކޮށްފައި ވަނީ ކުރިއާ ހިލާފަށް އެކްސްޕްލޮރޭޝަން އެކްސްޓްރާވެހިކުއިލާ މޮބިލިޓީ ޔުނިޓް (އެކްސްއީއެމްޔޫ) ތަކުގައި ހަރަކާތްތެރިވާން ފަސޭހަވާނެ ގޮތްތަކަށް ބަލައިގެން ކުރިއަށް ވުރެ ބަރުދަން ވެސް ލުއިކޮށެވެ.
"ކުރިއަށް ވުރެ މާ ބޮޑުތަނުން ވެސް އާ ސޫޓްތަކާ އެކު ހަރަކާތްތެރިވާން ފަސޭހަވާނެ،" އޭނާ ވިދާޅުވި އެވެ. "މީގެ އެންމެ ހާއްސަ އެއް ސިފައަކަށް ވާނެ ސޫޓާ އެކު، އަތް މައްޗަށް ހިއްލާލަން ފަސޭހަވުން. މިއީ އެޕޯލޯ ޕްރޮގްރާމްގައި ބޭނުންކުރި ސޫޓްތަކުގައި ނުވާ ކަމެއް."
އެމީ ވިދާޅުވި ގޮތުގައި ޖައްވީ އާ ސޫޓްތައް ފަރުމާކުރުމުގައި މި ޒަމާނުގެ ގިނަ ޓެކްނޮލޮޖީ ވެސް ބޭނުންކޮށްފައި ހުންނާނެ އެވެ. އެހެންވެ މިއީ ހުރިހާ ގޮތަކުން ވެސް ރައްކާތެރިކަން ބޮޑު އުފެއްދުމަކަށް ވާނެ ކަމަަށް ބުންޏެވެ.
ނާސާ އިން އަންނަނީ "އާޓެމިސް މިޝަން" ގެ ނަމުގައި 2024 ގައި ފުރަތަމަ ފަހަރަށް އަންހެން އެސްޓްރޯނަޓަކު ހަނދަން ފޮނުވަން މަސައްކަތްކުރަނުންނެވެ. އޭނާއާ އެކު ފިރިހެން އެސްޓްރޮނޯޓަކު ވެސް ދާނެ އެވެ.
ހަނދަށް އެންމެ ފުރަތަމަ އިންސާނަކު ދީޔައީ 1969 ގަ އެވެ. އެ ޝަރަފު ލިބުނު މީހަކީ 82 އަހަރުގައި 2012 ގައި މަރުވެފައިވާ ނީލް އާމްސްޓްރޯންގެވެ.