ޕެލޭގެ ރެކޯޑް ރޮނާލްޑޯ މުގުރާލާނެ: މެންޑޭސް
ޕެލޭގެ ރެކޯޑް ރޮނާލްޑޯ މުގުރާލާނެ: މެންޑޭސް

މެޑްރިޑް (އޮކްޓޫބަރު 17) - ބްރެޒިލްގެ ލެޖެންޑް ޕެލޭގެ ލަނޑު ޖެހުމުގެ ރެކޯޑް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ މުގުރާލާނެ ކަމަށް އޭނާގެ އޭޖެންޓް ޖޯޖް މެންޑޭސް ބުނެފި އެވެ.

އުމުރުން 34 އަހަރުގެ ރޮނާލްޑޯ ވަނީ ޔޫރޯ ކޮލިފައިންގައި ދާދި ފަހުން ސްވިޑެން ކޮޅަށް ޖެހި ގޯލާ އެކު ފުޓްބޯޅަ ކެރިއަރުގައި ކްލަބާއި ގައުމީ ޓީމަށް 700 ލަނޑު ހަމަކޮށްފަ އެވެ. ރޮނާލްޑޯ އަކީ ގައުމީ ޓީމަށާއި ކްލަބްތަކަށް އެ އަދަދަށް ލަނޑު ޖެހި ހަ ވަނަ ކުޅުންތެރިޔާ އެވެ.

ސްޕޯޓްސް ސޮކާ ސްޓެޓިސްޓިކްސް ފައުންޑޭޝަނުން ރިޕޯޓްކުރާ ގޮތުގައި ގައުމީ ޓީމާއި ކްލަބްތަކަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އޮތީ އޮސްޓްރިއާ އަށް ކުރިން ކުޅުނު ޖޯސެފް ބިކޭން އެވެ. އޭނާ ވަނީ 805 ގޯލު ޖަހައިފަ އެވެ. ދެ ވަނައިގައި އޮތް ބްރެޒިލްގެ ރޮމާރިއޯ ވަނީ 772 ގޯލު ޖަހައިފަ އެވެ. ތިން ވަނައިގައި އޮތް ޕެލޭ އަށް ހަމަކުރެވުނީ 767 ގޯލެވެ. ހަންގޭރީގެ ފެރެންކް ޕުސްކަސް ހަތަރު ވަނައިގައި އޮތީ 746 ލަނޑު ޖަހައިގެންނެވެ. އަދި ފަސް ވަނައިގައި އޮތް ޖަރުމަނުގެ ގާޑް މުލާ ވަނީ 735 ގޯލު ޖަހައިފަ އެވެ.

މެންޑޭސް ބުނީ ރޮނާލްޑޯގެ ލަނޑު ޖެހުމުގެ ރެކޯޑްތަކަކީ އޭނާގެ ކާމިޔާބީގެ އަސްލު ކަމަށާއި ތަފާތު ގައުމުތަކުގައި އެކަން ހާސިލްކުރެވުމަކީ އެކަން އިތުރަށް ފުރިހަމަވާ ސަބަބެއް ކަމަށެވެ.

"ރެކޯޑްތަކުގެ ސަބަބުން ގިނަ ބަޔަކު އެއްބަސްވަނީ ރޮނާލްޑޯ އަކީ ފުޓްބޯޅަ ތާރީހުގައި ފެނުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް. އޭގެ އެންމެ ބޮޑު ތަފާތަކީ އޭނާގެ ފެންވަރު ތަފާތު ޓީމުތަކުގައި ފެނިފައި ހުރުން. އިންގްލެންޑާއި ސްޕެއިން ދެން މިހާރު އިޓަލީ އަދި ގައުމީ ޓީމުގައި ވެސް،" މެންޑޭސް ބުންޏެވެ.

"މިހާރު ރޮނާލްޑޯ އެ ހުރި ހިސާބުން އަހަންނަށް ޔަގީން އޭނާ ޔުވެންޓަސްގައި ހުރެ ޕެލޭގެ ރެކޯޑް މުގުރާލާނެ. ދެން އެހިސާބަށް ދާއިރު ވެސް އެބަހުރި އެހެން ކުޅުންތެރިންތަކެއް ރެކޯޑްތަކެއް ވެސް،" މެންޑޭސް ބުންޏެވެ.

ޔުވެންޓަސް އިން ދާދި ފަހުން ބުނީ ޔުވެންޓަސްއާ އެކު ރޮނާލްޑޯ ހަދާފައިވާ އެއްބަސްވުމަށް އޭނާ ފުރިހަމަ އަށް އިހުތިރާމްކުރާނެ ކަމަށެވެ. އެ އެއްބަސްވުން ހަމަވަނީ 2022 ވަނަ އަހަރު އެވެ.