19 އޮކްޓޯބަރ 2019 - 06:15

މީގެ ދެ އަހަރު ކުރިން ރިލީޒްކުރި "ދަ ޝޭޕް އޮފް ވޯޓާ" އިން އެންމެ މޮޅު ޑައިރެކްޓަރުގެ އޮސްކާ އެވޯޑް ހޯދި ގްލިމޯ ޑެލް ޓޯރޯގެ އާ ފިލްމު "ނައިޓްމެއާ އެލީ" ގެ އޭ ލިސްޓް ކާސްޓަށް އަނެއްކާ ވެސް ވަރުގަދަ ތަރިއަކު އިތުރުވެއްޖެ އެވެ.
ހޮލީވޮޑް ރިޕޯޓާ އިން ބުނިގޮތުގައި އަންނަ އަހަރުގެ ކުރީކޮޅު ޝޫޓިން ފަށާ ފިލްމުގެ ކާސްޓާ މި ފަހަރު ގުޅުނީ ހަތަރު ފަހަރަށް އޮސްކާ އެވޯޑަށް ނޮމިނޭޓްވެފައިވާ ވިލެމް ޑެފޯ، 64، އެވެ.
ހުކުރު ދުވަހު ރިލީޒްކުރި ބިރުވެރި ފިލްމި "ލައިޓްހައުސް" ގެ ބަތަލު ގްލިމޯގެ ފިލްމުގެ ކާސްޓަށް އިތުރުވި އިރު، "ނައިޓްމެއާ އެލީ" އަށް ކުރިން ސޮއިކޮށްފައިވާ ތަރިންގެ ތެރޭގައި ބްރެޑްލީ ކޫޕާ، ކޭޓް ބްލެންޝެޓް، ރޫނީ މާރާ އަދި ޓޯނީ ކޮލޭޓް ހިމެނެ އެވެ.
މި ފިލްމަކީ ލިޔުންތެރިޔާ ވިލިއަމް ލިންޒީ ގްރެޝަމް 1946 ގައި ގެނެސް ދިން ވާހަކަ "ނައިޓްމެއާ އެލީ" އަށް ބިނާކޮށް ހަދާ ފިލްމެކެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ "ދަ ޝޭޕް އޮތް ވޯޓާ" ގެ ސްކްރީންޕްލޭ ވެސް ލިޔުނު ގްލިމޯ އާއި ކިމް މޯގަން އެވެ.
"ނައިޓްމެއާ އެލީ" އަކީ "ދަ ޝޭޕް އޮފް ވޯޓާ" އަށް ފަހު ގްލިމޯ ޑައިރެކްޓްކުރާ ފުރަތަމަ ފިލްމެވެ.