18 އޮކްޓޯބަރ 2019 - 08:02

އަންނަ އަހަރު ބާއްވާ 92 ވަނަ އޮސްކާ އެވޯޑްސްގެ އެނިމޭޓެޑް ފީޗާ ފިލްމު ކެޓަގަރީ އަށް 32 ފިލްމެއް ހުށަހަޅައިފި އެވެ.
އޮސްކާ އެވޯޑް އިންތިޒާމުކުރާ އެކެޑެމީ އޮފް މޯޝަން ޕިކްޗާޒް އާޓްސް އެންޑް ސައިންސެސް (އޭއެމްޕީއޭއެސް) އިން މިހާރު ވަނީ އެނިމޭޓެޑް ކެޓަގަރީ އަށް ހުށަހެޅި ފިލްމުތަކުގެ ނަންތައް އިއުލާން ވެސް ކޮށްފަ އެވެ.
މި ފަހަރު ފާހަގަކުރެވޭ އެއް ކަމަކީ މުޅިން އަލަށް ނެޓްފްލިކްސްގެ އެނިމޭޓެއް ފިލްމެއް އެނިމޭޓެޑް ފީޗާ ކެޓަގަރީ އަށް ހުށަހަޅާފައިވާ ކަމެވެ. އެއީ އަންނަ މަހުގެ 8 ގައި ރިލީޒްކުރާ "ކްލޯޒް" އެވެ.
އޮސްކާގެ އެނިމޭޓެޑް ފީޗާ ކެޓަގަރޯ އަށް ޑިޒްނީން މި އަހަރު ގެނެސްދިން "ލަޔަން ކިންގް" ވާދަކުރާނެ ކަމަށް ބެލެވުނަސް އެ ސްޓޫޑިއޯ އިން އެ ފިލްމު ހުށަހައެއްނާޅަ އެވެ. ސަބަބަކީ ފިލްމު ބޮޑަށް ފެތެނީ އެނިމޭޓް ފިލްމަކަށް ވުރެ ބޮޑަށް ފޮޓޯރިއަލިސްޓިކް ލައިވް-އެކްޝަން ކެޓަގަރީއަށްވުމެވެ.
"ލަޔަން ކިންގް" އަށް އޮސްކާ އަށް ވާދަކުރި ނަމަވެސް ޑިޒްނީ އާއި ޕިކްޒާގެ ފިލްމުތަކެއް ވާދަކުރެ އެވެ. އޭގެ ތެރޭގައި "ޓޯއި ސްޓޯރީ 4" އާއި "ފްރޯޒެން 2" ގެ އިތުރުން "ސްޕައިސް އިން ޑިސްގައިޒް" ހިމެނެ އެވެ.
އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 9 ގައި ބާއްވާ އޮސްކާ އެވޯޑްސް އަށް ނޮމިނޭޓްވާ ފިލްމުތައް އިއުލާންކުރާނީ އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު އެވެ.
އެންމެ ފަހުން ބޭއްވި 91 ވަނަ އޮސްކާ އެވޯޑްސްގެ އެންމެ މޮޅު އެނިމޭޓެޑް ފިލްމަކީ ސޮނީ ޕިކްޗާޒްގެ "ސްޕައިޑަ-މޭން: އިން ޓު ދަ ސްޕައިޑަ-ވާޒް" އެވެ. އަދި އެ ފިލްމަކީ 2011 ގެ ފަހުން ޑިޒްނީ/ޕިކްޒާ ހިއްސާނުވާ ފިލްމަކަށް އެންމެ މޮޅު އެނިމޭޓް ފިލްމުގެ އޮސްކާ ލިބުނު ފުރަތަމަ ފަހަރު ވެސް މެ އެވެ.