"ޝިވާއޭ" ޕްރޮމޯޓްކުރަން އަޖޭ އާއި ކާޖޮލް ފޭސްބުކް ކެމްޕަހަށް
"ޝިވާއޭ" ޕްރޮމޯޓްކުރަން އަޖޭ އާއި ކާޖޮލް ފޭސްބުކް ކެމްޕަހަށް

ބޮލީވުޑްގެ މަޝްހޫރު ޖޯޑު އަޖޭ ދޭވްގަން އާއި އަންހެނުން ކާޖޮލް އެމެރިކާގެ ކެލިފޯނިއާގައި ހުންނަ ފޭސްބުކް ކެމްޕަހަށް ޒިޔާރަތްކޮށްފި އެވެ. ކާޖޮލް ވަނީ މި ޒިޔާރަތަށްފަހު އަލަށް ފޭސްބުކްގައި ބައިވެރިވެފަ އެވެ.

އަޖޭ އާއި ކާޖޮލް އެމެރިކާއަށް ދިޔައީ އަޖޭ ކޯ-ޕްރޮޑިއުސްކޮށް ޑައިރެކްޓްކޮށްފައިވާ "ޝިވާއޭ" ޕްރޮމޯޓްކުރުމުގެ މަސައްކަތަށެވެ.

ފޭސްބުކް އެކައުންޓެއް ހުޅުވުމަށްފަހު ފުރަތަމަ ފަހަރަށް ޕޯސްޓްކޮށްފައިވާ ވީޑިއޯގައި ކާޖޮލް ވަނީ އޭނާ ފޭސްބުކް ކެމްޕަސް އަށް ކުރި ޒިޔާރަތާ ބެހޭ މައުލޫމާތު ފޭނުންނާ ހިއްސާ ކޮށްފަ އެވެ.

ކާޖޮލް ބުނީ ފޭސްބުކް ކެމްޕަސް އަށް ޒިޔާރަތްކުރި ދުވަހު ފޭސްބުކް އެކައުންޓެއް ހުޅުވީ އެ ދުވަހަކީ އޭނާގެ މަންމަގެ އުފަން ދުވަހަށް ވެސް ވާތީ ކަމަށެވެ.

މި ޒިޔާރަތަށްފަހު އަޖޭ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އިންޑިއާގެ ގިނަ ރައްޔިތުންތަކެއް ފޭސްބުކް ކެމްޕަސްގައި މަސައްކަތްކުރާ ތަން ފެނި ވަރަށް ފަޚުރުވެރިވި ކަމަށެވެ.

އޮކްޓޯބަރު 28 ވަނަ ދުވަހު ރިލީޒްކުރާ އަޖޭ ބަތަލުގެ ބައި ވެސް ކުޅެފައިވާ "ޝިވާއޭ" އަށް ބޮކްސް އޮފީހުގައި ވަރަށް ބޮޑު ވާދަވެރިކަމަކާ ކުރިމަތިވާނެ އެވެ. ސަބަބަކީ ކަރަން ޖޯހަރްގެ "އޭ ދިލް ހެ މުޝްކިލް" ވެސް ހަމަ އެ ދުވަހު ރިލީޒްކުރާތީ އެވެ. އެހެންކަމުން ބޭރު ގައުމުތަކުގައި ވެސް "ޝިވާއޭ" ޕްރޮމޯޓްކުރުމުގެ ވަރަށް ބޮޑު ކެމްޕޭނެއް އަޖޭ ވެސް މާކުރިއްސުރެ ވަނީ ފަށައިފަ އެވެ.

ކާޖޮލް ބުނި ގޮތުގައި "ޝިވާއޭ" އަކީ ވަރަށް ފުރިހަމަ މަސައްކަތެކެވެ. އަދި ބެލުންތެރިންނަށް އެ ފިލްމު ވަރަށް ކަމުދާނެކަމަށް ކާޖޮލް ޔަގީން ކުރެ އެވެ.