17 އޮކްޓޯބަރ 2019 - 09:00

ޕެރިސް (އޮކްޓޫބަރު 17) - ޔޫރޯ ކޮލިފައިންގައި ތުރުކީ އެންމެ ފަހުން ކުޅުނު ދެ މެޗުގައި އެ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރިއިރު ސިޔާސީ ކަންކަމަށް ބާރުލިބޭ ފަދަ އިޝާރާތެއް ކޮށްފައިވާތީ އެ މައްސަލަ ބަލަން ޔުއެފާ އިން ނިންމައި ތަހުގީގުތައް ފަށައިފި އެވެ.
މިދިޔަ ހުކުރު ދުވަހުގެރޭ އަލްބޭނިއާ އަތުން 1-0 އިން ތުރުކީ މޮޅުވި މެޗާއި ހޯމަ ދުވަހު ފްރާންސާ 1-1 އިން އެއްވަރުކުރި މެޗުގައި ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރުމުގެ ގޮތުން ތުރުކީ ކުޅުންތެރިން ވަނީ މިލިޓަރީ ސެލިއުޓެއް ނަގައިފަ އެވެ. މިއީ ސީރިއާގެ އުތުރުގައި ތުރުކީއާ އިންވެގެން އޮންނަ ސީރިއާގެ ސަރަހައްދު ކޮންޓްރޯލްކުރާ ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް ތުރުކީގެ ސިފައިން ކުރާ ހަނގުރާމަ އަށް ތާއީދުކުރުމުގެ ގޮތުން ނެގި ސެލިއުޓެއް ކަަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި އެކަމަށް އެންމެ ބޮޑަށް ބާރު ލިބެނީ ތުރުކީ ފުޓްބޯޅަ ފެޑެރޭޝަނުން ކުރި ޓްވީޓެއްގައި ވެސް އެ ކަމަށް ހިތްވަރުދޭ މޭރުމުން މެސެޖެއް ދީފައިވުމުންނެވެ.
މި މައްސަލައިގައި އެންމެ ފުރަތަމަ ވާހަކަ ދެއްކީ ފީފާ އިންނެވެ. ފީފާގެ އޮފިޝަލަކު މީޑިއާ އަށް ބުނީ އެ ފެޑެރޭޝަނުގެ ސަމާލުކަމަށް ތުރުކީގެ މި ކަންތައްތައް އައިސްފައިވާ ކަމަށާއި ފުޓްބޯޅައިގެ ތެރެއިން ސިޔާސީ އެ ނޫން ވެސް ކުޅިވަރު ބައިބައިވާ ފަދަ އަމަލުތަކެއް ހިނގިޔަ ނުދޭނެ ކަމަށާއި އެކަން ކުރާ ބަޔަކަށް އަދަބުދޭނެ ކަމަށެވެ. ފީފާ އިން ފަހުން ނިންމީ މި މައްސަލަ ކުރިއަށްގެންދަން ޔުއެފާ އަށް އެންގުމަށެވެ.
ޔުއެފާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތުރުކީގެ މި މައްސަލަ ބަލަން ނިންމާފައިވާ ކަމަށާއި އެ ފެޑެރޭޝަނުގެ އެތިކްސް އެންޑް ޑިސިޕްލިނަރީ އިންސްޕެކްޓަރެއް މެދުވެރިކޮށް ތަހުގީގު ފަށާފައިވާ ކަމަށެވެ.
މި މައްސަލަ ބަލަން ޔުއެފާ އިން ނިންމުމުން ތުރުކީގެ ސްޕޯޓްސް މިިނިސްޓަރު މެހެމެތު މުހައްރަމް ކަސަޕޯލޫ ވަނީ ސެލިއުޓް ނެގި ކުޅުންތެރިންނަށް އޭނާގެ ސަޕޯޓް އޮތްކަމަށް ވިދާޅުވެފަ އެވެ. އަދި ފީފާ އިން މި މައްސަލަ ބަލަން ޔުއެފާ އަށް އެންގީ އެއްވެސް އަސްލެއްގެ މައްޗަށް ބެލުމަށް ފަހު ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"ކީއްވެ ބޭނުންވާ ވަކި ބައެއްގެ މައްސަލަ އެ ބަލަނީ. ޔަގީނުން ވެސް އެންމެނަށް ފެންނާނެ މިދިޔަ ޖޫން މަހު ފްރާންސްގެ ގްރީޒްމަން ވެސް އެ ގައުމުގެ ރައީސް އެމަނުއަލް މެކްރޮން އަށް ސެލިއުޓް ނެގި. އެ ނުވޭ އެއްވެސް ކަމަަކަށް. މިހާރު މި އޮތް ކަމަކީ ވަކި ކަމެއްގެ އެޖެންޑާއެއް. މިއީ ވަކި ބަޔަކު ބަލިކުރަން ހިންގާ ކަމެއް،" ކަސަޕޯލޫ ވިދާޅުވި އެވެ.
ބައެއް ރިޕޯޓްތައް ބުނާގޮތުން ޔުއެފާ އިން މި މައްސަލައިގައި ތުރުކީ އަށް އަޅާ ފިޔަވަޅުގެ ތެރެއިން މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ހޯސްޓް ކުރުމުގެ ފުރުސަތު އެ ގައުމު އަތުން ނެގުން ހިމެނެ އެވެ.
މިދިޔަ އަހަރުގެ ވޯލްޑް ކަޕްގައި ސާބިއާ އަތުން ފަހަތުން އަރައި ސްވިޒަލެންޑް މޮޅުވި މެޗުގައި އެ ޓީމަށް ލަނޑު ޖަހައިދިން ޒެރްޑަން ޝަގީރީ އާއި ގްރޭނިޓް ޝާކާ އުފާފާޅުކުރި އިރު ސިޔާސީ ނިޝާނެއް ދެއްކުމުން އެ ދެ ކުޅުންތެރިންގެ މައްސަލަ ބަލައި ފީފާ އިން ވަނީ ފިޔަވަޅު އަޅައިފަ އެވެ.
ޝާކާ އާއި ޝަގީރީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރިއިރު ވަނީ އަތުގެ އިޝާރާތުން "ޑަބަލް އީގަލް" ދައްކައިފަ އެވެ. މިއީ ސާބިއާ އާއި އަލްބޭނިއާއާ ދެމެދު ކޮސޯވޯގެ މައްސަލައިގައި ހިނގި ހަމަނުޖެހުންތަކުގައި އަލްބޭނިއާ މީހުންނަށް އޮތް ސަޕޯޓް ދައްކުވައިދޭ އިޝާރާތެކެވެ. އެއީ އަލްބޭނިއާ ދިދައިގައިވާ ނިޝާނަށް ނިސްބަތްކޮށެވެ. އެ މައްސަލައިގައި ޝަގީރީ އާއި ޝާކާގެ އިތުރުން ދެން ބައިވެރިވި ކުޅުންތެރިން ވަނީ ޖޫރިމަނާކޮށްފަ އެވެ.