16 އޮކްޓޯބަރ 2019 - 21:32

ބަދަލު ހޯދަން ދައުލަތާ ދެކޮޅަށް ދައުވާކުރާ މައްސަލަތަކާ ގުޅިގެން ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް، ބަދަލު ދިނުމުގައި ލަފާ ދިނުމަށް އޮންނަ ސެޓްލްމަންޓް ކޮމެޓީގެ މަސައްކަތްތަކާއި ހިންގުން ހާމަކުރަން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގޮވާލައިފި އެވެ.
ދައުލަތުން އެކި ފަރާތްތަކާ އެކު ހަދާފައިވާ އެއްބަސްވުންތައް ބާތިލް ކުރި މައްސަލާގައި ގެއްލުމުގެ ބަދަލު ހޯދަން ދައުލަތާ ދެކޮޅަށް އެކި ފަރާތްތަކުން ވަނީ ދައުވާކޮށްފަ އެވެ. އެފަދަ މައްސަލަތައް ކޯޓުން ބޭރުގައި ހައްލުކޮށް، ބަދަލު ދިނުމުގައި ރައީސަށް ލަފާ އަރުވަން ސެޓްލްމަންޓް ކޮމެޓީއެއް ވަނީ އުފައްދައިފަ އެވެ.
ޓްރާންސްޕޭރެންސީން ކުރި ޓްވީޓެއްގައި ވަނީ ސެޓްލްމަންޓް ކޮމެޓީގެ މަސައްކަތްތަކާއި ހިންގުން ހާމަކުރުމުގެ އިތުރުން އެ ކޮމެޓީ ހިންގުމުގައި ޖަވާބުދާރީ ކުރުވޭނެ އުސޫލުތަކެއް ތަންފީޒު ކުރަންޖެހޭ ކަމަށެވެ. އަދި އެފަދަ ބޮޑެތި ބަދަލުތައް ކުރިއަށް އޮތް ތަނުގައި ދޭން ނުޖެހޭނެ ފަދަ ގޮތަކަށް އަޅަމުންދާ ފިޔަވަޅުތަކެއް ހާމަކުރަމުން ދިއުމާއި ބަދަލު ދޭންޖެހޭ ގޮތަށް އަމަލުކުރި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ވެސް ޓްރާންސްޕޭރެންސީން ގޮވާލާފައިވެ އެވެ.
ސެޓްލްމަންޓް ކޮމެޓީގެ މަސައްކަތްތައް ހާމަކުރަން ޓްރާންސްޕޭރެންސީން ގޮވާލިއިރު، ދާދިފަހުން ސަރުކާރުން ވަނީ ބަދަލުގެ ގޮތުގައި ދޭންޖެހޭ މިންވަރު ކަނޑައެޅުމުގައި އެ ކޮމެޓީއަށް ލަފާ ދިނުމަށް މިނިވަން އޮޑިޓަރަކު އައްޔަން ކުރަން ނިންމައިފަ އެވެ.
ދައުލަތުން އެކި ފަރާތްތަކާ އެކު ހެދި އެއްބަސްވުންތައް ގާނޫނާ ޚިލާފަށް ބާތިލްކޮށްފައި ހުރި މައްސަލަތަކާ ގުޅިގެން ގެއްލުމުގެ ބަދަލަށް ބިލިއަނެއްހާ ރުފިޔާ މިހާތަނަށް ސަރުކާރުން ވަނީ ދައްކައިފަ އެވެ. އޭގެ ތެރެއިން ބައެއް މައްސަލަތައް ކޯޓުތަކުން ނިމިގެން ދޭންޖެހުނުއިރު، އަނެއް ބައި މައްސަލަތައް ހައްލުކުރީ ސެޓްލްމަންޓް ކޮމެޓީ މެދުވެރިކޮށް ކޯޓުން ބޭރުގަ އެވެ.