އައިޓީބީ ފެއާގައި ރާއްޖެ ބައިވެރިވެއްޖެ
އައިޓީބީ ފެއާގައި ރާއްޖެ ބައިވެރިވެއްޖެ

މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ސިންގަޕޫރުގައި ކުރިއަށްދާ އައިޓީބީ ފެއާގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

ސިންގަޕޫރުގެ މެރީނާ ބޭ ސޭންޑްސްގައި ކުރިއަށްގެންދާ މި ފެއާގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން އޮތޯރިޓީ (އެމްއެމްޕީއާރުސީ) ގެ އިތުރުން ރާއްޖޭގެ 17 ކުންފުންޏަކުުން 32 މީހުން ވަނީ ބައިވެރިވެފަ އެވެ. މި ވަފުދުގެ އެންމެ އިސް ބޭފުޅަކީ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު އެވެ.

ކޮންމެ އަހަރަކު ބާއްވާ މި ފެއާއަކީ ދެކުނު އޭޝިއާގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގެ ޓޫރިޒަމް އިންޑަސްޓްރީގެ އިސްފަރާތްތަކުން ބައިވެރިވާ އޭޝިއާގެ އެންމެ ބޮޑު ޓްރޭޑް ޝޯ އެވެ. މި ފެއާގެ ސަބަބުން ސިންގަޕޫރާއި އޭޝިއާ ސަރަހައްދުގެ އެކި ގައުމުތަކުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

މި ފެއާގައި ރާއްޖޭގެ ގުދުރަތީ މަންޒަރުތަކާއި ސަގާފަތް ދައްކުވައިދޭ 81 އަކަމީޓަރުގެ ސްޓޭންޑެއް ވަނީ ބަހައްޓައިފަ އެވެ. މި ސްޓޭންޑަށް ޒިޔާރަތް ކުރާ މީހުންނަށް ވާޗުއަލް ރިއަލިޓީ ބޭނުންކޮށްގެން ރާއްޖޭގެ ކަނޑުއަޑީގެ މަންޒުތަކާއި ގޮނޑުދޮށްފަދަ މަންޒަރުތައް ބަލާލެވޭނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

މީގެ އިތުރުން ރާއްޖޭގެ ރަހަތައް ދައްކުވައިދޭ އައްޑޫ ބޮނޑި އާއި ކުޅި ކާޖާ އަދި ތެލުލި ބަނބުކެޔޮ ފަދަ ތަކެތި އެ ސްޓޭންޑުން ލިބެން ހުންނާނެ ކަމަށް ވެސް އެމްއެމްޕީއާރުސީން ބުންޏެވެ.