ބިޝާމް ވަކިކުރުމުގެ މަސައްކަތް ފަށަން ކޮމިޓީން ނިންމައިފި
ބިޝާމް ވަކިކުރުމުގެ މަސައްކަތް ފަށަން ކޮމިޓީން ނިންމައިފި

ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމުން އައިޝަތު ބިޝާމް ވަކިކުރުމުގެ މަސައްކަތް ފެށުމަށް ނިންމައި އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ކޮމިޓީގައި އެ މައްސަލަ ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ. އެކަމަށް ތާއީދު ކުރެއްވީ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިނެވެ.

ސައުދު "މިހާރު" އަށް ވިދާޅުވީ މަގާމުގައި ހުންނަވައި ގާނޫނާ ޚިލާފަށް ބިޝާމް ކުރެއްވި އަމަލުތައް އަދިވެސް ދިރިދެމިއެބައޮތް ކަމަށެވެ. އެފަދަ ބޭފުޅަކު މަގާމުގައި ހުންނަވައިގެން އިންސާފު ގާއިމްކުރެވިދާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ވިދާޅުވި އެވެ.

"އެހެންވެ ބިޝާމް މަގާމުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ކޮމިޓީން ނިންމީ،" ސައުދު ވިދާޅުވި އެވެ.

މީގެ ކުރިން، ޖުޑިޝަރީ ކޮމިޓީ އަށް ބިޝާމް ހާޒިރުކޮށް މެމްބަރުން ސުވާލު ވެސް ކުރި އެވެ. އެ ބައްދަލުވުމުގައި، ކުރީގެ ސަރުކާރުން ރައްޔިތުންނަށް ދިން އަނިޔާތަކުގައި، ޕީޖީގެ އިހުމާލު މެމްބަރުން ދެއްކެވި އެވެ. ޒިންމާ އަދާނުކުރެއްވި ބައެއް ކަންކަމުން މިސާލު ނެންގެވި އެވެ. ގާނޫނާ ޚިލާފަށް ސަރުކާރުން ހިންގަން ބޭނުންވި ކަންކަމަށް އެހީތެރިވެ ވަޑައިގަތް ކަމުގެ ތުހުމަތު ކުރެއްވި އެވެ. އިދިކޮޅު ލީޑަރުންނާއި އޭރުގެ ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިކޮށް އުޅުނު އެންމެންނަކީ "ޓެރަރިސްޓުން" ގެ ގޮތުގައި ދައުވާ އުފުލީ ގޯސްކޮށް ކަމަށް މެމްބަރުން ވިދާޅުވި އެވެ. އަދި ވެރިކަން ބަދަލުވުމުން އެ ދައުވާތައް އަނބުރާ ނެގި ސަބަބާ މެދު ވެސް މެމްބަރުން ވަނީ ސުވާލު އުފައްދަވައިފަ އެވެ.

އެއިން އެއްވެސް ތުހުމަތެއްގައި ހަގީގަތެއް ނެތް ކަމަށް ބިޝާމް ވަނީ ވިދާޅުވެފަ އެވެ. އަދި ދައުވާތައް އުފުލީ އޮންނަ އުސޫލުގެ ތެރެއިން ނުފޫޒެއް ނެތި ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

މި ވެރިކަން ނޮވެމްބަރު، 17، 2018 ގައި ފެށުމާ އެކު އެންމެ ފުރަތަމަ މަޖިލީހަށް ވެއްދި އެއް މައްސަލައަކީ ބިޝާމް މަގާމުން ވަކިކުރުމެވެ. އެކަމަކު އެ މައްސަލަ ކުރިއަށް ނުގެންދިއުމުން އަނބުރާ ގެންދިއުމަށް ފަހު އަލުން ހުށަހެޅުމުން ވެސް އެކަން ކުރިއަކަށް ނުގެންދިޔަ އެވެ.

އޭރު އެކަން ހިނގައި ނުގަނެ، ލަސްވި ސަބަބާ ގުޅިފައި ވަނީ، މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުން ތުހުމަތު ކުރެއްވި ގޮތުގައި، ވެރިކަން ކުރާ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ލީޑަރުންތަކެއްގެ މަސްލަހަތެވެ.