17 އޮކްޓޯބަރ 2019 - 06:44

ވެހިކަލްތައް އެކި ގޮތްގޮތަށް މޮޑިފައިކޮށްގެން ދުއްވާ މީހުން މިހާރު ބައިވަރެވެ. އިންޑިއާގެ އުއްތަރް ޕްރަދޭޝްގެ ބެރިލީން ފެންނަ ރަތް ކުލައިގެ މި ސައިކަލަކީ ވެސް މޮޑިފައިކުރިލެއް ބޮޑުކަމުން، ބަޔަކު ހީވެސް ނުކުރާހާ ބޮޑަށް ތަފާތުކޮށްލާފައިވާ ސައިކަލެކެވެ.
އުމުރުން 70 އަހަރުގެ މުހައްމަދު ސައީދުގެ ސައިކަލުގެ އާދަޔާހިލާފު ފީޗާތަކާ އެކު އެއަށް އޭނާ ދީފައި ވަނީ ވެސް ވަރުގަދަ ނަމެކެވެ. އެއީ "ޓާޒަން" އެވެ. މިއީ ވޮއިސް ކޮމާންޑާއި އޭޓީއެމް ވެސް ހިނަމާފައިވާ ސައިކަލެކެވެ.
ސްޓާޓްކުރުމާއި ނިއްވުމާއި ސައިކަލްގެ ލައިޓްތައް ވެސް ދިއްލުން އޮންނާނީ ސައީދު ދޭ ވޮއިސް ކޮމާންޑްގެ މައްޗަށެވެ. ސައިކަލުގެ ކުރިމަތީގެ ދެ ފަރާތުގައި ކުޑަ ދެ ފޮށިގަނޑު ހަރުކޮށް އޭގައި އޭޓީއެމް ޖަހާފައި ހުރެ އެވެ.
ފައިސާ ބޭނުންވީމާ އަދަދު ކިޔައިލުމުން އެ "އޭޓީއެމް" ތަކުން ފައިސާ ނުކުންނާނެ އެވެ. އަދި ލަވައެއް ޖަހާލާށޭ ބުނުމުން ސައިކަލުން ލަވަ ވެސް ޖަހައިދޭނެ އެވެ.
ސައީދުގެ މި އާދަޔާލާފު ސައިކަލުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލްވެ، މީގެ ވާހަކަ ދައްކާ މީހުން ވަރަށް ބޮޑަށް އިތުރުވެއްޖެ އެވެ. އަދި ސައީދަށް ލިބުނު ސަމާލުކަން ވެސް އެހާ ބޮޑެވެ.
"ޓާޒަން" އާ ބެހޭ ގޮތުން ސައީދު ބުނީ ސައިކަލުން ފެންނަން ހުރި މޮޑިފިކޭޝަންތަކަކީ އަމިއްލަ މަސައްކަތް ކަމަށެވެ. އަމިއްލަ މީހާ އޭނާ ސިފަކުރަނީ އިލެކްޓްރިޝަނެއް، ސްޓަންޓް މޭނެއް، ސޭލްސް މަނެއް އަދި މީހުންގެ ސަމާލުކަން އަތުލައިގަންނަން ކުޅަދާނެ މީހެއްގެ ގޮތުގަ އެވެ.