18 އޮކްޓޯބަރ 2019 - 08:03

މީޑިއާތަކުން ކުރިން ވެސް ރިޕޯޓްކުރަމުން ދިޔަ ގޮތަށް، ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ އާ ފިލްމަކީ އާލިއާ ބަޓް ޓައިޓްލް ރޯލްކުޅޭ "ގަންގްބާއީ" ކަން ކަށަވަރުކޮށް ދިނުމަށް ފަހު، ފިލްމު ރިލީޒްކުރާ ތާރީހު އިއުލާންކޮށްފި އެވެ.
އިންޑިއާގެ ކުރީގެ ވަރަށް މަޝްހޫރު އަންހެން ގޭންގްސްޓާރެއް ކަމަށްވާ ގަންގްބާއީ ކޮތޭވާލީގެ ވާހަކަ ކިޔައިދޭ ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ގައި ކަމަށް ބަންސާލީގެ ފިލްމު ކުންފުނިން ކުރި ޓްވީޓެއްގައި ބުންޏެވެ.
ނަމަވެސް ފިލްމާ ބެހޭ އިތުރު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.
މި ފިލްމު ގެނެސްދޭނީ ބަންސާލީ ޕްރޮޑަކްޝަނާއި ޖަޔަންތިލާލް ގާޅާގެ ޕެން އިންޑިއާ ޕްރައިވެޓް ލިމިޓެޑުންނެވެ.
މީޑިއާތަކުން ކުރިން ބުނެފައިވާ ގޮތުގައި ބަންސާލީ "ގަންގްބާއީ" ގެ ވާހަކަ ސްކްރީނަށް ގެނެސްދޭނީ އިންޑިއާގެ ލިޔުންތެރިޔާ އެސް ހުސައިން ޒައިދީގެ ފޮތް "މާފިއާ ކްއީންސް އޮފް މުމްބާއީ" ގައި ގަންގްބާއީއާ ބެހޭ ގޮތުން ގެނެސްދީފައިވާ ބާބަކަށް ބިނާކޮށެވެ.
މި ފިލްމުގައި އާލިއާއާ އެކު ބަތަލުގެ ރޯލް ކުޅެން ކާތިކް އާރިޔަން އަށް ހުށަހަޅާފައިވާ ކަމަށް ވެސް ދާދި ފަހުން އަޑުއަރާފައިވެ އެވެ.
މިދިޔަ އަހަރު "ޕަދުމާވަތު" ގެނެސްދިން ބަންސާލީ "ގަންގްބާއީ" ހަދަން ނިންމީ ސަލްމާން ޚާނާއި އާލިއާއާ އެކު ހަދަން ނިންމި ފިލްމު "އިންޝާﷲ" ގެ ޝޫޓިން ފަށަން ކުޑަތަންވެފައި ވަނިކޮށް ސަލްމާން ފިލްމު ދޫކޮށްލުމުންނެވެ.