25 ސެޕްޓެމްބަރ 2016 - 11:35

އޭޝިއަން ބީޗް ގޭމްސްގެ ބީޗް ވޮލީބޯޅަ އިވެންޓުގައި ރާއްޖޭގެ ފިރިހެން ޓީމުން ގަފަދަ ޗައިނާގެ މައްޗަށް ކުރި ހޯދައިފި އެވެ.
އޭޝިއާގެ ކުޅިވަރުގެ އެންމެ ބޮޑު އަދި އެންމެ ކާމިޔާބު އެއް ގައުމުކަމަށްވާ ޗައިނާގެ ޕެއާގެ މައްޗަށް ރާއްޖޭގެ އަދުނާން އަބްދުލްހަމީދާއި އާދަމް ނަސީމުގެ ޕެއާ ކުރި ހޯދީ 2-1 ސެޓުންނެވެ. ފުރަތަމަ ސެޓު ޗައިނާ އިން ކާމިޔާބުކުރީ 12-21 އިންނެވެ. ރާއްޖެ މޮޅުވީ ފަހު ދެ ސެޓު 21-16 އަދި 15-11 އިން ކާމިޔާބުކޮށްގެންނެވެ.
ރާއްޖޭގެ އަންހެން ދެ ޕެއާ ވަނީ މިއަދު ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވެފަ އެވެ. އައިޝަތު ޝައްފަ އާއި އައިމިނަތު އަރީޝާ ބަލިވީ ޗައިނީސް ޓައިޕޭގެ އަތުން ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 21-6 އަދި 21-6 އިންނެވެ.
އައިޝަތު މާޖިދާ އާއި ހައްވާ ރާޝިދާގެ ޕެއާ ބަލިވީ ކަޒަކިސްތާނުގެ ޕެއާ އަތުން ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް ކަޒަކިސްތާނުން ކާމިޔާބުކުރީ 21-6 އިން 21-8 އިންނެވެ.
ރާއްޖޭގެ ފިރިހެން ޓީމުގެ ދެ ވަނަ މެޗުގައި މިއަދު މެންދުރުފަހު ނުކުންނާނީ މޮންގޯލިއާއާ ދެކޮޅަށެވެ. އެ މެޗުގައި ރާއްޖެ ތަމްސީލްކުރާނީ އަހުމަދު އަނިލް ނަސީރާއި ޝިއުނާޒް އަބްދުލްވާހިދެވެ.
ވިއެޓްނާމުގެ ޑަނަންގައި، ކުރިއަށްދާ ގޭމްސްގައި ރާއްޖޭން ވާދަކުރަނީ ބީޗް ވޮލީބޯޅައިގެ އިތުރުން ބޮޑީބިލްޑިން އަދި ރޯވިންގަ އެވެ. އެ ދެ ކުޅިވަރުގެ އިވެންޓްތައް ފަށާނީ މާދަމާ އެވެ. އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ގޭމްސްގައި އޭޝިއާގެ 45 ގައުމަކުން ވާދަކުރެ އެވެ. ގޭމްސްގައި 22 ކުޅިވަރަކުން 172 އިވެންޓް އޮންނާނެ އެވެ.