ހަމަލާ އަމާޒުވި ޓޭންކަރުގެ ފޮޓޯ އީރާނުން ހާމަކޮށްފި
ހަމަލާ އަމާޒުވި ޓޭންކަރުގެ ފޮޓޯ އީރާނުން ހާމަކޮށްފި

ތެހެރާން (އޮކްޓޯބަރު 16) - ސައުދީ އަރަބިއާގެ ބޭރުން ހަމަލާ އަމާޒުވި އީރާނުގެ ތެޔޮ ޓޭންކަރުގެ ފޮޓޯތައް ތެހެރާނުން ހާމަކޮށްފި އެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި ސާބިތީ ޓޭންކަރުގައި ބޮޑު ދެ ލޯވަޅެއް ވަނީ ހެދިފަ އެވެ. އީރާނުން ބުނެފައި ވަނީ "ގޮތް ނޭނގޭ ފަރާތަކުން" އެ ޓޭންކަރަށް ރަތް ކަނޑުގައި، މި މަހު 11 ވަނަ ދުވަހު ވަނީ ދެ ހަމަލާއެއް ދީފައި ކަމަށެވެ.

އެމެރިކާ އިން ތަކުރާރުކޮށް ބުނަމުން ދަނީ ގަލްފް އޮފް އޮމާންގައި ދަތުރުކުރި ޓޭންކަރުތަކަށް މި އަހަރު ދިން ހަމަލާތަކުގެ ޒިންމާ އުފުލަން ޖެހޭނީ އީރާނުން ކަމަށެވެ.

އީރާނުގެ ޓޭންކަރަށް ދިން ހަމަލާ އަކީ ތެދަކަށްވާ ނަމަ އެއީ ގައުމުގެ ޓޭންކަރަކަށް ފަހަކަށް އައިސް ދިން ފުރަތަމަ ހަމަލާ އެވެ. އީރާނުގެ ގައުމީ ތެޔޮ ކުންފުނިން ބުނެފައި ވަނީ ޓޭންކަރަށް ހަމަލާ ދިނީ މިސައިލުން ކަމަށް ލަފާކުރެވޭ ކަމަށެވެ.

ނޭޝަނަލް އީރާނިއަން ޓޭންކާ ކޮމްޕެނީ (އެންއައިޓީސީ) އިން އާއްމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ޓޭންކަރުގެ ވޯޓާލައިންގެ މަތިން ބޮޑު ދެ ލޯވަޅެއް ހެދިފައިވެ އެވެ. އެންއައިޓީސީން ބުނީ އެ ހަމަލާގެ ސަބަބުން ޓޭންކަރުން ރަތް ކަނޑަށް ތެޔޮ އެޅުނު ކަމަށެވެ.

ގަލްފު ސަރަހައްދުގެ މަސްރަހާ މެދު ކަންބޮޑުވުން ފާޅުކުރައްވައި އީރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ ސިޔާސީ ހައްލެއް ހޯދުމަށް ގޮވާލައްވައިފަ އެވެ. އަދި ޓޭންކަރަށް ދިން ހަމަލާގެ ތަހުގީގު ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވި އެވެ.

ސައުދީ އަރަބިއާގެ ތެޔޮ އުފައްދާ ދެ ތަނަކަށް މިދިޔަ މަހު ވަނީ 18 ޑްރޯން އާއި ހަތް މިސައިލް ފޮނުވާލައިފަ އެވެ. އެ ހަމަލާތަކާ ގުޅިގެން ސައުދީން ތެޔޮ އުފައްދާ މިންވަރު ދެބައިކުޅަ އެއްބަޔަށް ދަށްވި އެވެ. ހަމަލާ ދިން ކަމަށް ޔަމަނުގެ ހޫތީން އެއްބަސްވި ނަމަވެސް ސައުދީ އާއި އެމެރިކާ އިން ބުނެފައި ވަނީ ހަމަލާގެ ޒިންމާ އުފުލަން ޖެހޭނީ އީރާނުން ކަމަށެވެ.