ރާޖަމޯލީގެ "އާރްއާރްއާރް" 2021 އަށް ފަސްކޮށްފި
ރާޖަމޯލީގެ "އާރްއާރްއާރް" 2021 އަށް ފަސްކޮށްފި

"ބާހްބަލީ" ގެނެސްދިން ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ އާ ފިލްމު "އާރްއާރްއާރް" އަންނަ އަހަރު ގެނެސްދޭން ނިންމާފައި ވަނިކޮށް، ފިލްމު ރިލީޒްކުރުން ފަސްކޮށްފި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ޝޫޓްކުރަމުން އަންނަ ފިލްމު ކުރިން ރިލީޒްކުރާ ގޮތަށް އޮތީ އަންނަ އަހަރުގެ ޖުލައި 30 ގަ އެވެ. ނަމަވެސް ފިލްމު މިހާރު 2021 ގެ ޖެނުއަރީ އަށް ފަސްކޮށްފައިވާ ކަމަށް ބޮލީވުޑް ހަންގާމާ އިން ބުންޏެވެ.

އެ ނޫހުން ބުނީ 1920 ގައި ހިނގާ ވަރުގަދަ ހަނގުރާމައެއްގެ ވާހަކަ ކިޔައިދޭ ފިލްމު 2021 އަށް ފަސްކުރި މައިގަނޑު އެއް ސަބަަބަކީ ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނޭ ބައެއް ތަރިން ސޮއިކޮށްފައި ހުރި އެހެން ފިލްމުތަކަށް ވެސް ވަގުތު ދޭން ޖެހޭތީ، "އާރްއާރްއާރް" ގެ ޝޫޓިން ދިގުލައިގެން ދާނެތީ އެވެ.

މި ފިލްމުގެ ލީޑް ބަތަލުންނަކީ ސައުތުގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރާމް ޗަރަން އާއި އެންޓީ ރާމަ ރާއޯ ޖޫނިއާ އެވެ. ބަތަލާއަކީ ބޮލީވުޑްގެ އާލިއާ ބަޓެވެ. އަދި "އާރްއާރްއާރް" ގެ ކާސްޓްގައި އަޖޭ ދޭވްގަން ވެސް ހިމެނެ އެވެ.

ހަންގާމާ އިން ބުނިގޮތުގައި ފިލްމު ލަސްކުރި އަނެއް ސަބަބަކީ މީގެ އެކްޝަން މަންޒަރުތައް އިތުރަށް ވަރުގަދަކުރަން ރާޖަމޯލީ އިތުރު ވަގުތު ބޭނުންވުމެވެ. "އާރްއާރްއާރް" އަކީ ގާތްގަނޑަކަށް 400 ކްރޯޑް ރުޕީސް (56 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާ ފިލްމެކެވެ. އަދި މި ފިލްމަކީ އިއުލާންކުރީއްސުރެ ބެލުންތެރިން ވަރަށް ބޮޑަށް އިންތިޒާރުކުރަމުން އަންނަ ފިލްމެކެވެ.

ސަބަބަކީ ބެލުންތެރިންގެ ހިތްތައް ފަތަހަކުރި "ބާހްބަލީ" ގެ ދެ ފިލްމަށް ފަހު ރާޖަމޯލީ ގެނެސްދޭ ފުރަތަމަ ޕީރިއަޑް ޑްރާމާއަށްވުމެވެ.

"އާރްއާރްއާރް" ފަސްކުރި ކަމަށް މީޑިއާތަކުން ބުނަމުން ދިޔަ ނަމަވެސް ފިލްމުގެ ޓީމުން އަދި އެކަން ކަށަވަރެއް ނުކޮށްދެ އެވެ.

އެކަމަކު މި ފިލްމު އަންނަ އަހަރު ރިލީޒްކުރަން ތާވަލުކޮށްފައި އޮތް ތާރީހުގެ އެއް ދުވަސް ފަހަށް ބޮލީވުޑްގެ ބޮޑު ދެ ފިލްމެއް ވެސް ރިލީޒްކުރަން ހަމަޖެހިފައިވެ އެވެ. އެއީ ޖުލައި 31، 2020 ގައި ރިލީޒްކުރާ ރަންބީރު ކަޕޫރްގެ "ޝަމްޝޭރާ" އާއި ކާތިކް އާރިޔަންގެ "ބޫލް ބުލައްޔާ 2" އެވެ.