މަހުލޫފަށް، ރިޔާޒްގެ އިލްތިމާސެއް!
މަހުލޫފަށް، ރިޔާޒްގެ އިލްތިމާސެއް!

ވޮލީބޯޅަ އެސޯސިއޭޝަނަށް ސްޕޯޓްސް ކޮމިޝަނަރު އައްޔަންކޮށްފައިވާ ނޯމަލައިޒޭޝަން ކޮމިޓީ ވެސް އަދި އެ ކޮމިޓީން ބާއްވާ އިންތިހާބު ވެސް ބަލައިނުގަންނާނެ ކަމަށް ދުނިޔޭގެ ވޮލީބޯޅަ ޖަމިއްޔާ، އެފްއައިވީބީން އަންގާފައިވާތީވެ އެ ނިންމުން މުރާޖައާކުރުމަށް އެ ކޮމިޓީ އަށް އަންގައިދިނުމަށް ވޮލީބޯޅަ އެސޯސިއޭޝަނުގެ ކުރީގެ ރައީސް މުހައްމަދު ރިޔާޒް މިއަދު ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފަށް އިލްތިމާސްކުރައްވައިފި އެވެ.

އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފުގެ ލީޑާޝިޕާ ގުޅުން ހުރި ސީރިއަސް މައްސަލަތައް ތަހުގީގުކޮށް ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީ އުވާލައި އެ އެސޯސިއޭޝަން ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލުކުރީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ. އަދި ސައްހަ މެމްބަރު ކްލަބްތަކެއް ކަނޑައެޅުމަށް ފަހު އަންގާރަ ދުވަހުގެރޭ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި، ހިންގާ ގަވާއިދަށް ބަދަލުތަކެއް ގެނެސް މި މަހުގެ 24 ގައި އިންތިހާބު ބާއްވަން ވަނީ ފާސްކޮށްފަ އެވެ.

އެކަމަކު އެފްއައިވީބީން ވަނީ ނޯމަލައިޒޭޝަން ކޮމިޓީ ބަލައިނުގަންނަން ކަމަށާއި ކުޅިވަރާ ބެހޭ ކަންތައްތައް ނިންމާއިރު އޮލިމްޕިކް ޗާޓަރާ އެއްގޮތްވާގޮތަށް އަމަލުކުރުމަށާއި ކުޅިވަރުގެ ކަންތައްތަކަށް ސިޔާސީ ނުފޫޒު ވަނުމުގެ އެއްވެސް ފުރުސަތެއް ނުދިނުމަށް ރާއްޖެ އަށް އަންގައިފަ އެވެ. އަދި ނޯމަލައިޒޭޝަން ކޮމިޓީން ކުރަމުން އަންނަ ވީއޭއެމްގެ މަސައްކަތް އެފްއައިވީބީ ގަބޫލުކުރާ ލަތީފްގެ ކުރީގެ ލީޑަޝިޕާ ހަވާލުކުރުމަށް ވެސް ވަނީ އަންގައިފަ އެވެ.

އެ އެންގުމަށް ބެލުމެއް ނެތި ނޯމަލައިޒޭޝަން ކޮމިޓީން ވަނީ އިންތިހާބު ބާއްވަން އިއުލާންކޮށްފަ އެވެ. ކުރީގެ ރައީސް ރިޔާޒް ވަނީ އެ އިންތިހާބުގައި ވާދަކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. އެކަމަކު އޭގެ ކުރިން އެ އިންތިހާބު ސައްހާވާނެތޯ ބެލުމަށް އޭނާ އާދީއްތަ ދުވަހު އެފްއައިވީބީ އަށް ސިޓީއެއް ފޮނުއްވި އެވެ. އެތަނުން އިއްޔެ ދިނީ ކުރިން ވެސް ދިން ޖަވާބެވެ. ބުނެފައިވަނީ ނޯމަލައިޒޭޝަން ކޮމިޓީ ބަލައިނުގަންނާނެ ކަމަށާއި ވާދަކުރާނެ ކްލަބްތައް ނިންމައި އެންޑޯޒްކޮށް އިންތިހާބެއް ބޭއްވުމުގެ އެއްވެސް ހައްގެއް ނޯމަލައިޒޭޝަން ކޮމިޓީއަށް ނެތް ކަމަށާއި އަދި ސަރުކާރުގެ އެކަށީގެންނުވާ ނުފޫޒަކަށް ބަރޯސާކޮށްގެން ބާއްވާ އެއްވެސް އިންތިހާބެއް އެތަނުން ރެކޮގްނައިޒް ނުކުރާނެ ކަމަށެވެ.

އެކަންކަމަށް ރިއާޔަތްކުރައްވައި މަހުލޫފަށް މިއަދު ރިޔާޒް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އިންތިހާބަކީ ނޯމަލައިޒޭޝަން ކޮމިޓީގެ އިސްނެގުމުގެ ދަށުން ބާއްވާ އިންތިހާބެއް ކަމަށްވާއިރު، ނޯމަލައިޒޭޝަން ކޮމިޓީއަކީ ވޮލީބޯޅައާ ބެހޭ ބައިނަލްއަގްވާމީ ފެޑެރޭޝަނުން ބަލައިނުގަންނަ ކޮމިޓީއަކަށް ވާއިރު، އެ ކޮމިޓީގެ އިސްނެގުމުގެ ދަށުން ބާއްވާ އެއްވެސް އިންތިހާބެއް އެ ފެޑެރޭޝަނުން ގަބޫލުނުކުރާނެ ކަމަށް ވާތީ، މި އިންތިހާބުގެ ސައްހަ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

"އަދި، މިފަދައިން ބާއްވާ އިންތިހާބެއްގެ ސައްހަކަމާ މެދު ސުވާލު އުފެދޭއިރު، މިއީ، މިފަދަ އިންތިހާބެއްގައި ބައިވެރިވުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ވެސް މިފަދަ އިންތިހާބެއްގައި ކުރިމަތިލުމަށް އޮތް ހުރަހެއްކަން ވެސް ފާހަގަކުރަމެވެ،" އެފްއައިވީބީން ދިން ޖަވާބުގެ ސިޓީއާ އެކު، ސްޕޯޓްސް ކޮމިޝަނަރަށް ކޮޕީކުރައްވައި މަހުލޫފަށް ރިޔާޒް ފޮނުއްވި ސިޓީގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އެސޯސިއޭޝަނަކީ ގައުމީ ކުޅިވަރު ޖަމިއްޔާއެއް ކަމަށްވާއިރު، އަދި އެ އެސޯސިއޭޝަނުގެ އެކްސްކޯ އިންތިހާބުވާން ޖެހޭނީ ބައިނަލްއަގްވާމީ މުޖުތަމައު ވެސް ގަބޫލުކުރާ ފަދަ އިންތިހާބަކަށް ކަން ރިޔާޒް ފާހަގަކުރައްވާފައިވެ އެވެ. އެހެންވެ މިހާރު އިންތިހާބެއް ބޭއްވި ނަމަވެސް އެފަދަ އިންތިހާބެއް ބައިނަލްއަގްވާމީ މުޖުތަމައުން ގަބޫލުނުކުރާނެ ކަމަށް ބެލެވެން އޮތްއިރު މިފަދަ އިންތިހާބެއް މިހާރު ބާއްވައިފި ނަމަ ކްލަބް ޖަމިއްޔާތަކުގެ މެދުގައި އޮންނަ އެކުވެރިކަމާއި މަސްހަލަތަށް މިކަމުގެ ސަބަބުން ނޭދެވޭ އަސަރުކުރާނެ ކަމާއި އަދި ރާއްޖޭން ބޭރުގައި ވޮލީބޯޅައިގެ ކަންކަން ކުރިއެރުވުމަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެގެންދާނެ ކަމަށް ވެސް ސިޓީގައިވެ އެވެ.

"ވީމާ، 24 އޮކްޓޯބަރު 2019 ގައި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިހާބު ބޭއްވުމަށް ނޯމަލައިޒޭޝަން ކޮމިޓީން ނިންމާފައިވާ ނިންމުން މުރާޖައާކުރެއްވުމަށް އެ ކޮމިޓީ އަށް އަންގަވައި، އެފްއައިވީބީން ބަލައިގަންނާނެ ފަދަ އިންތިހާބެއް ބޭއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ އިންތިޒާމް ކޮމިޝަނާ އޮފް ސްޕޯޓްސް މެދުވެރިކޮށް ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ހަމަޖައްސައިދެއްވުމަށް އެދި އިލްތިމާސްކޮށް ދެންނެވީމެވެ،" ސިޓީގައިވެ އެވެ.

ސްޕޯޓްސް ކޮމިޝަނަރަކީ ސްޕޯޓްސް މިނިސްޓަރާއި ސްޕޯޓްސް ކައުންސިލުގެ ލަފާގެ މަތިން ރައީސް އައްޔަންކުރައްވާ ބޭފުޅެކެވެ. އަދި އޭނާ އަކީ ސްޕޯޓްސް މިނިސްޓަރާއި ސްޕޯޓްސް ކައުންސިލަށް ޖަވާބުދާރީވާން ޖެހޭ މީހެކެވެ. އަދި މަސައްކަތްކުރައްވަނީ ވެސް މިނިސްޓްރީގެ އޮފީހެއްގަ އެވެ.