ބޮޑުވަޒީރުގެ ޕްރެޝަރާ އެކު ބަލްގޭރިއާ އެފްއޭ ރައީސް އިސްތިއުފާ ދެއްވައިފި
ބޮޑުވަޒީރުގެ ޕްރެޝަރާ އެކު ބަލްގޭރިއާ އެފްއޭ ރައީސް އިސްތިއުފާ ދެއްވައިފި

ސޯފިއާ، ބަލްގޭރިއާ (އޮކްޓޫބަރު 16) - ޔޫރޯ ކޮލިފައިން މެޗެއްގައި ބަލްގޭރިއާ ސަޕޯޓަރުން އިންގްލެންޑުގެ ކުޅުންތެރިންނާ ނަސްލީ ގޮތުން ދިމާކުރި މައްސަލައިގައި ޕްރެޝަރު ބޮޑުވެ، ބަލްގޭރިއާގެ ބޮޑުވަޒީރު ބޮއިކޯ ބޮރިސޯފް އަންގަވައިގެން އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ބޮރިސްލާވް މިހައެލޯވް އިސްތިއުފާ ދެއްވައިފި އެވެ.

ޔޫރޯ ކޮލިފައިންގައި ހޯމަ ދުވަހުގެރޭ ބަލްގޭރިއާ އަތުން 6-0 އިން އިންގްލެންޑް މޮޅުވި މެޗުގައި އެ ޓީމުގެ ކުޅުންތެރިންނާއި ބަލްގޭރިއާގެ ސަޕޯޓަރުން ނަސްލީ ގޮތުން ދިމާކުރުމުން އެ މެޗު ދެ ފަހަރެއްގެ މަތިން ހުއްޓާލަން ޖެހުނެވެ.

އެ މެޗުގައި ހިނގައިދިޔަ ކަންތައްތަކުން ފުޓްބޯޅައިގެ އެކި ފަރާތްތަކުގެ ނުރުހުން ބަލްގޭރިއާ އަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައި އެ ގައުމުގެ ބޮޑު ވަޒީރު ބޮރިސޯފް ވަނީ ފުޓްބޯޅަ އެފްއޭގެ ރައީސް މިހައެލޯވް އިސްތިއުފާ ދޭން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ބަލްގޭރިއާގެ ފުޓްބޯޅަ އެފްއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފާއިތުވި ދުވަސްތަކުގައި ދިމާވެފައިވާ އުނދަގޫ ކަންތައްތަކެއްގެ ސަބަބުން މިހައެލޯވް މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އެ ބަޔާނުގައި އިންގްލެންޑް މެޗުގައި ހިނގާދިޔަ ނަސްލީ ތަފާތު ކުރުމުގެ ވާހަކަ އާއި ބޮޑުވަޒީރު ބޮރިސޯފްގެ ޕްރެޝަރުގެ ވާހަކަ ހިމަނާފައިނުވެ އެވެ.

އެފްއޭގެ ރައީސް މިހައެލޯވް އިސްތިއުފާ ދީފައިމިވަނީ އެ އިދާރާއާ ގުޅިގެން ކޮރަޕްޝަނުގެ މައްސަލަތަކެއް ވެސް ތަހުގީގުކުރަމުންދާ ދަނޑިވަޅެއްގަ އެވެ. ތަހުގީގު ކުރަމުން އަންނަނީ މެޗު ފިކްސިންގެ މައްސަލަތަކާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެކެވެ. އެ މައްސަަލަތަކާ މިހައެލޯވްއާ ގުޅުން އޮތް ކަމަށް ބަލްގޭރިއާގެ މީޑިއާތަކުން ތުހުމަތުކުރެ އެވެ. މިހައެލޯވް އަކީ 2011 ވަނަ އަހަރުން ފެށިގެން ފީފާގެ އެގްޒެކްޓިވް ކޮމިޓީގެ މެމްބަރެކެވެ.

ބަލްގޭރިއާގައި ފަހަކަށް އައިސް ކުޅޭ ބައިނަލްއަގުވާމީ މެޗުތަކުގައި ނަސްލީ ތަފާތުކުރުމުގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. ބަލްގޭރިއާއާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ކޮސޯވޯ އާއި ޗެކް ރިޕަބްލިކުން ވެސް ވަނީ އެ ޝަކުވާތައް ޔުއެފާ އަށް ހުށަހަޅައިފަ އެވެ.