ބައި ލައްކަ ސަޕޯޓަރުން: އިންޑިއާ ސަލާމަތްވީ ކިރިޔާ
ބައި ލައްކަ ސަޕޯޓަރުން: އިންޑިއާ ސަލާމަތްވީ ކިރިޔާ

ކަލްކަތާ (އޮކްޓޯބަރު 16) – ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އަމިއްލަ ދަނޑުގައި، ބައި ލައްކަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެ އިންޑިއާ އިން ފަހު ވަގުތު ބަންގްލަދޭޝާ 1-1 އިން އެއްވަރުކޮށް އުނދަގުލުން ޕޮއިންޓެއް ހޯދައިފި އެވެ.

ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމުގައި، 53،000 ސަޕޯޓަރުންގެ ކުޅުނު މި މެޗުގެ 42 ވަނަ މިނެޓުގައި ބަންގްލަދޭޝްގެ ސާދުއްދީން ވަނީ ލީޑު ނަގައިފަ އެވެ. އޭގެ ކުރިން އެ ޓީމަށް ދެ ޕެނަލްޓީ ލިބެން ޖެހޭ ހާލަތުތަކެއް ދިޔަ އެވެ. އެކަމަކު ރެފްރީ ޕެނަލްޓީ ނުދެ އެވެ.

ދެ ވަނަ ހާފަށް ބަންގްލަދޭޝް ނުކުތީ ފަހަތަށް ޖެހި ޑިފެންސް ކުރާ ގޮތަށެވެ. އެއާ އެކު ޕްރެޝަރުގައި އޮތް އިންޑިއާ އަށް އިތުރު އުނދަގޫތަކާ ކުރިމަތިވި އެވެ. ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވަނިކޮށް އިންޑިއާ އަށް ހަމަނޭވާއެއް ލެވުނީ ކޯނަރަކުން ހުރަސްވި ބޯޅައަކުން އާދިލް އަހުމަދު ޚާން 88 ވަނަ މިނެޓުގައި ވައްދާލި ލަނޑުންނެވެ.

ބަންގްލަދޭޝްގެ ކޯޗު ޖޭމީ ޑޭ ބުނީ ރަށުން ބޭރުގައި އިންޑިއާ އަތުން ޕޮއިންޓެއް ލިބުމަކީ ރަނގަޅު ނަތީޖާއެއް ކަމަށާއި އެކަމަކު މި މެޗު ދިޔަ ގޮތުން، މޮޅުވާން ފުރުސަތު ލިބި އެކަން ނުވުމުން މާޔޫސްވި ކަމަށެވެ.

މި ނަތީޖާއާ އެކު އިންޑިއާ އޮތީ އޭޝިއަން ކަޕުގެ ކޮލިފައިންއާ އެކު ވެސް ކުރިއަށްދާ ވޯލްޑް ކަޕް ކޮލިފައިންގެ ގްރޫޕުގައި ތިން މެޗުން ލިބުނު ދެ ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ބަންގްލަދޭޝް އޮތީ ތިން އެއް ޕޮއިންޓާ އެކު ފުލުގަ އެވެ. ގްރޫޕުގެ އެއް ވަނައިގައި އޮތީ ހަތަރު މެޗުން 10 ޕޮއިންޓް ހޯދާފައިވާ ގަތަރެވެ. އޮމާނާއި އަފްގާނިސްތާން، ކޮންމެ ޓީމެއް ތިން މެޗު ކުޅެފައިވާއިރު އޭގެ ތެރެއިން އޮމާން އޮތީ ހަ ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ. އަފްގާނިސްތާން އޮތީ ތިން ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ.