16 އޮކްޓޯބަރ 2019 - 10:54

އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ބާއްވާ ކަލަ ރަންގެ ފޯރި އިތުރުކުރުމުގެ ގޮތުން، ދުވުން ބާއްވާ ހަފުތާ ބަންދަށް ހާއްސަ ހަރަކާތްތަކެއް ރާވައިފި އެވެ.
އާއިލާ އާއި ރައްޓެހިންނާ އެކު ހިތްގައިމު ވަގުތުތަކެއް ހޭދަކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން، އުރީދޫ އިން ބާއްވާ ހަރަކާތްތަކުގެ ތެރޭގައި އުރީދޫ މޫދު މަޖާ އާއި އުރީދޫ ކައިޓް ފެސްޓިވަލް އާއި އުރީދޫ ކަލަ ރަންގެ އިތުރުން ކަލަ ރަން މިއުޒިކް ފެސްޓީވް ހިމެނެ އެވެ.
މި ހަރަކާތްތަކުގެ ތެރެއިން އުރީދޫ މޫދު މަޖާ އޮންނާނީ އަންނަ މަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 8:00 އިން 10:30 އަށެވެ. މި ހަރަކާތް ކުރިއަށްދާ ވަގުތު އުރީދޫގެ ކެފޭ ޕާޓްނަރުންގެ ސްޓޯލްތަކުން ލިބޭ ކާބޯތަކެތީގެ ތެރޭގައި، ދަތުރުގޮސް ދިވެހިން ކައިއުޅޭ އަނބު މަޖާ އާއި މަސްކާށި ފަދަ ތަކެތި ލިބޭނެ އެވެ.
މީގެ އިތުރުން އުރީދޫ ކައިޓް ފެސްޓިވަލް އޮންނާނީ ނޮވެމްބަރު 29 ވަނަ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށެވެ. އުރީދޫ ގުޑި މަހާސަމާގައި މަޑި އެރުވުމާއި މަޑި ހެދުމުގެ ވާކްޝޮޕްތަކާއި ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތައް ހިމެނެ އެވެ. މި ހަރަކާތުގައި ބައިވެރިވުމަށް ކުރިން ރަޖިސްޓަ ވާކަށް ނުޖެހެ އެވެ.
މީގެ އިތުރުން ނޮވެބަރު 30 ވަނަ ދުވަހު، އުރީދޫ ކަލަ ރަން އޮންނާނެ އެވެ. ހަވީރު 3:30 އިން 6:00 އަށް ކުރިއަށްދާ ފަސް ކިލޯ މީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށް ވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެކެވެ. އުރީދޫ ކަލަ ރަން އައްޑޫގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަކުރާނެ އެވެ.
އުރީދޫ ކަލާ ރަންގައި ބައިވެރިވެ، މެޑަލް ލިބިގެންދާނީ ރަޖިސްޓާ ކުރާ ދުވުންތެރިންނަށެވެ.
ކަލަ ރަން ހަރަކާތަށް ފަހު އެރޭ 8:30 އިން 11:00 އަށް މިއުޒިކް ފެސްޓިވަލް އޮންނާނެ އެވެ. ކަލަ ރަން ނިމުމަށް ފަހު، ހޮނިހިރު ދުވަހުގެ ރޭގަނޑު ހާއްސަކޮށްފައިވަނީ ރާއްޖޭގެ ކުޅަދާނަ މިއުޒިކީ ތަރިންނާ އެކު ބާއްވާ މިއުޒިކް ޝޯއަކަށެވެ. މިފަހަރުގެ މިއުޒިކް ޝޯގައި ހަބޭސް ބޮޑުބެރު، މޫޝާން އަދި ޒަކިއްޓެގެ އިތުރުން އެހެން އާޓިސްޓުން ފެންނާނެ ކަމަށް އުރީދޫ އިން ބުންޏެވެ.