17 އޮކްޓޯބަރ 2019 - 06:47

ޝާހްރުކް ޚާން އާ ފިލްމަކަށް ސޮއިނުކޮށްގެން ކަންބޮޑުވުން ފާޅުކުރާ ފޭނުންނަށް އޮތީ އުފާވެރި ޚަބަރެކެވެ. މީޑިއާތަކުން މިހާރު ރިޕޯޓްކުރަމުން އަންނަ ގޮތުގައި އަންނަ މަހުގެ 2 ގައި ފާހަގަކުރާ އޭނާގެ 54 ވަނަ އުފަން ދުވަހު ދެތިން ފިލްމެއް އިއުލާންކުރަން އަންނަނީ ތައްޔާރީތައްވަމުންނެވެ.
ޝާހްރުކް ވަނީ ދާދި ފަހުން އެކަހަލަ އިޝާރާތެއް ވެސް ދީފަ އެވެ.
މުމްބާއީ މިރާ އިން ބުނިގޮތުގައި އުފަން ދުވަހު ޔަގީނުން ވެސް ޝާހްރުކް ދެ ފިލްމެއް އިއުލާންކުރާނެ އެވެ. އޭގެ ތެރެއިން އެކައްޗަކީ ރާޖްކުމާރު ހިރާނީ ޑައިރެކްޓްކުރާ ފިލްމެއް ކަމަށް ބުންޏެވެ. މީގެ އިތުރުން މިދިޔަ އަހަރު ރަޖްނީކާންތުގެ "2.0" ގެނެސްދިން ޑައިރެކްޓަރު އެސް ޝަންކަރުގެ ފިލްމެއް ވެސް ޝާހްރުކް އިއުލާންކުރާނެ ކަމަށްވެ އެވެ. އަދި ޝަންކަރުގެ ފިލްމަކީ އޭނާ މިހާރު ކަމަލް ހަސަނާ އެކު ހަދަމުން އަންނަ "އިންޑިއަން 2" އަށް ފަހު، މަސައްކަތް ފަށަން ޕްލޭންކޮށްފައި އޮތް ފިލްމެއް ކަމަށްވެ އެވެ.
މީގެ އިތުރުން "ބެންޑް އިޓް ލައިކް ބެކަމް" ގެނެސްދިން ޑައިރެކްޓަރު ގުރިމްދަރު ޗައްޑާގެ ފިލްމަކަށް ވެސް ޝާހްރުކް ވާހަކަތައް ދައްކަމުން އަންނަ އިރު، ތަމަޅަ ޑައިރެކްޓަރު އެޓްލީގެ ފިލްމެއް ވެސް އޭނާ އަށް ހުށަހަޅާފައިވާ ކަމުގެ އަޑުތައް ގަދަ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން ފަހަރުގައި ސަންޖޭ ލީލާ ބަންސާލީގެ ފިލްމެއް ކުޅޭކަން ވެސް ޝާހްރުކް އިއުލާންކޮށްފާނެ އެވެ.
އެހެންވެ އިންތިޒާރުކޮށްލަން ޖެހެނީ އަންނަ މަހުގެ 2 އަށެވެ.
ޝާހްރުކް އެންމެ ފަހުން ކުޅުނީ މިދިޔަ އަހަރުގެ "ޒީރޯ" އެވެ. އޭނާ މި ފަހުން ކުޅުނު ހުރިހާ ފިލްމުތަކެއްހެން ފްލޮޕްވެފައިވާތީ ކެރިއަރުގެ ކުރިމަގާ މެދު ބޮޑެތި ސުވާލުތަކެއް އުފެދިފައިވެ އެވެ.