16 އޮކްޓޯބަރ 2019 - 13:29

"ދެން ވަޒީފާއަށް ދާނެ ކަމެއް ނެތް. ކައިވެނި ރޫޅާލާފައި ގޭގައި ތިބެންވީ. އެލަވަންސް ލިބޭނު."
މިއީ އެކަނިވެރި މައިންނާއި ބަފައިންނަށް ސަރުކާރުން ދެމުން އަންނަ އެލަވަންސަށް ބޮޑު ބަދަލެއް ގެނެސް އެންމެ ގިނަވެގެން 10،000ރ. ލިބޭ ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ބަދަލުކުރެއްވުމުން އާންމުންގެ މީހަކު ސޯޝަލް މީޑިއާގައި ލިޔެފައިވާ ސްޓޭޓަސްއެކެވެ.
އޭނާ އެކަންޏެއް ނޫނެވެ: އެލަވަންސް ދިނުމުގެ އާ އޮނިގަނޑަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. ސޯޝަލް މީޑިއާ އާއި ކޮފީ މޭޒުތަކުގައި ވެސް އެންމެ ފޯރިއާ އެކު މިހާރު ދައްކާ އެއް ވާހައަކީ "ވަރިކޮށްގެން އެލަވަންސް ހޯދާ ވާހަކަ" އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދޭން ފެށި އެ އެލަވަންސަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ގައި ވެސް ބަދަލުތަކެއް ގެނަ އެވެ. އެގޮތުން ތިބި ކުދިންގެ މައްޗަށް ބިނާކޮށް، ކޮންމެ ކުއްޖަކަށް 1،000ރ.ގެ މަގުން މަހެއްގެ މައްޗަށް އެފަދަ އާއިލާއަކަށް ގިނަވެގެން 3،000ރ. ލިބެ އެވެ. އިއްޔެ ގެނައި ބަދަލުގެ ސަބަބުން، އެ އަދަދު 10،000ރ. އާ ހަމައަށް ބޮޑުވެ އެވެ.
އެ އެލަވަންސް ދެނީ ވަރިވެފައި ތިބޭ މީހުންގެ ތެރެއިން ދަރިން ބަލަހައްޓާ ބެލެނިވެރިޔާއަށެވެ. ނަމަވެސް އެ ބެލެނިވެރިޔާ ވަޒީފާއަށް ދާ ނަމަ އެލަވަންސެއް ނުލިބެ އެވެ.
އެލަވަންސް ބޮޑުކުރަން ސަރުކާރުން ނިންމީ މާލީ އެހީގެ ޕްރޮގްރާމް މިހާރު ހިނގަމުން ދާ ގޮތުން، އެހީ ހައްގުވާ ބައެއް މީހުން އިސްތިސްނާ ވަމުންދާތީ ކަމަށް ރައީސް އޮފީިހުން ބުނެ އެވެ.
ނަމަވެސް ގިނަ ބަޔަކު އެކަން ސިފަކުރީ އެއީ ދައުލަތަށް ބަރުބޮޑުވާނެ އިތުރު ހަރަދެއްގެ ގޮތުގަ އެވެ. ސަރުކާރުން ބޮޑު ހަރަދެއް ކުރުމުގެ ބަދަލުގައި ދަރިން ބެލުމަށް ހަރަދު ނަގަން ޖެހޭނީ ކުދިންގެ ބައްޕަގެ އަތުން ކަމަށް ފާޑުކިޔާ މީހުން ބުނެ އެވެ. އަދި ހަރަދު ނުދޭ ބައްޕައިންނާ މެދު ފިޔަވަޅު އަޅައިގެން ނަމަވެސް ހަރަދު ހޯދައިދޭން ޖެހޭ ކަމަށް ބުނެ އެވެ.
ބެލެނިވެރިކަމުގެ ދަށުގައި ތިބި ކުދިންގެ ނިސްބަތުން ބަލައިގެން މި އެލެވަންސްގެ އެންމެ މަތިން ލިބޭނީ 10 ކުދިން ބަލަހައްޓާ ނަމަ އެވެ. ކުރިން ނަމަ ތިން ކުދިންނަށް ވުރެ ގިނަވިޔަސް ލިބެނީ ގިނަވެގެން 3،000ރ އެވެ.
އެކަމަކު އާންމުންގެ ހިޔާލު މި މައްސަލާގައި ތަފާތެވެ. ޒިންމާ ނަގަން ޖެހޭ ބައްޕަ ސަލާމަތުން ހުރި ކަމަށް ވާ ނަމަ، ކުދިންނަށް ހަރަދު ކުރަން ޖެހޭނީ އޭނާ ކަމަށް، އެންމެން ވެސް ގަބޫލުކުރެ އެވެ.
"ތިޔައީ ސަރުކާރުން ދޭން ޖެހޭ އެއްޗެއް ނޫން. ގައުމުގެ ބައިތުލްމާލު ލޫޓުވުން ހުއްޓާލާ!،" އެލަވަންސް ބޮޑުކުރި ހަބަރާ ގުޅިގެން "މިހާރު"ގެ ކިއުންތެރިޔަކު ކުރި ކޮމެންޓެއްގައިވެ އެވެ.
"ވަރިކުރިޔަސް ދަރިންނަށް ހަރަދު ކުރަން ބައްޕަގެ މައްޗަށް ވާޖިބުވާނެ. ދަރިންނަށް ހަރަދު ނުކުރަންޏާ އެމީހަކަށް ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު ސަރުކާރުން އަޅަން ޖެހޭ. ބައިތުލްމާލުން އެންމެ ލޯ ލާރިއެއް ވެސް ހަރަދުކުރާކަށް ނުޖެހޭ."
އެކަމަކު އަނެއްކޮޅުން ދައުލަތުން ޒިންމާ ނަގަން ޖެހޭ ހާލަތެއް ވެސް މިކަމުގައި އެބަ އާދެ އެވެ. މިސާލަކަށް ބައްޕަ މަރުވުން ނުވަތަ މަންމަ މަރުވެގެން، ހުރިހާ ކަމެއް ބަފަޔަކު އުފުލަމުން، ލިބޭ އާމްދަނީން ނުފުދެންޏާ އޭގައި ދައުލަތުގެ އެހީތެރިކަމެއް އޮތުން ގޯހެއް ނޫނެވެ. އެކަމަކު އެގޮތަށް ބިނާކޮށް އެލަވަންސް ދެންޏާ އެފަދަ އާއިލާތައް ހުންނަން ޖެހޭނީ ރަނގަޅަށް ވަކިކުރެވި، ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް ފަސޭހައިން މައުލޫމާތު އެނގޭ ފަދަ ގޮތަކަށެވެ.
އެކަނިވެރިންނަށް ދޭ އެލަވަންސް ބޮޑުކުރުމާ ބައެއް މީހުންގެ ވިސްނުން ދިޔައީ ވަރިއާ ދިމާއަށެވެ. އެ އެލަވަންސްގެ ބޭނުމުގައި ވަރިކުރުން ގިނަވެދާނެ ކަމަށް، އެގޮތަށް ވިސްނާ މީހުން ދެކެ އެވެ. ސިވިލް ސާވިސް އާއި އަމިއްލަ ގިނަ ވަޒީފާތަކުގައި އުޅޭ މީހުންނަށް މަހު މުސާރައިގެ ގޮތުގައިި ނުލިބޭ އަދަދަކަށް އެލަވަންސް އެބަ އަރަ އެވެ. އެހެންކަމުން ބައެއް މީހުންގެ ނަޒަރުގައި ދައުލަތުގެ މުސާރައިގެ އޮނިގަނޑަށް ވުރެ ބޮޑު އެއްޗެއް އެލަވަންސްގެ ގޮތުގައި ދިިނުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ.
އެ ނަޒަރުން ބަލަންޏާ ފާހަގަކޮށްލަން ޖެހޭ ޕޮއިންޓްތަކެއް އެބަ ހުއްޓެވެ. މިސާލަކަށް ސިވިލް ސާވިސްގެ ވަޒީފާތަކުގައި ބުރަކޮށް އުޅެމުން އަންނަ މީހުންނަށް ގިނަވެގެން 8،000ރ ލިބި، އެ މީހުންގެ ދަަރިންގެ ކަންކަން އެއިން ހަމަޖައްސަ އެވެ. އެކަމަކު ވަޒީފާއެއް އަދާނުކޮށް، ގޭގައި ހަމައެކަނި ތިބެގެން، ދަރިންގެ ނިސްބަތުން ސަރުކާރުން އެލަވަންސް ދެންޏާ، ވަޒީފާއަށް ގޮސް ބުރަކޮށް އުޅުމުގެ މާނައެއް، އެއްބަޔަކަށް ނޯވެދާނެ އެވެ.
ގާނޫނީ ވަކީލް ހުސްނުއް ސުއޫދު ކުރެއްވި ޓްރީޓެއްގައި ވިދާޅުވީ އޭނާ ހދ. ކުޅުދުއްފުއްޓަށް ވަޑައިގެންނެވި ދަތުރުގައި ދިމާވި ގާނޫނީ ދާއިރާގެ ބަޔަކު މަޝްވަރާކުރި ކަންތައްތަކުގެ ތެރޭގައި އެކަނިވެރި ބެލެނިވެރިންނަށް ދޭ އިނާޔާތް ހޯދުމުގެ ނިޔަތުގައި ވަރިވާ ދެމަފިރިންގެ އަދަދު ގިނަވުން ހިމެނޭ ކަމަށެވެ. އަދި ދެމަފިރިން ވަރިވަނީ އެލަވަންސް ހޯދަން ހަމައެކަނި ނަމަކަށް ކަމަށާއި އެކުގައި ވަރިކުރުމަށް ފަހު ވެސް ދިރިއުޅެނީ އެކުގައި ކަމަށް، އެ މީހުންނާ ހަވާލާދެއްވައި އޭނާ ވިދާޅުވި އެވެ.
އެއް ބައެއްގެ ނަޒަރުގައި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް ބޮޑުނުކޮށް މިފަދަ އެލަވަންސްތައް ބޮޑުކުރުމަކީ ވެސް ހަމަޖެހޭ އުސޫލެއް ނޫނެވެ.
"އެކަނިވެރި މައިންގެ އަދަދު ސިވިލް ސާވެންޓުންނަށް ވުރެ ގިނަ. [އަދި] 2020 ވެގެންދާނީ އެންމެ ވަރި ގިނަ އަހަރުގެ ގޮތުގައި. ސަރުކާރުގައި މަސައްކަތް ކުރާ މީހުން އެ މީހުންގެ އާއިލާގައި ހުންނަ އެކަނިވެރި ބަފައި ނުވަތަ އެކަނިވެރި މައިގެ ގާތުގައި ސަލާން ޖަހާ ހިސާބަށް ތިޔަ ސިޔާސަތުގެ ދަށުން ވެއްޓިގެންދާނެ،" އެހެން ކިއުންތެރިޔަކު "މިހާރު"އަށް ކުރި ކޮމެންޓެއްގައި ބުންޏެވެ.
މިފަދަ އެލަވަންސްތައް އިތުރަށް ބޮޑުކުރުމަކީ މުޅި ގައުމު ވެލްފެއާ ނިޒާމެއްގެ ތެރެއިން ހިންގުންތޯ ވެސް އެބަ ސުވާލު އުފައްދަ އެވެ. ކޮންމެ މަހަކު ސަރުކާރުން އެލަވަންސް ދިނުމުގެ ބަދަލުގައި މަސައްކަތްކުރަންވީ ވަރި ގިނަވެ، ކުދިން ހާލުގައި ޖެހޭ ސަބަބުތައް ހޯދައި، އެ މައްސަލަތައް ހައްލުކުރަން ކަމަށް، ބައެއް މީހުން ދެކެ އެވެ.
ރާއްޖޭގައި ވަރިކޮށްފައި ހަރަދު ނުދޭ ބަފައިން ގިނަ އެވެ. އެހެންކަމުން ދައުލަތުން ދޭ އެލަވަންސްގެ ތެރެއިް ދަރިންގެ ކަންކަން ބަލަހައްޓާ ނިކަމެތި މައިން ވެސް ރާއްޖޭގައި އުޅެ އެވެ.
އެކަމަކު އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވަންސް ބޮޑުކުރުމުގެ ހަބަރާ އެކު އާންމުންގެ މެދުގައި ވަނީ ވަރުގަދަ ބަހުސެއް އުފެދިފަ އެވެ.