17 އޮކްޓޯބަރ 2019 - 06:47

ޑައިރެކްޓަރު އާނަންދު އެލް ރާއީ ޕްރޮޑިއުސްކުރާ ފިލްމެއް ކެޓްރީނާ ކެއިފާއި ވިދިޔާ ބާލަން އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި ދެ ތަރިންނަށް ހުށަހަޅާފައި ވަނީ އާނަންދުގެ ކަލަ ޔެލޯ ޕްރޮޑަކްޝަނުން އަލަށް ޑައިރެކްޝަނަށް ނުކުންނަ އަނިރުދު ގަނަޕަތީ ޑައިރެކްޓްކުރާ ފިލްމެކެވެ. އޭނާ އަކީ އާނަންދާ އެކު ވަރަށް ގިނަ ޕްރޮޖެކްޓްތަކެއްގައި އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ މީހެކެވެ.
ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި އަނިރުދުގެ ފިލްމަށް އާނަންދު މިދިޔަ އަހަރު ގެނެސްދިން "ޒީރޯ" ވެސް ކުޅުނު ކެޓްރީނާ މިހާރު ސޮއިކޮށްފައިވާ އިރު، ފިލްމަށް ވިދިޔާ ވެސް ފެހި ސިގްނަލް ދިނުމުގެ ފުރުސަތު ބޮޑެވެ.
އޭގެ ސްކްރިޕްޓް މިހާރު އޮތީ ނިންމުމުގެ ފަރު މަރުހަލާގައި ކަމަށްވާތީ މާ ލަސްތަކެއް ނުވެ ފިލްމު ރަސްމީކޮށް އިއުލާންކުރާނެ ކަމަށްވެ އެވެ.
ކެޓްރީނާ އާއި ވިދިޔާ މިހާތަނަށް އެކީގައި މަސައްކަތްކޮށްފައި ނުވާތީ އާނަންދުގެ މި ފިލްމުވެގެން ދާނީ ދެ ތަރިންގެ ފޭނުންނަށް ވެސް ވަރަށް ހާއްސަ ފިލްމަކަށެވެ.
ވިދިޔާ މިހާރު ބައޮގްރަފިކަލް ޑްރާމާ "ޝަކުންތަލާ ދޭވީ" ގެ މަސައްކަތްކުރަމުން އަންނަ އިރު، ކެޓްރީނާ އަންނަނީ "ސޫރިޔާވަންޝީ" ގެ މަސައްކަތްކުރަމުންނެވެ. ،މި ދ ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރު އެވެ.