ކަންގަނާގެ ފިލްމު ކުންފުނިން އަންނަ އަހަރު ފިލްމު ހަދަން ފަށަނީ
ކަންގަނާގެ ފިލްމު ކުންފުނިން އަންނަ އަހަރު ފިލްމު ހަދަން ފަށަނީ

ބަތަލާ ކަންގަނާ ރަނާވަރު މަނިކަރްނިކާގެ ނަމުގައި އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ރަޖިސްޓްރީކުރީ މި އަހަރު ކުރީކޮޅު ރިލީޒްކުރި ފިލްމު "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" ގެ މަސައްކަތްކުރަމުން ދިޔަ ދުވަސްވަރު އެވެ. އެކަމަކު އެކްޓިން އޭނާގައި ބިޒީވެގެން ސްޓޫޑިއޯގެ މަސައްކަތްތައް އޮތީ ނުފެށި އެވެ.

ނަމަވެސް ކަންގަނާ މިހާރު އަންނަނީ މަނިކަރުނިކާ ޕްރޮޑަކްޝަން ހައުސްގެ މަސައްކަތް އަމަލީ ގޮތުން ފެށުމުގެ ތައްޔާރީތައް ވަމުންނެވެ. އެގޮތުން ސްޓޫޑިއޯއެއް ހިންގަން މުމްބާއީގެ ޕާލީ ހިލް އިން މިހާރު ވަނީ އޮފީސް އިމާރާތެއް ވެސް ގަނެފަ އެވެ.

ކަންގަނާ ބުނިގޮތުގައި ސްޓޫޑިއޯ ތައްޔާރުކުރުމުގެ މަސައްކަތް އަންނަ ޖެނުއަރީގައި ނިމުމާ އެކު، އެތަނުން ފިލްމުތައް ހަަދަން ފަށާނެ އެވެ.

ތިން ފަހަރަށް ނެޝަނަލް އެވޯޑް ހޯދައި، މިހާރު ޑައިރެކްޝަނަށް ވެސް ނުކުމެފައިވާ ހުނަރުވެރި ބަތަލާ ބުނިގޮތުގައި އޭނާގެ ސްޓޫޑިއޯގެ އެންމެ ހާއްސަ ކަމަކަށްވާނީ ހުނަރުވެރި މީހުންނަށް ފުރުސަތުތައް ފަހިކޮށްދިނުމެވެ.

ބޮލީވުޑުން ފުރުސަތު ލިބެނީ ހަމައެކަނި ފިލްމީ އާއިލާތަކަށް ނިސްބަތްވާ މީހުންނާއި ނުފޫޒު ގަދަ މީސްމީހުންނާ ގުޅުން އޮންނަ މީހުންނަށް ކަމަށް ބުނެ އެންމެ ބޮޑަށް ފާޑުކިޔާ އެކަކީ ވެސް ކަންގަނާ އެވެ. ނެޕޮޓިޒަމްގެ ވާހަކަ ކަންގަނާ ވަރަށް ގިނައިން ދައްކަ އެވެ.

އެހެންވެ އޭނާގެ ސްޓޫޑިއޯ ވެގެން ދާނީ ވަކި މީހަކަށް ބެލުމެއް ނެތި ހުނަރު ނެރެން ބޭނުންވާ ކޮންމެ މީހަކަށް ހުޅުވާލެވިފައިވާ ތަނަކަށް ކަމަށް ބުންޏެވެ.

ކަންގަނާ، 32، ބުނި ގޮތުގައި މިހާރު ވެސް ވަރަށް ޝައުގުވެރި ސްކްރިޕްޓަތަކެއް އަތުގައި ހުރުމާ އެކު، އެ އެއްޗިއްސަށް ފިލްމުތައް ހެދުމުގެ މަސައްކަތް މަނިކަރްނިކާ ސްޓޫޑިއޯ އިން ކުރާނެ އެވެ. އަދި ވަރަށް ހާއްސަ ކަމެއް ދީގެން ކުޑަ ބަޖެޓްތަކުގެ ފިލްމުތައް ހަދާނެ ކަމަށް ވެސް ބުންޏެވެ.

އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ލޯންޗްކޮށް އޭގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ އިރު ކަންގަނާ ވަނީ އޭނާގެ އަމިއްލަ ބައޮގްރަފިކަލް ޑްރާމާއެއް ޑައިރެކްޓްކޮށް، ކުޅެން ވެސް ނިންމައިފަ އެވެ. އޭނާ މިހާރު އަންނަނީ ޓަމިލް ނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ވާހަކަ ކިޔައިދޭ ފިލްމު "ތަލައިވީ" ގެ ޝޫޓިން ފަށަން ތައްޔާރުވަމުންނެވެ.

ބޮލީވުޑުން އެންމެ ބޮޑު އާމްދަނީއެއް ވެސް ލިބޭ ބަތަލާއިންގެ ތެރޭގައި ހިމެނޭ ކަންގަނާގެ ކުރިއަށް އޮތް ފިލްމަކީ ޖެނުއަރީގައި ރިލީޒްކުރާ "ޕަންގާ" އެވެ. އޭނާ އެންމެ ފަހުން ސްކްރީނުން ފެނިފައި ވަނީ ޖުލައި މަހު ރިލީޒްކުރި "ޖަޖްމެންޓަލް ހޭ ކިޔާ" އިންނެވެ.