16 އޮކްޓޯބަރ 2019 - 10:08

އަނެއްކާ ވެސް ގިނަ އަދަދެއްގެ ބިދޭސީން އިކޮނޮމިކް މިނިސްޓްރީ ދޮށުގައި ކިޔޫގައި ޖެހިއްޖެ އެވެ.

އިކޮނޮމިކް މިނިސްޓްރީިން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވައިދުގެ ތެރޭގައި ހިމެނުމަށް ހުޅުވާލީ މިދިޔަ މަހު ފަހުކޮޅު އެވެ. އެ ފުރުސަތު ހުޅުވާލުމާ އެކު މަޖީދީމަގުގައި ޕީޖީ އޮފީސް ހިންގި އިމާރާތުގެ ބައެއްގައި ހަދާފައިވާ އިކޮނޮމިކް މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޔުނިޓުން ކިޔޫ ނަންބަރު ދޫކުރުމުގެ އެތައް ގަޑިއިރެއް ކުރިން ބިދޭސީން ސަފު ހަދައިގެން މީގެ ކުރިން ވެސް ތިއްބެވެ.
އިކޮނޮމިކް މިނިސްޓްރީގެ އޮފީސް ސަރަހައްދުގައި ކިޔޫގައި އެތައް އިރެއް ވަންދެން ބިދޭސީން ތިބެން ޖެހޭ މައްސަލަ އަށް ހައްލެއް ހޯދައިދިނުމަށް މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން ގަލޮޅު ބޯޅަދަނޑުގައި ރަޖިސްޓާ ވެވޭނެ އިންތިޒާމުތައް ހަމަޖެއްސި އެވެ. އެތަނުގައި ހުޅުވާލި ފުރުސަތުގައި ވެސް މުޅި ގަލޮޅުދަނޑު ފުރެންދެން ބިދޭސީން ރަޖިސްޓާވާން ނަންބަރު ނަގައިގެން ތިއްބެވެ.
އަނެއްކާވެސް މި ވަނީ އިކޮނޮމިކް މިނިސްޓްރީ އޮފީސް ސަރަހައްދުގައި ކިޔޫ ހަދަން ފަށައިފަ އެވެ. މިއަދު ހެނދުނު 08:30 ހާ އިރު އެތައް ސަތޭކަ ބިދޭސީން ހަދާފައިވާ ކިޔޫ އޭޑީކޭއާ ހަމަޔަށް އޮތެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަލުން ރަޖިސްޓްރީ ވާން ސަރުކާރުން ދިނީ ހަ މަސް ދުވަހުގެ މުއްދަތެކެވެ. މިގޮތަށް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގެންގުޅޭ ކުންފުންޏެއް ނަމަ، އަލުން ރަޖިސްޓްރީކުރަން އެ ކުންފުނި ނުވަތަ ބިދޭސީ މީހާ ރާއްޖެ އެތެރެކުރި ފަރާތް މެދުވެރިކޮށް އޮންލައިންކޮށް ވެސް ހުށައެޅެ އެވެ.
އިކޮނޮމިކް މިނިސްޓްރީގެ އޮފީހަށް ގޮސް ރަޖިސްޓްރީވާން ޖެހެނީ މިވަގުތު ވަޒީފާ ނެތި ގަވާއިދާ ހިލާފަށް އުޅޭ މީހުންނެވެ. ގަވައިދުގެ ތެރެއަށް ބިދޭސީން ވަނުމަށް ފަހު، ވަޒީފާއެއް ހޯދަން ހަ މަސް ދުވަސް ދެ އެވެ.
މިވަގުތު ރާއްޖޭގައި ގަވައިދާ ހިލާފަށް 63،000 މީހުން ގަވައިދާ ހިލާފަށް އުޅޭ ކަމަށް ލަފާކުރެވެ އެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުންނަކީ ބަންގްލަދޭޝް ރައްޔިތުންނެވެ.