15 އޮކްޓޯބަރ 2019 - 21:41

ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރު ކުރަން ފަށައިފި އެވެ.
ސުޕްރީމް ކޯޓުން އެ ކޯޓުގެ އިހްތިސާސްގެ ބޭރުން ކޮށްފައިވާ ކަންކަމާ ގުޅިގެން އެކަމުގައި ބައިވެރިވެ ވަޑައިގެންނެވި އެ ކޯޓުގެ ބައެއް ފަނޑިޔާރުންގެ މައްސަލަތައް ބަލަން ޖޭއެސްސީން ދާދި ފަހުން ވަނީ ނިންމައިފަ އެވެ. އެކަމަކު އެއީ ކޮން ފަނޑިޔާރުންތަކެއް ކަމެއް އެ ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.
ޖޭއެސްސީގެ އޮފިޝަލަކު މިރޭ ވިދާޅުވި ގޮތުގައި، ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން އެ ކޮމިޝަނަށް ހާޒިރު ކުރަމުން ދަނީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ބަޔާން ނެގުމަށެވެ. މިއަދާއި މާދަމާ ވެސް ބައެއް ފަނޑިޔާރުން ހާޒިރުކޮށް ބަޔާން ނަގަން ހަމަޖައްސާފައިވާ ކަމަށާއި އެ ބޭފުޅުން ހާޒިރު ކުރަމުންދަނީ ދޭންޖެހޭ ނޯޓިސްތައް ދީގެން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ޖޭއެސްސީ އަށް ހާޒިރު ކުރާއިރު، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފްގެ އިތުރުން ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާ މެދު އެހެން މައްސަލައެއްގައި ސުލޫކީ ފިޔަވަޅެއް އެޅުމުގެ ގޮތުން އެ ތިން ބޭފުޅުންނަށް ނަސޭހަތް ދިނުމަށް ޖޭއެސްސީން އޮތީ ނިންމައިފަ އެވެ.
އޭގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ދީދީގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ނިންމައި، އެ ބޭފުޅާ ވަނީ މަގާމުން ވަކިކޮށްފަ އެވެ.