ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްކޮށް އޮތް ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފި އެވެ.

ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދެ މަގާމެއް ހުސްކޮށް އޮތީ ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު 11 އަށް އިތުރު ކުރުމުންނެވެ. އޭރު އެގޮތަށް އިސްލާހު ގެނައީ އެ ކޯޓުގެ ދެ ގޮތްޕެއް ރާއްޖޭގައި ދެ ސަރަހައްދެއްގައި ގާއިމްކޮށް، އެއިން ކޮންމެ ގޮތްޕަކަށް ތިން ފަނޑިޔާރުން ފޮނުވަން ޖެހުމުން މާލޭގެ ހައި ކޯޓުގައި ފަނޑިޔާރުން މަދުވުމުންނެވެ.

ޖޭއެސްސީން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން އެ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ. އެ މަގާމުގެ ތައުލީމީ ޝަރުތަކީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީއެއް އޮތުމާ އެކު ގާނޫނީ ވަކީލް ކަމުގައި ނުވަތަ ފަނޑިޔާރު ކަމުގައި މަދުވެގެން ފަސް އަހަރުގެ ތަޖްރިބާ ހުރުމެވެ.

ހައި ކޯޓުގެ ކޮންމެ ފަނޑިޔާރަކަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު 54،000ރ. ލިބެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮޮތެއްގެ މަތިން ފޯނު އެލަވަންސާއި މެޑިކަލް އިންޝުއަރެންސް ވެސް ލިބޭނެ އެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލިއިރު، އެ ކޯޓުގައި މިހާރު ނުވަ ފަނޑިޔާރުން އެބަ ތިއްބެވި އެވެ. އެއީ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލް އާއި ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު ހަސަން އަލީ އެވެ.