މާލޭގައި ކުއްޔަށް އުޅޭ މީހުންގެ ޖަމިއްޔާއެއް އުފައްދައިފި
މާލޭގައި ކުއްޔަށް އުޅޭ މީހުންގެ ޖަމިއްޔާއެއް އުފައްދައިފި

މާލޭގައި ކުއްޔަށް ތަންތަން ހިފައިގެން ދިރިއުޅޭ މީހުންގެ ޖަމިއްޔާއެއް އުފައްދައިފި އެވެ.

"މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ) ގެ ނަމުގައި ޔޫތް މިނިސްޓްރީ ގައި މިއަދު ރަޖިސްޓަރީ ކުރި އެ ޖަމިއްޔާ އިން ބުނީ، އެތަނުގެ އެެއް މަގުސަދަކީ "އެތައް ޒަމާންތަކެއް ވަންދެން މާލޭގައި ކުއްޔަށް ދިރިއުޅެމުން އައި މީހުންގެ ވޭނާއި ތުރާތައް ހިއްސާ ކުރުމަށާއި އަދި ކުއްޔަށް ދިރިއުޅޭ މީހުންގެ އަޑަށް ރަސްމީ ސިފައެއް ދިނުން" ކަމަށެވެ.

މާލޭގައި ކުއްޔަށް ދިރިއުޅޭ ކޮންމެ މީހަކަށް ވެސް އެ ޖަމިއްޔާގައި ބައިވެރިވެ، އެ މީހެއްގެ ތަކުލީފުތަށް ހިއްސާ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް އެމްޓީޔޫގެ ބަޔާނުގައި ވެ އެވެ.

އެމްޓީޔޫ އިން ބުނި ގޮތުގައި އެ ޖަމިއްޔާގެ އަނެއް މަގުސަދަކީ މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުންގެ ހައްގުތަށްއް ހިމާޔަތްކޮށް، ދިފާއު ކުރުމާއި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. ކުލީ ދިރިއުޅުމާއި ބޯހިޔާވަހިކަމާ ގުޅުވައިގެން ރާވައިގެން ހިންގާ ކެމްޕޭނެއް ހިންގުމަކީ ވެސް އެ ޖަމިއްޔާގެ މަގުސަދެކެވެ.

"...މި ޔޫނިއަނުން ކުރިޔަށް އޮތްތާނގައި ގިނަގުނަ ޚިދުމަތްތަކެއް ދިނުމަށް ދަނީ ރޭވެމުންނެވެ. މިގޮތުން އެއް ގެއިން އަނެއް ގެ އަށް ބަދަލުވާއިރު ދިމާވާ މައްސަލަތަކުގައި އެހީތެރިކަމާއި، ކޮންޓްރެކްޓް ހެދުމާއި އަދި އެހެނިހެން މައްސަލަތަކުގައި ވަކީލުންގެ އެހީތެރިކަމާއި އަދި ހޯމް އިންޝޫރަންސް ފަދަ ޚިދުމަތްތަށް ލިބޭނޭ ގޮތް ކުރިޔަށް އޮތްތާނގައި ހަދާދިނުމަށް ވަނީ ރޭވިފަ އެވެ،" އެމްޓީޔޫގެ ބަޔާނުގައި ބުންޏެވެ.

ކުއްޔަށް ތަންްތަން ހިފައިގެން އުޅޭ މީހުންގެ ހައްގުތައް ރައްކާތެރިކުރަން ގާނޫނު ހެދުމަށާއި ކުލި ކޮންޓްރޯލް ކުރަން ބާރު އެޅުމަށް ކެމްޕޭންތައް ހިންގާނެ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.

މާލޭގައި ކުއްޔަށް އުޅޭ މީހުންގެ ޖަމިއްޔާ ރަޖިސްޓަރީ ކޮށްފައި ވަނީ އައްޑޫގެ ގެ އެއްގަ އެވެ. ޖަމިއްޔާގެ މުއައްސިސުންނަކީ ޝާއިން ޔޫސުފާއި އަބްދުﷲ ފަރާޒް އަދި މައުރިފާ ހަސަނެވެ.