15 އޮކްޓޯބަރ 2019 - 17:01

ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގައި، އޭނާ ދިރިއުޅުނު ގޭގެ ލިފްޓް ބޭރުގައި ހުރި ކެމެރާ އިން ފެނުނު ފިންގަޕްރިންޓާއި ދައުވާ ލިބޭ އިސްމާއިލް ހައިޝަމް ރަޝީދުގެ ފިންގަޕްރިންޓް ދިމާވާ ކަމަށް ފުލުހަކު ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ.
އޭޕްރީލް، 2017 ގައި ޔާމީން ދިރިއުޅުނު ގޭގެ ސިޑި ގޮޅި ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ، އަނިޔާވެރި ގޮތަކަށް އޭނާ މަރާލި މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ ހ. އަންނާރުމާގޭ ހައިޝަމާއިި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދުގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.
އެ މައްސަލައިގައި، ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދިނީ ޔާމީން ދިރިއުޅުނު ގޭގެ ލިފްޓް ބޭރުގައި ހުރި ސީސީޓީވީ ކެމެރާއިން ފިންގަޕްރިންޓް ނަގައި، އެ ތަކެތި ތަހުލީލުކުރި ފުލުސް މީހާ އެވެ. ހެކިބަސް ދެމުން އޭނާ ބުނިގޮތުގައި އެ ކެމެރާގެ ބޭރުގެ ކަވަރުން ނެގި ފިންގަޕްރިންޓް ދައުވާ ލިބޭ ހައިޝަމް ހައްޔަރު ކުރުމަށް ފަހު ނެގި އޭނާގެ ފިންގަޕްރިންޓާ 14 ސިފައެއް ދިމާވެ އެވެ. އޭގެ ކުރިން، ފުލުހުންގެ ޑާޓާ ބޭސްގައި ހުރި ހުރިހާ ފިންގަޕްރިންޓްތަކާ ވެސް ދިމާވޭތޯ ބެލި ކަމަށާއި އަދި އެހެން މީހެއްގެ ފިންގަޕްރިންޓާ އެ ފިންގަޕްރިންޓް ދިމާވުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ދައުލަތުން ކުރި ސުވާލުތަކުގެ ޖަވާބުގައި އޭނާ ބުނިގޮތުގައި ފިންގަޕްރިންޓް ދިމާވާ ކަމަށް ކަނޑައެޅުމުގައި އެކި ގައުމުތަކުގައި ބޭނުންވާ މިންގަނޑު ތަފާތެވެ. ރާއްޖޭގައި އެކަން ކަނޑައަޅަނީ މަދުވެގެން އަށް ސިފައެއް ދިމާވުމުން ކަމަށާއި ހައިޝަމްގެ ފިންގަޕްރިންޓާ ދިމާވާ 14 ސިފައެއް ހުރުމުން އެގޮތަށް ރިޕޯޓުގައި ހިމެނީ ކަމަށް އެ ފުލުސް މީހާ ބުންޏެވެ.
ހައިޝަމްގެ ވަކީލް ކުރެއްވި ސުވާލުތަކުގެ ޖަވާބުގައި އެ ފުލުސް މީހާ ބުނީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އެންމެންގެ ފިންގަޕްރިންޓް ވެސް ނަގައި، ދިމާވޭތޯ ބެލި ކަމަށާއި ދިމާވީ ހަމައެކަނި ހައިޝަމްގެ ފިންގަޕްރިންޓާ ކަމަށެވެ. އެ ކެމެރާއިން ފިންގަޕްރިންޓް ނެގީ ޔާމީން މަރާލާފައި އޮތް ސަރަހައްދަށް އޭނާ ދިއުމުން، އެ ކެމެރާގައި މީހަކު އަތްލާފައި ހުރި ކަމަށް ބެލެވޭ ކަމަށް އެހެން ފުލުހަކު ބުނުމުން ކަމަށް ވެސް އޭނާ ބުންޏެވެ.
ފިންގަޕްރިންޓް ދިމާވޭތޯ ބަލަނީ އޮޓަމެޓިކަލީތޯ ނުވަަ މެނުއަލީ އަމިއްލައަށް ތޯ ވަކީލް ސުވާލު ކުރެއްވުމުން އެ ފުލުސް މީހާ ބުނީ އެކަން ބަލަނީ މެނުއަލްކޮށް ކަމަށެވެ.
މިއަދު ދެވަނައަށް ހެކިބަސް ދިނީ ޔާމީން މަރާލާފައި އޮއްވާ ފެނުނު ސަރަހައްދަށް ދިޔަ އެހެން ފުލުހެކެވެ. އެކަމަކު އޭނާގެ ހެކިބަސް ނުނެގޭނެ ކަމަށް ވިދާޅުވެ، ހައިޝަމްގެ ވަކީލް އިއުތިރާޒް ކުރެއްވި އެވެ.
ވަކީލް ވިދާޅުވީ ކެމެރާއިން ނެގި ފިންގަޕްރިންޓް ޗެއިން އޮފް ކަސްޓަޑީ ފޯމް އެ ފުލުސް މީހާގެ ނަން ލިޔުމަށް ފަހު އެ ނަން ކަނޑާލައި، ލިޔެފައި އޮތީ އެހެން ފުލުހެއްގެ ނަން ކަމަށާއި އެހެންވެ އޭނާގެ ހެކިބަސް ގަބޫލު ނުކުރެވޭނެ އެވެ. ޗެއިން އޮފް ކަސްޓަޑީއަކީ ހެކި ނެގި ވަގުތާއި ނެގި މީހާ އާއި އެ ހެކި ނެތގުމަށް ފަހު އެކަކު އަތުން އަނެކަކު އަތަށް އެ ތަކެތި ނަގުލުވަމުންދާ ގޮތް ބަޔާންކުރާ ލިޔުމެވެ.
އެކަމަކު ވަކި ހެއްކެއް ބަލައިނުގަނެވޭނެ ކަމަށް ބުނެ ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއްގެ ގޮތުގައި އެކަން ކުރިން ހުށަހަޅާފައި ނެތުމުން މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސައިން ނިންމެވީ އެ ހުށަހެޅުން ބަލައިނުގަތުމަށެވެ.
ހެކިބަސް ދެމުން އެ ފުލުސް މީހާ ބުނީ ކެމެރާއިން ފިންގަޕްރިންޓް ނެގީ ކުރިން ހެކިބަސް ދިން ފުލުސް މީހާ ކަމަށާއި އޭގެ ޗެއިން އޮފް ކަސްޓަޑީގައި އޭނާގެ ނަން ފުރަތަމަ ލިޔުނީ ބައެއް ފަހަރު އެގޮތަށް އަމަލު ކުރާތީ ކަމަށެވެ. އޭނާ އެގޮތަށް ލިޔެފައި ވަނިކޮށް، ފިންގަޕްރިންޓް ނެގި ފުލުސް މީހާއަށް އެކަން ފާހަގަވުމުން އޭނާގެ ނަން ކަނޑާލުމަށް ފަހު އެ ފުލުސް މީހާގެ ނަން ލިޔެފައި އޮތީ ކަމަށް ވެސް އެ ފުލުސް މީހާ ބުންޏެވެ.
ހައިޝަމްގެ ވަކީލް ވިދާޅުވީ ހައިޝަމަށް އެކި ކަހަލަ ނުރައްކާތައް އެ މައްސަލައިގައި ކުރިމަތިވަމުން ދިޔަ ކަމަށެވެ. އެގޮތުން، ދާދި ފަހުން ހައިޝަމްގެ ބޭބެ މަރުވެފައި އޮއްވައި ފެނުމުން ވެސް އެކަމުގައި ޝައްކު އުފެދޭ ކަމެއް ނެތް ކަމަށް ފުލުހުން ނިންމާފައިވާ ކަމަށް ވަކީލް ވިދާޅުވި އެވެ.
ހ. އަންނާރުމާގޭގައި އެ މީހާ މަރުވެފައި އޮއްވައި މިދިޔަ ހޮނިހިރު ދުވަހު ފެނުނީ އޭނާ އޭގެ ކުރީ ރޭ ނިދި ގޮތަށް ނުހޭލައިގެން އާއިލާއިން ބެލުމުންނެވެ. އެކަމަކު އޭނާގެ މަރުގައި ޝައްކު އުފެދޭ ކަމެއް ނެތް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ދައުލަތުން ހުށަހެޅި ހެކިވެރިންނަށް ނުފޫޒު ފޯރުވުމުގެ ކަންކަން ހިނގާފައިވާ ކަމަށް ދައުލަތުން ކުރިން ބުނެފައިވާ ބުނުމާ ގުޅިގެން މިއަދުގެ އަޑުއެހުމުގައި ދިފާއީ ވަކީލުން ކަންބޮޑުވުންތައް ފާހަގަ ކުރެއްވި އެވެ.
ދައުވާ ލިބޭ އިސްމާއިލް ރަޝީދުގެ ވަކީލް މައުމޫން ހަމީދު ވަނީ ހެކިންނަށް ބިރު ދައްކާ ކަމަށް ދައުލަތުން ބުނުމަށް ފަހު، އެކަމުގައި މިހާރު އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ ސުވާލު ކުރައްވައިފަ އެވެ. އަދި ދައުލަތުން މިހާރު އަމަލު ކުރާގޮތުން އޭގެ ހުރިހާ ތުހުމަތެއް އަމާޒުވަނީ ދައުވާ ލިބޭ މީހުންނަށް ކަން މައުމޫން ފާހަގަ ކުރެއްވި އެވެ.
ޖަވާބުގައި ދައުލަތުން ބުނީ ހެކިންނަށް ބިރު ދައްކާ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށާއި އޭގެ އިތުރު އެއްވެސް މައުލޫމާތެއް އެކަމާ ގުޅިގެން ލިިބިފައި ނެތް ކަމަށެވެ.
އެ މައްސަލާގެ ދެން އޮންނަ އަޑުއެހުން އަންނަ ބުރާސްފަތި ދުވަހު ބާއްވާނެ އެވެ. އަދިވެސް ކުރިއަށް ދަނީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނެގުމެވެ.