ރިޔާޒަށް އެފްއައިވީބީން ޖަވާބުދީފި! "އިންތިހާބު ބަލައިނުގަންނާނަން"
ރިޔާޒަށް އެފްއައިވީބީން ޖަވާބުދީފި! "އިންތިހާބު ބަލައިނުގަންނާނަން"

ވޮލީބޯޅަ އެސޯސިއޭޝަނުގެ އިންތިހާބު ބާއްވަން ސްޕޯޓްސް ކޮމިޝަނަރު އައްޔަންކޮށްފައިވާ ނޯމަލައިޒޭޝަން ކޮމިޓީ ބަލައިނުގަންނަ ކަމަށާއި އަދި ސަރުކާރުން ފޯރުވާ އެކަށީގެންނުވާ ނުފޫޒެއްގެ މައްޗަށް ބާއްވާ އެއްވެސް އިންތިހާބެއް ބަލައިނުގަންނާނެ ދުނިޔޭގެ ވޮލީބޯޅަ ޖަމިއްޔާ، އެފްއައިވީބީން ބުނެފި އެވެ.

އެ ޖަމިއްޔާ އިން މިހެން ބުނީ ނޯމަލައިޒޭޝަން ކޮމިޓީން މި މަހު 24 ގައި ބާއްވާ އިންތިހާބުގައި ވާދަކުރަން ޝައުގުވެރިވާތީ އެ އިންތިހާބު ސައްހަވާނެތޯ ބެލުމަށް، އެސޯސިއޭޝަނުގެ ކުރީގެ ރައީސް މުހައްމަދު ރިޔާޒް ފޮނުއްވި ސިޓީއަށް 24 ގަޑިއިރުގެ ތެރޭގައި ދިން ޖަވާބެއްގަ އެވެ.

ވީއޭއެމްގެގެ ރައީސް މުހައްމަދު ލަތީފުގެ ލީޑާޝިޕާ ގުޅުން ހުރި ސީރިއަސް މައްސަލަތައް ތަހުގީގުކޮށް، ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް، އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީ އުވާލައި އެ އެސޯސިއޭޝަން ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލުކުރީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ. ސައްހަ މެމްބަރު ކްލަބްތަކެއް ކަނޑައެޅުމަށް ފަހު އަންގާރަ ދުވަހުގެރޭ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި، ހިންގާ ގަވާއިދަށް ބަދަލުތަކެއް ގެނެސް މި މަހުގެ 24 ގައި އިންތިހާބު ބާއްވަން ވަނީ ފާސްކޮށްފަ އެވެ.

ރިޔާޒް މިދިޔަ އާދީއްތަ ދުވަހު ސިޓީ ފޮނުއްވީ، ނޯމަލައިޒޭޝަން ކޮމިޓީ ބަލައިނުގަންނާނެ ކަމަށް އެފްއައިވީބީން ބުނެފައި އޮއްވާ އެ ކޮމިޓީން ބާއްވާ އިންތިހާބެއްގައި ބައިވެރިވުމުގެ ކުރިން އެކަންކަން ސާފުކުރަން ބޭނުންވާތީވެ އެވެ. ރިޔާޒްގެ ފުރަތަމަ ސުވާލަކީ އެފްއައިވީބީން ނޯމަލައިޒޭޝަން ކޮމިޓީ ބަލައިގަނޭތޯ އެވެ. އެފްއައިވީބީން ބުނީ ބަލައިނުގަންނަ ކަމަށެވެ.

ދެ ވަނަ ސުވާލަކީ ވޯޓިން ކްލަބްތައް ނިންމައި އެންޑޯޒްކޮށް އިންތިހާބެއް ބޭއްވުމުގެ އެއްވެސް ހައްގެއް ނޯމަލައިޒޭޝަން ކޮމިޓީއަށް އެބައޮތްތޯ އެވެ. ޖަވާބުގައި އެފްއައިވީބީން ބުނީ އެ ހައްގު ނެތް ކަމަށާއި ގޮވާލާ އެއްވެސް އިންތިހާބެއް އޮންނަން ޖެހޭނީ ވޮލީބޯޅަ އެސޯސިއޭޝަނުގެ އަސާސީ ގަވާއިދާ އެއްގޮތަށް އަދި ކޮންގްރެސްގެ ރުހުމާ އެއްކޮށް ކަމަށެވެ. ތިން ވަނަ ސުވާލަކީ ނޯމަލައިޒޭޝަން ކޮމިޓީން ބާއްވާ އެއްވެސް އިންތިހާބެއް އެފްއައިވީބީން ބަލައިގަނެ އެންޑޯޒްކުރާނެތޯ އެވެ. އޭގެ ޖަވާބުގައި ބުނީ ނުކުރާނެ ކަމަށާއި ސަރުކާރުގެ އެކަށީގެންނުވާ ނުފޫޒަކަށް ބަރޯސާކޮށްގެން ބާއްވާ އެއްވެސް އިންތިހާބެއް އެތަނުން ރެކޮގްނައިޒް ނުކުރާނެ ކަމަށެވެ.

"ތިޔަ ފަރާތުން މިކަންކަން ސާފުކުރި ކުރިން އެފްއައިވީބީން ބަލައިގަންނަން އަދި ވޮލީބޯޅަ އަށް ކުރާ ހިދުމަތަށް ޝުކުރުއަދާކުރަން،" އެފްއައިވީބީގެ ހެޑް އޮފް ލީގަލް އެންޑް ޖެނެރަލް ކޮންސޫލް ސްޓެފަން ބޮކް ސޮއިކުރައްވައި ރިޔާޒަށް ފޮނުއްވާފައިވާ ސިޓީފައިވެ އެވެ.

ރިޔާޒް މިއަދު "މިހާރު" އަށް ވިދާޅުވީ އެފްއައިވީބީން އިންތިހާބު ގަބޫލުނުކުރާނެތީ އިންތިހާބަށް އޭނާ ދެން ކުރިމަތިނުލައްވާނެ ކަމަށާއި އެކަމަކު މިކަންކަން ހައްލުކުރައްވަން މަސައްކަތްކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އަދިވެސް ފުރުސަތު އެބައޮތް މިކަން ހައްލުކުރަން. އަޅުގަނޑު އަމިއްލަ ހައިސިއްޔަތުން އެކަން ކުރާނަން. ކުޅިވަރާ ބެހޭ ވަޒީރާ ވެސް ބައްދަލުވެވޭތޯ މަސައްކަތްކުރާނަން. އަދި ކްލަބްތަކާ ވެސް ވާހަކަދައްކައި ވިސްނައިދޭން މަސައްކަތްކުރާނަން. އެންމެން އިށީނދެގެން އެބަޖެހޭ މިކަން ހައްލުކުރަން،" އޭނާ ވިދާޅުވި އެވެ.

ނޯމަލައިޒޭޝަން ކޮމިޓީ ބަލައިނުގަންނާނެ ކަމަށް އެފްއައިވީބީން އަންގާފައި ވަނިކޮށް އެކަން ކުރުމަކީ އަދި އަމުދުން އިންތިހާބެއް ބާއްވައިފި ނަމަ ރާއްޖެ ސަސްޕެންޑްކުރުމުގެ ފުރުސަތު ބޮޑެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ނޯމަލައިޒޭޝަން ކޮމިޓީ އޮތީ ކުރިއަށްދާ ގޮތަށެވެ.

"ސަސްޕެންޝަނަކީ ހައްލެއް ނޫން. އޭގެ ސަބަބުން އަސަރުކުރާނީ ހިންގަން ތިބި މީހުންނަށް އެކަންޏެއް ނޫން. މުޅި ވޮލީބޯޅަ އާއިލާ އަށް. ވޮލީބޯޅަ އާއިލާ އެބައޮތް މުޅި ރާއްޖޭގައި. ކުޅުންތެރިންނާއި އެ ކުޅުންތެރިންގެ ގާތް މީހުން ވެސް އޭގެ ތެރޭގައި ހިމެނޭނެ. އެހެންވެ ސަސްޕެންޝަނެއް އަތުވެއްޖެ ނަމަ އެއީ އެންމެންނަށް ކުރިމަތިވާނެ ގެއްލުމެއް،" ރިޔާޒް ވިދާޅުވި އެވެ.

އޭނާ ކުރިން ވިދާޅުވެފައިވާ ގޮތުގައި ނޯމަލައިޒޭޝަން ކޮމިޓީއެއް އައްޔަންކޮށް ހަތަރު މަސް ދުވަސްވެގެން ދިޔައިރު، ކަންކަން ހައްލުކުރަން ލިބުނު ފުރުސަތުގެ ބޭނުން ނުހިފި މިދިޔައީ ވަގުތުތަކެއް ބޭކާރުވެގެން ކަމަށެވެ. އޮލިމްޕިކް ޗާޓަރުގެ ތެރޭގައި އޮތް ކަމަކަށްވާތީ މިކަމުގައި އޮލިމްޕިކް ކޮމިޓީގެ ބައިވެރިވުން ބޮޑުކުރި ނަމަ އެ ކޮމިޓީ ބަލައިގަތުމުގެ ފުރުސަތު އޮތް ކަމަށް އޭނާ ދެކަވަޑައިގަންނަވަ އެވެ.

"ވާހަކަ ދެކެވުނު ނަމަ ރަނގަޅުވީސް. ކޮންޓްރޯލުގައި އޮތް ކަމެއް ނެއްޓިގެން މިދަނީ. ކަމުގެ ބޮޑުމިނަށް ބަލާއިރު މިއީ ކޮންމެ ދުވަހަކު ވެސް ވާހަކަދެކެވެން ޖެހޭނެ ކަމެއް. އޮލިމްޕިކް ކޮމިޓީ އާއި ސްޕޯޓްސް ކޮމިޝަނަރަށް ކޮންމެ ދުވަހަކު ވެސް މަޝްވަރާކޮށްގެން ރަނގަޅު ކުރެވޭނެ ކަންކަން މިއީ،" ރިޔާޒް ވިދާޅުވި އެވެ.