15 އޮކްޓޯބަރ 2019 - 12:42

އިޓަލީގެ މަޝްހޫރު ފުޓްބޯޅަ ކްލަބް، ޓޮރިނޯ އެފްސީގެ ޔޫތު އެކަޑަމީއާ އެކު އެކު ރާއްޖޭގެ ފުޓްބޯޅަ އެކަޑަމީއެއް ކަމަށްވާ ހުޅުމާލޭ ސްޕޯޓްސް ސްކޫލް (އެޗްއެސްއެސް) ތިން އަހަރުގެ އެއްބަސްވުމެއް ހަދައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޮންމެ އަހަރަކު ހަތަރު ފުޓްބޯޅަ ކޭމްޕް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
އިޓަލީގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދާފައިވާ ޓޮރިނޯގެ އެކަޑަމީއާ އެކު އެކު އެޗްއެސްއެސް އިން ވެފައިވާ އެފިލިއޭޝަނުގެ ދަށުން އެ އެ އެކަޑަމީގެ ކޯޗުން ގެނެސްގެން ބާއްވާ ޓްރެއިނިން ކޭމްޕްތައް އޮންނާނީ މާލޭގެ އިތުރުން އުތުރާއި މެދުރާއްޖެތެރެ އަދި ދެކުނުގަ އެވެ. އޭގެ ތެރެއިން މާލޭ ކޭމްޕް އޮންނާނީ ނޮވެމްބަރު 23-30 އަށް 12 އަހަރުން ދަށާއި 14 އަހަރުން ދަށުގެ ކުޅުންތެރިންނަށެވެ. ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
މީގެ އިތުރުން އަންނަ އަހަރުގެ ޖޫން މަހު ޓިއުރިން އަށް ގޮސް އެކަޑަމީ މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު އެޗްއެސްއެސް އަށް ވަނީ ލިބިފަ އެވެ. އެ މުބާރާތާގައި އިޓަލީގެ ގަދަބާރުތައް ކަމަށްވާ ޔުވެންޓަސް އާއި އިންޓަ މިލާނުގެ އެކަޑަމީގެ ޓީމުތަކުގެ އިތުރުން ޓޮރިނޯ އިން އެފިލިއޭޓްވެފައިވާ އޭޝިއާ އާއި އެފްރިކާގެ ގައުމުތަކުގެ ޓީމުތައް ބައިވެރިވާނެ އެވެ.
އަދި އެޗްއެސްއެސް އިން މާލޭގައި ބާއްވާ އެކަޑަމީ މުބާރާތެއްގައި ވާދަކުރަން ޓޮރިނޯގެ ޓީމަކުން އަންނަ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެ މުބާރާތަކީ އިންޑިއާ، ސްރީ ލަންކާ އަދި ރާއްޖޭގެ އެކަޑަމީތަކަށް ދައުވަތު ދީގެން އެޗްއެސްއެސް އިން އަންނަ އަހަރުގެ މާޗު މަހު ބާއްވާ މުބާރާތެކެވެ.
އެޗްއެސްއެސް އަކީ 2014 ވަނަ އަހަރުން ފެށިގެން ހުޅުމާލޭގައި ހިންގަމުން އަންނަ ފުޓްބޯޅަ އަދި ހޭންޑްބޯޅަ އެކަޑަމީއެކެވެ. އެކަމަކު ފުޓްބޯޅަ އަށް ހާއްސަ އިސްކަމެއް ދީގެން ބޭރު ކޯޗުން ގެނެސްގެން ހާއްސަ ކޭމްޕްތަކެއް އަންނަނީ ބާއްވަމުންނެވެ. އަދި އެ އެކަޑަމީގެ ޓީމުތައް ވަނީ މުބާރާތްތަކަށާއި ކޭމްޕްތަކަށް ޕޮލެންޑް، މެލޭޝިއާ، އިންޑިއާ އަދި ލަންކާ އަށް ގޮސްފަ އެވެ. އެސްއެސްއެސް އަޖީ ދިރާގު 14 އަހަރުން ދަށުގެ ދެ ވަނަ އަދި މިހާރު ކުރިއަށްދާ 12 އަހަރުން ދަށުގެ ލީގުގެ މި ވަގުތު ދެ ވަނައިގެ އޮތް ޓީމު ވެސް މެ އެވެ. ޓޫރިޒަމް ކަޕުން ހޮވިގެން ސްޕެއިނުގެ ސެލްޓާ ވީގޯ އެކަޑަމީ އަށް ތަމްރީން ހަދަންދާން ފުރުސަތު ލިބުނީ ވެސް އެޗްއެސްއެސް ދެ ކުޅުންތެރިންނަށެވެ. ރާއްޖޭގެ އުމުރުފުރާތަކުގެ ގައުމީ ޓީމުގައި ވެސް އެ އެކަޑަމީގެ ކުޅުންތެރިން ވަނީ ހިމެނިފަ އެވެ.
އެ އެކަޑަމީން އެފިލިއޭޓްވި، އިޓާލިއަން ލީގުގައި މި ވަގުތު ނުވަ ވަނައިގައި އޮތް ޓޮރިނޯގެ އެކަޑަމީ އަކީ އިޓަލީގެ ފާހަގަކޮށްލެވޭ އެކަޑަމީ އެކެވެ. އެ އެކަޑަމީން ތަމްރީން ދިން ކުޅުންތެރިންގެ ތެރޭގައި އިޓަލީގައި އުފެދުނު އެންމެ މޮޅު އެއް ފޯވާޑް ކްރިސްޓިއަން ވިއޭރީ އާއި މި ވަގުތު އިޓަލީގައި ހުރި އެންމެ އުއްމީދީ ފޯވާޑް އެވަޓަންގެ މޮއިސް ކީން އާއި އިޓަލީ ގައުމީ ޓީމަށް ކުޅެފައިވާ އެންޖެލޯ އޮގްބޮނާ އާއި ފަބިއޯ ކުއަގްލިއެރެއްލާ އާއި ފެޑެރިކޯ މާޗެއްޓީ އާއި ފެޑެރިކޯ ބަލްޒެރެއްޓީ ހިމެނެ އެވެ.