16 އޮކްޓޯބަރ 2019 - 06:43

އިޝްތިހާރުތައް ކުޅެދޭ އަގު ވެސް ދާދި ފަހުން ބޮޑުކުރި އެކްޓަރު އަޔޫޝްމަން ކުރާނާ ފިލްމު ކުޅޭ އަގު ވެސް ބޮޑުކޮށްފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ބޮލީވުޑްގެ އެންމެ ކާމިޔާބު ޒުވާން އެކްޓަރުންގެ ތެރޭގައި ހިމެނޭ އަޔޫޝްމަން ކުރިއަށް އޮތް ތަނުގައި ފިލްމަކަށް 10 ކްރޯޑް ރުޕީސް (1.4 މިލިއަން ޑޮލަރު) އަށް ވުރެ ކުޑައެއް ނުކުރާނެ އެވެ. އޭނާ މިހާތަނަށް ފިލްމުތައް ކުޅެމުން އައީ ފިލްމަކަށް 2 ކްރޯޑް ރުޕީސް (280,514 ޑޮލަރު) އަށެވެ.
އަގަށް މި ގެނައި ބަދަލާ އެކު އަޔޫޝްމަންގެ އަގު މި ވަނީ 500 ޕަސަންޓް މައްޗަށް ޖެހިލައިފަ އެވެ.
ބޮލީވުޑްގެ ވިޔަފާރި ޚަބަރުތައް ދިރާސާކުރާ މީހުން ބުނާގޮތުގައި ވަރަށް ތަފާތު ކޮންޓެންޓްތަކަށް ހަދާ ފިލްމުތައް ކުޅެން މަޝްހޫރު އެކްޓަރަށް ބޮޑު އަގެއް ދިނުމަކީ ބޮލީވުޑްގެ އެއްވެސް ޕްރޮޑިއުސަރަކު އަދި ޑައިރެކްޓަރަކު މިހާރު ފަސްޖެހޭ ކަމެއް ނޫނެވެ. އަދި އަޔޫޝްމަންގެ ފިލްމެއް ނަމަ ހިނގާނެ ކަމުގެ ގެރެންޓީ މިހާރު ވަރަށް ވެސް ބޮޑެވެ.
އޭނާ އަކީ މިހާރު ބޮލީވުޑްގައި އެންމެ ޑިމާންޑް ވެސް ބޮޑު އެއް ތަރި އެވެ.
ދާދި ފަހުން ރިލީޒްކުރި "ޑްރީމް ގާލް" އާއި "އާޓިކަލް 15" އަށް ފަހު އަޔޫޝްމަންގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 7 ގައި ރިލީޒްކުރާ "ބާލާ" އެވެ. މިއީ އަނެއްކާ ވެސް ތަފާތު ވާހަކައެއް ކިޔައިދޭނެ ފިލްމެކެވެ. "ބާލާ" ގައި އޭނާ ކުޅެފައި ވަނީ ބޯ ތަލަ ޒުވާނެއްގެ ރޯލަކަށް ކުރިމަތިލާން ޖެހޭ ކަންތައްތަކެވެ.
މި އަހަރުގެ އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ވެސް ކަށަވަރުކޮށްފައިވާ އަޔޫޝްމަން، 35، ގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ގުލާބޯ ސިތާބޯ" އާއި "ޝުބް މަންގަލް ޒާދާ ސާވްދާން" ހިމެނެ އެވެ.