15 އޮކްޓޯބަރ 2019 - 10:40

ދެ ޓީމުގެ ފަރަގަށް ބަލާއިރު ފަހަކަށް އައިސް ފުޓްބޯޅައިގައި އިންޑިއާ އާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗުތަކަކީ އޭގެ ޒާތުގައި މާބޮޑު ޝައުގުވެރިކަމެއް އޮންނާނެ މެޗުތަކެއް ނޫނެވެ. ދެކުނު އޭޝިއާގައި އިންޑިއާގެ ވާދަވެރިންނަކީ ރާއްޖެ އާއި އަފްގާނިސްތާނެވެ. އެކަމަކު ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ އިންޑިއާ އާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗު ވަރަށް ހާއްސަ އެވެ. ބަންގްލަދޭޝާ ގުޅުން ބޮޑު އަދި އިންޑިއާގެ ފުޓްބޯޅައިގެ ހިތް ކަމަށްވާ ވެސްޓް ބެންގޯލުގެ ވެރިރަށް ކަލްކަތާގައި މެޗު ކުޅޭތީވެ އެވެ.

ކަލްކަތާ ނިސްބަތްވާ ވެސްޓް ބެންގޯލަކީ އިންޑިއާ ދެބައިވެ ޕާކިސްތާން އުފެދުމުން ބެންގާލީ ބަހުން ވާހަކަދައްކާ ހިންދޫން ނިސްބަތްވާ ސްޓޭޓުގެ ގޮތުގައި އުފަންވި ތަނެކެވެ. އަދި އެ ބަހުން ވާހަކަދައްކާ މުސްލިމުން ނިސްބަތްވާ އީސްޓް ބެންގޯލް ވެގެންދިޔައީ ޕާކިސްތާނުގެ ޕްރޮވިންސަކަށެވެ. އެކަމަކު 1971 ގައި ބަންގްލަދޭޝް މިނިވަންކުރަން ކުރި ހަނގުރާމަ އަށް ފަހު އެ ޕްރޮވިންސް ބަދަލުވީ ބަންގްލަދޭޝަށެވެ. އެހެންވެ ފުޓްބޯޅަ އަށް މަރުދޭ ވެސްޓް ބެންގޯލުގެ މީހުންނަށް އަމިއްލަ ސްޓޭޓުގައި އިންޑިއާ އިން ބަންގްލަދޭޝާ ދެކޮޅަށް ކުޅޭ މެޗު ވަރަށް ހާއްސަ ވާނެ އެވެ.
މިރޭގެ މެޗަށް ނުކުންނައިރު އިންޑިއާ އޮތީ ދެ މެޗުން ލިބުނު އެއް ޕޮއިންޓާ އެކު ކޮލިފައިން ގްރޫޕުގެ ހަތަރު ވަނައިގަ އެވެ. ފުރަތަމަ މެޗުން އޮމާން އަތުން 2-1 އިން ބަލިވި ނަމަވެސް އިންޑިއާ ވަނީ ދެ ވަނަ މެޗުގައި ގަތަރާ 0-0 އިން އެއްވަރުކޮށްފަ އެވެ. ބަންގްލަދޭޝް އޮތީ އަފްގާނިސްތާނާއި ގަތަރު އަތުން ބަލިވެ ޕޮއިންޓެއް ނުލިބި ހަތަރު ވަނައިގަ އެވެ. މި ގްރޫޕުގެ އެއް ވަނައިގައި ހަތް ޕޮއިންޓާ އެކު ގަތަރު އޮތްއިރު ދެ ވަނައިގައި ހަ ޕޮއިންޓާ އެކު އޮތީ އޮމާނެވެ. އަދި ތިން ވަނައިގައި ތިން ޕޮއިންޓާ އެކު އޮތީ އަފްގާނިސްތާނެވެ.
އިންޑިއާގެ ކޯޗު އިގޯ ސްޓިމަޗް ބުނީ އިންޑިއާ ފުޓްބޯޅައިގައި އެންމެ ވަރުގަދަ ސިޓީގައި ކުޅެން ޖެހޭތީ ވަރަށް އުފާވެފައިވާ ކަމަށާއި އެކަމަކު ބަންގްލަދޭޝް އަންޑައެސްޓިމޭޓްކޮށްގެންނުވާނެ ކަމަށެވެ.
"ފުރަތަމަ ދެ މެޗު (އޮމާން، ގަތަރު) އަހަރެންނަކީ ފޭވަރިޓުންނެއް ނޫން. އެކަމަކު މިހާރު ހުރިހާ ޕްރެޝަރެއް އޮތީ އަހަރެމެންނަށް. (އެހެންވިޔަސް) ބަންގްލަދޭޝް އަންޑައެސްޓިމޭޓްކުރާކަށް ބޭނުމެއް ނޫން. ބަންގްލަދޭޝުން ގަތަރާ ދެކޮޅަށް ވަރަށް ރަނގަޅަށް ކުޅުނު. އެ ޓީމުން ވަރަށް ގިނަ ފުރުސަތު ތަނަވަސްކުރި. އަހަރެމެން މި މެޗަށް ނުކުންނަން ޖެހޭނީ ބަންގްލަދޭޝަށް އިހުތިރާމްކޮށްގެން،" ސްޓިމަޗް ބުންޏެވެ.
މިރޭގެ މެޗު ކުޅޭ 85،000 މީހުންގެ ޖާގައިގެ ސޯލްޓް ލޭކް ސްޓޭޑިއަމަކީ އިންޑިއާ ފުޓްބޯޅައިގެ އެންމެ ޝަރަފްވެރި އެއް ސްޓޭޑިއަމެވެ. މިއީ ޖާގަ އަށް ބަލާނަމަ މިވަގުތު ދުނިޔޭގެ 10 ވަނަ އަށް އެންމެ ބޮޑު ފުޓްބޯޅަ ސްޓޭޑިއަމެވެ. އަދި 2011 ވަނަ އަހަރު ބަދަލުތަކެއް ގެނައުމާ ހަމަޔަށް 120،000 މީހުންގެ ޖާގައާ އެކު އެއީ އޭރު ދުނިޔޭގެ ދެ ވަނަ އަށް އެންމެ ބޮޑު ސްޓޭޑިއަމެވެ. އަދި އެއީ ނޯތު ކޮރެއާގެ މޭޑޭ ސްޓޭޑިއަމް 1989 ވަނަ އަހަރު ހުޅުވުމާ ހަމަޔަށް ދުނިޔޭގެ އެންމެ ބޮޑު ސްޓޭޑިއަމެވެ.
ފީފާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުގެ ފައިނަލް މެޗު 2017 ވަނަ އަހަރު ބޭއްވި މި ސްޓޭޑިއަމަށް އެންމެ ގިނަ ބަޔަކު ވަނީ ކަލްކަތާގެ އިތުރުން އިންޑިއާ ފުޓްބޯޅައިގެ އެންމެ ވާދަވެރި ދެ ޓީމު ކަމަށްވާ އީސްޓް ބެންގާލާއި މޯހަން ބަގާން 1997 ވަނަ އަހަރުގެ ފެޑެރޭޝަން ކަޕުގެ ސެމީ ފައިނަލް މެޗަށެވެ. އެއީ 131،781 މީހުންނެވެ.
ސަރަހައްދީ މުބާރަތްތައް އިންޑިއާގައި ބާއްވަން ލިބޭ ފުރުސަތުތަކުގައި އެ މުބާރަތްތައް ކަލްކަތާގައި ބާއްވަން ގިނަ ބަޔަކު އެދެ އެވެ. ފުޓްބޯޅައިގެ ފޯރިއެތަނުގައި ގަދަވުމުންނެވެ. އެކަމަކު ނުބޭއްވޭ ސަބަބަކީ، ރިޕޯޓްތައް ބުނާ ގޮތުގައި ވެސްޓް ބެންގާލް ފުޓްބޯޅަ އެސޯސިއޭޝަނާއި އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަނާ މައްސަލަތަކެއް އޮތުމުންނެވެ. އެކަމަކު މި މެޗާ އެކު ކުރިއަށް އޮތްތަނުގައި އެ ފުރުސަތުތައް ފަހިވާނެ ކަމަށް ބެލެވެ އެވެ.