15 އޮކްޓޯބަރ 2019 - 11:57

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޓައިލްސް އާއި ފާހާނާ އަށް ބޭނުންވާ ސާމާނު ވިއްކަމުން އަންނަ ޖައުސާ ސެރަމިކް ސިޓީ، ގޭތެރެއަށް ބޭނުންވާ ހުރިހާ ސާމާނެއް ވިއްކާ ތަނަކަށް ހަދައި ޖާހް ސިޓީ ސެންޓާ (ޖޭސީސީ)ގެ ނަމަށް ބަދަލުކޮށްފި އެވެ.

ޖައުސާ ސެރަމިކް ސިޓީ އަކީ ދިވެހިންގެ އިތުބާރު ހޯދާފައިވާ "ލަންކާ ޓައިލްސް" އާއި "ކޮކޯ" އަދި "އެމެރިކަން ސްޓެންޑާޑް" ފާހާނާ ސާމާނު ފަދަ މޮޅު ބްރޭންޑްތަކުގެ ރާއްޖޭގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓާ އެވެ. ނަމަވެސް 25 އަހަރު ވަންދެން މިދާއިރާގެ ލީޑަރެއްގެ ގޮތުގައި އޮތުމާ ގުޅިގެން، އިންޓީރިއާ އަށް ބޭނުންވާ މޮޅު އުފެއްދުންތައް އެއްތަނަކުން ލިބޭނެގޮތަށް ވިޔަފާރި ފުޅާކުރީ ކަމަށް ޖޭސީސީން ބުންޏެވެ.

ޖޭސީސީ އިން މިހާރު ވިއްކާ ބައެއް ސާމާނުގެ ތެރޭގައި ޕާކޭ (ލެމިނޭޓެޑް ފްލޯރިން)، ޕެއިންޓް، ވުޑްކެއާ، ބޮކި، އެޕްލައަންސް، އެކި ޑިޒައިންތަކުގެ ދޮރުފޮތި، އާޓިފިޝަލް ގަސް އަދި ކާޕެޓް ހިމެނެ އެވެ. އަދިި ހޭންޑްލޫމް ކާޓެއިން އާއި ޓޭބަލް ޓޮޕްތަކާއި ކުޝަން ކަވަރު ފަދަ އުފެއްދުންތައް ސޯސަންމަގު ޖޭސީސީގެ ޝޯރޫމުގެ ދެވަނަ ފްލޯ އިން މިހާރު ލިބެން ހުންނާނެ އެވެ.
ޖޭސީސީ ރީބްރޭންޑްކޮށް، ދުނިޔޭގެ ނަން މަޝްހޫރު އިތުރު ބްރޭންޑުތަކެއް ވެސް ވަނީ އެ ކުންފުންޏާ ގުޅިފަ އެވެ. މިގޮތުން ދުނިޔޭގެ އެންމެ މަގުބޫލު ވުޑްކެއާ ބްރޭންޑު ކަމުގައިވާ އިޓަލީ ވިލާތުގެ "ސޭޔާލެކް" އާއި އިނގިރޭސި ވިލާތުގެ ސެނިޓަރީ ސާމާނު އުފައްދާ "ވާޑޯ" ބްރޭންޑާއި އިތުބާރު ހޯދާފައިވާ "ހެފްލޭ" ބްރޭންޑުން ވަނީ އެ ބްރޭންޑުތަކުގެ ރާއްޖޭގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓާއަކަށް ޖޭސީސީ ހަމަޖައްސައިފަ އެވެ.
ޖޭސީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ކުންފުނީގެ އައުޓްލެޓްތައް ހުޅުވައި، ހިދުމަތް މުޅި ރާއްޖެ އަށް ފުޅާކުރުން ކަމަށެވެ. އެގޮތުން މިމަހުގެ ތެރޭގައި ހުޅުމާލޭގައި ފިހާރައެއް ހުޅުވަން މަސައްކަތްކުރަމުން އަންނަ އިރު، މި އަހަރު ނިމުމުގެ ކުރިން ހދ. ކުޅުދުއްފުށީގައި ވެސް އައުޓްލެޓެއް ހުޅުވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.