15 އޮކްޓޯބަރ 2019 - 08:54

ކިއޭވް (އޮކްޓޫބަރު 15) - ޔޫރޯ ކޮލިފައިންގައި ރޭ ޕޯޗުގަލް އަތުން 2-1 އިން މޮޅުވެ ޔޫކްރޭނުން އަންނަ އަހަރުގެ ޔޫރޯ އަށް ކޮލިފައިވިއިރު ޕޯޗުގަލަށް ލިބުނު ހިތްހަމަޖެހުމަކީ އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ލަނޑާ އެކު އޭނާ ކެރިއަރުގައި 700 ލަނޑު ހަމަކުރުމެވެ.
އުމުރުން 34 އަހަރުގެ ރޮނާލްޑޯ އަކީ ކެރިއަރުގައި 700 ލަނޑު ޖެހި ހަ ވަނަ ކުޅުންތެރިޔާ އެވެ. އޭނާ އެ އަދަދަށް ގޯލު ޖެހީ ގައުމީ ޓީމުގެ އިތުރުން ސްޕޯޓިން، މެންޗެސްޓާ ޔުނައިޓެޑް، ރެއާލް މެޑްރިޑް އަދި ޔުވެންޓަސް އަށް ކުޅެދިން 973 މެޗުންނެވެ. ރޭގެ ގޯލާ އެކު ރޮނާލްޑޯ ވަނީ ގައުމީ ޓީމަށް 95 ލަނޑު ހަމަކޮށްފަ އެވެ. ރޮނާލްޑޯގެ މިސްރާބު ހުރީ އީރާންގެ ކުރީގެ ފޯވާޑް އަލީ ދާއީ 109 ލަނޑު ޖަހައިގެން ހަދާފައިވާ ރެކޯޑް މުގުރާލުމެވެ.
ކުރީގެ މަޝްހޫރު ފޯވާޑް އަންދްރޭ ޝެވްޗެންކޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޔޫކްރޭނުން ޔޫރޯގެ ފުރުސަތު ހޯދީ ކުޅުނު ހަތް މެޗުން 19 ޕޮއިންޓް ހަމަކޮށްގެން ގްރޫޕް ބީގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ދެ ވަނައިގައި އޮތް ޕޯޗުގަލަށް ހަ މެޗުން 11 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ސާބިއާ އަށް ވަނީ ހަ މެޗުން 10 ޕޮއިންޓް ލިބިފަ އެވެ. ކޮންމެ ގްރޫޕަކުން ވެސް ދެ ޓީމު މުބާރާތަށް ކޮލިފައިވާއިރު، މި ގްރޫޕުން ދެން އޮތް ޖާގަ އަށް ވާދަކުރަނީ ސާބިއާ އާއި އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް އެވެ.
ކިއޭވްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 30 މިނިޓް ތެރޭ ޔޫކްރޭނުން ދެ ގޯލު ޖެހި އެވެ. ފުރަތަމަ ލަނޑު ހަ ވަނަ މިނިޓްގައި ކާމިޔާބުކުރީ ރޯމަން ޔަރެމްޗުކް އެވެ. އަދި 27 ވަނަ މިނިޓްގައި ޔޫކްރޭނުގެ ލީޑުފުޅާކޮށްދިނީ ވެސްޓް ހޭމް ޔުނައިޓެޑްގެ ފޯވާޑް އެންޑީ ޔާމޮލެންކޯ އެވެ. ޕޯޗުގަލްގެ ހަމައެކަނި ގޯލު މެޗުގެ 72 ވަނަ މިނިޓްގައި ރޮނާލްޑް ޖެހީ ޕެނަލްޓީ އަކުންނެވެ. އޭރިއާ ތެރެއިން ޓަރާސް ސްޓެޕަނެންކޯ އަތުގައި ޖެހުނު ބޯޅަ އަކަށް ޕެނަލްޓީ ދިންއިރު، އޭނާ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެެވެ. އެއް ކުޅުންތެރިޔަކު މަދުކޮށް މެޗުގެ ފަހުކޮޅުގައި ކުޅުނު ނަމަވެސް ޔޫކްރޭނުން ވަނީ އެ ޓީމުގެ ލީޑު ދަމަހައްޓައިފަ އެވެ.
ދުނިޔޭގެ ޗެމްޕިއަން ފްރާންސް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން 1-1 އިން ތުރުކީއާ އެއްވަރުވެ ގްރޫޕްގެ އެއް ވަނަ އަށް އަރަން ލިބުނު ފުރުސަތު ވަނީ ނަގާލައިފަ އެވެ. ގްރޫޕް އެޗްގެ އެއް ވަނައިގައި އޮތް ތުރުކީ އާއި ދެ ވަނައިގައި އޮތް ފްރާންސަށް އަށް މެޗުން 19 ޕޮއިންޓް ލިބިފައިވާއިރު، މި ގްރޫޕުން ދެން ކޮލިފައިވުމަށް ވާދަކުރަނީ އައިސްލެންޑް އެވެ.
ޕެރިހުގައި ރޭ ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ 76 ވަނަ މިނިޓްގައި އޮލިވިއޭ ޖިރޫޑް ފްރާންސަށް ލީޑުނަގާދީފައިވަނިކޮށް ފަސް މިނިޓް ފަހުން ތުރުކީ އަށް އެއްވަރުކޮށްދިނީ ކާން އައޭހަން އެެވެ.