އެމްޑީޕީގެ ރައީސްކަމަށް ނަޝީދު އަނެއްކާ ވެސް ކުރިމަތިލައްވަނީ
އެމްޑީޕީގެ ރައީސްކަމަށް ނަޝީދު އަނެއްކާ ވެސް ކުރިމަތިލައްވަނީ

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ރައީސް ކަމަށް އެ ޕާޓީގެ މިހާރުގެ ވެސް ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރިމަތިލައްވަން ނިންމަވައިފި އެވެ.

އެމްޑީޕީގެ ރައީސްކަމާއި ނައިބު ރައީސްކަމުގެ މަގާމު ހުސްވެފައިވާތީ، އެ ދެ މަގާމުގެ އިންތިޚާބު އަންނަ މަހުގެ 22 ގައި ބާއްވަން އެ ޕާޓީން ވަނީ ނިންމައި ޝައުގުވެރިވާ ބޭފުޅުން އެކަމަށް އެދި ހުށަހެޅުއްވުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފަ އެވެ. ފޯމު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ނަޝީދު "މިހާރު" އަށް މިއަދު ވިދާޅުވީ، އެމްޑީޕީގެ އެންމެ އިސް މަގާމަށް ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާ ކަމަށެވެ. އެކަމަކު، އަދި އެކަމާ ގުޅޭ ގޮތުން އިތުރަށް އެއްޗެއްް ވިދާޅެއް ނުވެ އެވެ.

ނަޝީދު، ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ރައީސްކަމުގެ އިތުރު ދައުރަކަށް ކުރިމަތިލައްވާ ކަމަށާއި އެމަނިކުފާނަށް ތާއީދު ކޮށްދިނުމަށް އެ ޕާޓީގެ މެމްބަރުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

އެމްޑީޕީގެ ރައީސްކަމަށް އަލުން ކުރިމަތިލައްވަން ނިންމެވިއިރު، އެމަނިކުފާނު އެ މަގާމަށް ގެނައުމުގެ ކެމްޕެއިނެއް ސަޕޯޓަރުން ވަނީ ސޯޝަލް މީޑިއާގައި ރޭ ފަށައިފަ އެވެ.