ފަންސާސް މިލިއަން ޑޮލަރު ހަރަދުކޮށްގެން ލަންކާގެ ފުރަތަމަ ކޭބަލް ކާރު ޕްރޮޖެކްޓް ފަށަނީ
ފަންސާސް މިލިއަން ޑޮލަރު ހަރަދުކޮށްގެން ލަންކާގެ ފުރަތަމަ ކޭބަލް ކާރު ޕްރޮޖެކްޓް ފަށަނީ

ސްރީ ލަންކާ އަށް ކޭބަލް ކާރު ތައާރަފްކުރާ ޕްރޮޖެކްޓުގެ މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ގައި އާދީއްތަ ދުވަހު ސޮއިކޮށްފި އެވެ.

ނުވަރަ އެލިޔާ މުނިސިޕަލް ކައުންސިލްގައި ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރި މި އެއްބަސްވުމުގެ ދަށުން ހިންގާ މަޝްރޫއަށް 50 މިލިއަން ޑޮލަރު ހަރަދުކުރަން ހަމަޖެހިފައިވެ އެވެ. މިއީ ނުވަރަ އެލިޔާގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް، މިދިޔަ ޖުލައި މަހު ކެބިނެޓުން ހުއްދަ ދީފައިވާ މަޝްރޫއެކެވެ.

ޓޫރިޒަމް ޕްރޮމޮޝަން ބޯޑުން ބުނި ގޮތުގައި ކޭބަލް ކާރު ތައާރަފްކުރުމަށް ނުވަރަ އެލިޔާ އަށް ޒިޔާރަތްކުރާ ޓޫރިސްޓުން އިތުރުވެ އަދި މުއްސަނދި ޓޫރިސްޓުންގެ ސަމާލުކަން ވެސް ލިބޭނެ އެވެ.

ނުވަރަ އެލިޔާގައި ކޭބަލް ކާރު އަޅަން ހަމަޖެއްސީ އެއީ އުސް ސަރަހައްދަކަށް ވެފައި އެތަނުގެ ގުދުރަތީ ރީތިކަން ޓޫރިސްޓުންގެ މެދުގައި މަގުބޫލުވީމަ އެވެ.

ކޭބަލް ކާރު މަޝްރޫއު ހަވާލުކުރީ ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ އައުޓްޑޯ އެންޖިނިއަރިން ލަންކާ އާއި އެ ކުންފުންޏާ އެކު މަސައްކަތްކުރާ އެހެން ގައުމެއްގެ ކުންފުންޏެއް ކަމަށްވާ ޑޮޕީލްމް ކޭބަލް ކޮމްޕެނީއާ އެވެ. މި ކުންފުނިން ކޭބަލް ކާރު އަޅަން ހުށަހަޅާފައި ވަނީ ނުވަރަ އެލިޔާގެ ނަނޫ އޮޔާ އިން ސިންގަލް ޓްރީ މައުންޓަން އަށް އަދި ގްރެގަރީ ލޭކަށެވެ.

ކޭބަލް ކާރު ސިސްޓަމް ގާއިމުކުރުމަށް 21 ޓަވަރެއް ހަދާނެ އެވެ. މި ޓަވަރުތައް ނަނޫ އޮޔާ ޓްރެއިން ސްޓޭޝަނުން ފެށިގެން ނުވަރަ އެލިޔާ ރޭސް ކޯހާއި ސިންގަލް ޓްރީ މައުންޓަނާ ހިސާބަށް ހުންނާނެ އެވެ. މި ނެޓްވޯކްގައި 86 ކޭބަލް ކާރު ހިމެނޭއިރު ކޮންމެ ކާރަކަށް ފަހަރަކު 10 މީހުންނަށް އެރޭނެ އެވެ. މަޝްރޫއުގެ ފުރަތަމަ މަރުހަލާގައި ބޭނުންކުރާނީ 43 ކާރެވެ.