ލިމިޓެޑް އޯވާ ކްރިކެޓް މުބާރާތުގެ ފެށުން މާލޭ ސްޕޯޓްސް އާއި މިލާން ކްރިކެޓް އެކަޑަމީ އަށް
ލިމިޓެޑް އޯވާ ކްރިކެޓް މުބާރާތުގެ ފެށުން މާލޭ ސްޕޯޓްސް އާއި މިލާން ކްރިކެޓް އެކަޑަމީ އަށް

މޯލްޑިވްސް ގޭސް ލިމިޓެޑް އޯވާ ކްރިކެޓް މުބާރާތުގެ ފުރަތަމަ ދެ މެޗު މާލޭ ސްޕޯޓްސް ކްލަބާއި މިލާން ކްރިކެޓް އެކަޑަމީ ކާމިޔާބުކޮށްފި އެވެ.

ހުކުރު ދުވަހު ކުޅުނު މުބާރާތުގެ ފުރަތަމަ މެޗު މިލާން ކްރިކެޓް އެކަޑަމީން ކާމިޔާބުކުރީ ނިއު ސްޓާ ކްރިކެޓް ކްލަބާ ވާދަކޮށް 270 ލަނޑުންނެވެ. ޓޮސް ދިމާވުމުން މިލާނުން ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން 376 ލަނޑު ހެދި އެވެ. ކެޕްޓަން ޝަރްފާޒް ޖަލީލް ވަނީ 104 ބޯޅައިން 123 ލަނޑު ހެދި އެވެ. އޭނާގެ ބެޓިން ޕާޓްނަރު ސަކިންދާ ވަނީ އަނިޔާވެގެން ފޭބުމާ ހަމަޔަށް 167 ބޯޅައިން 100 ލަނޑު ހަދައިފަ އެވެ. ޒުވާން ކުޅުންތެރިން ހިމެނޭ ނިއު ސްޓާ އިން ޖަވާބުގައި ކުޅެން އަރައި 38.2 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 105 ލަނޑެވެ.

މުބާރާތުގެ ދެ ވަނަ މެޗު އިއްޔެ މާލޭ ސްޕޯޓްސް ކާމިޔާބުކުރީ ސީބީއެލް ސްޕޯޓްސްއާ ވާދަކޮށް 8 ވިކެޓުންނެވެ. ފުރަތަމަ ކުޅެން އަރައި ސީބީއެލް އިން 49 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 176 ލަނޑު ހެދި އެވެ. ސީބީއެލްގެ އޯޕަނިންގެ ބެޓްސްމަނުންގެ ގޮތުގައި ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ އަބްދުﷲ ޝާހިދާއި މަހުމޫދު ރިޔާޒް ކުޅެން އެރިއިރު ޝާހިދަށް ހެދުނީ 32 ލަނޑެވެ.

ޖަވާބުގައި ކުޅެން އަރައި 35 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެ މާލޭ ސްޕޯޓްސް އިން މެޗު ކާމިޔާބުކުރި އެވެ.

ފަންސާސް އޯވަރަށް ކުޅޭ މި މުބާރާތުގައި، ވާދަކުރަނީ މިލާން ކްރިކެޓް އެކަޑަމީ އާއި މާލޭ ސްޕޯޓްސް އާއި ނިއު ސްޓާގެ އިތުރުން ސީބީއެލް ސްޕޯޓްސް އެވެ. މި މުބާރާތް ކުރިއަށްދާނީ މޯލްޑިވްސް ގޭސް ލިމިޓެޑް އޯވާ ކްރިކެޓް މުބާރާތުގެ ނަމުގަ އެވެ.