އިންޑިއާގެ ކްރިކެޓް ތަރި އިރުފާން އެކްޓިން އަށް
އިންޑިއާގެ ކްރިކެޓް ތަރި އިރުފާން އެކްޓިން އަށް

ޕްރޮފެޝަނަލް ކްރިކެޓުން މިހާރު ރިޓަޔާކޮށްފައިވާ، އިންޑިއާގެ ކުރީގެ ކްރިކެޓް ތަރި އިރުފާން ޕަޓާން އެކްޓިން އަށް ނުކުންނަން ތައްޔާރުވެއްޖެ އެވެ.

ފިލްމު ކްރިޓިކް ތަރަން އަދާޝް ކުރި ޓްވީޓެއްގައި ބުނިގޮތުގައި އިރުފާން، 34، އެކްޓިން އަށް ނުކުންނަނީ އަދި ނަން އިއުލާންނުކުރާ ތަމަޅަ ފިލްމަކުންނެވެ. މި ފިލްމުގައި އޭނާ ފެންނާނީ މަޝްހޫރު ތަމަޅަ އެކްޓަރު ވިކްރަމާ އެކީގަ އެވެ.

ފިލްމުގެ ޑައިރެކްޓަރަކީ އަޖޭ ގަނަނަމުތޫ އެވެ. ނަމަވެސް ފިލްމުގެ އިތުރު ކާސްްޓާއި އޭގެ ޝޫޓިން ފަށާނެ އިރަކާއި ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ.

ފިލްމަކަށް ސޮއިކުރިކަންް އިރުފާން ވެސް ކަށަވަރުކޮށް ދީފައިވެ އެވެ.

އިރުފާން އެކްޓިން އަށް ނުކުންނަ އިރު، އޭނާއަކީ ގްލެމާ އިންޑަސްޓްރީއާ އެހާ ބީރައްޓެހި މީހެއް ވެސް ނޫނެވެ. އެގޮތުން ކަލާޒްގެ މަޝްހޫރު ޑާންސް ޝޯ "ޖަލަކް ދިކްލާޖާ" ގައި 2015 ގައި ވާދަކޮށްފައިވެ އެވެ.

އިރުފާންއަކީ ކުރީގެ ކްރިކެޓް ތަރި ޔޫސުފް ޕަޓާންގެ ކޮއްކޮ އެވެ. ދެބޭން ކްރިކެޓް އެކެޑެމީއެއް ވެސް ހިންގަ އެވެ.