ފަސް އަހަރަށް ފަހު އާސެނަލުން ޗެލްސީ ބަލިކޮށްފި
ފަސް އަހަރަށް ފަހު އާސެނަލުން ޗެލްސީ ބަލިކޮށްފި

ލަންޑަން (ސެޕްޓެމްބަރު 25) - ޗެލްސީ 3-0 އިން ބަލިކޮށް ފަސް އަހަރުތެރޭ އިނގިރޭސި ޕްރިމިއާ ލީގުގެ މެޗެއްގައި އާސެނަލުން ފުރަތަމަ ފަހަރަށް އެ ޓީމުގެ މައްޗަށް ކުރި ހޯދައިފި އެވެ.

ޗެލްސީ އަތުން ލީގު މެޗެއްގައި އާސެނަލް އެންމެ ފަހުން މޮޅުވީ 2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގަ އެވެ. އަދި ޗެލްސީއާ ދެކޮޅަށް ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު ހަ މެޗުގައި ލަނޑެއް ޖެހިފައެއް ވެސް ނުވެ އެވެ.

އާސެނަލުން އެ ޓީމު ކޮޅަށް ހުރިހާ ކަމެއް އަނބުރާލީ މޮޅު ކުޅުމަކާ އެކު އެވެ. އާސެނަލްގެ ކޯޗު އާސެން ވެންގާ ވެސް ބުނީ ޓީމުގެ ފަރާތުން ފެނުނީ ބުރަ މަސައްކަތްކުރިތަން ކަމަށާއި އޭނާ ބުނި ގޮތަށް ހުރިހާ ކުޅުންތެރިން ވެސް ކުޅުނު ކަމަށެވެ.

"އަހަރެން ވަރަށް އުފާވެއްޖެ. ވަރަށް ސްޓައިލުގައި ކުޅެ މި މޮޅުވީ. އަހަރެން ބުނި ގޮތަށް ކުޅުންތެރިން ކުޅުނު. އަނެއްކާ ފެނިގެން ދިޔައީ އެންމެން ވެސް މި މެޗުން މޮޅުވާން ބޭނުންވެފައި ތިބި މިންވަަރު. ހުރިހާ ގޮތަކުން ވެސް މިއީ ފުރިހަމަ މެޗެއް،" ވެންގާ ބުންޏެވެ.

ލީގުގައި ޖެހިޖެހިގެން ހޯދި ހަތަރު ވަނަ މޮޅާ އެކު އާސެނަލް ވަނީ 13 ޕޮއިންޓާ އެކު ތާވަލުގެ ތިން ވަނަ އަށް އަރައިފަ އެވެ. އެއް ވަނައިގައި 18 ޕޮއިންޓާ އެކު މެންޗެސްޓާ ސިޓީ އޮތްއިރު ދެ ވަނައިގައި 14 ޕޮއިންޓާ އެކު އޮތީ އާސެނަލްގެ ވާދަވެރި ޓޮޓެންހަމް ހޮޓްސްޕާސް އެވެ. ލީގުގެ ފުރަތަމަ ތިން މެޗުން މޮޅުވި ޗެލްސީ އޮތީ 10 ޕޮއިންޓާ އެކު އަށް ވަނައިގަ އެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގެ 11 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ އެލެކްސިސް ސަންޗޭޒެވެ. އޭގެ ދެ މިނެޓު ފަހުން ދެ ވަނަ ލަނޑު ޖެހީ މުޅި މެޗުގައި މޮޅަށް ކުޅުނު ތިއޯ ވޮލްކޮޓެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އާސެނަލްގެ ތިން ވަނަ ގޯލް ކާމިޔާބުކޮށްދިނީ މެސުތު އޮޒިލެވެ.