ވިލާ ކޮލެޖުގެ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި
ވިލާ ކޮލެޖުގެ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި

އަންނަ އަހަރު ވިލާ ކޮލެޖުގައި އާ ކޯސްތަކެއް ތައާރަފްކުރަން ނިންމައި، ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

ވިލާ ކޮލެޖުން ބޭއްވި ރަސްމިއްޔާތެއްގައި އެތަނުގެ ވައިސް ރެކްޓަރު ޑރ. އަލީ ނަޖީބް ވިދާޅުވީ އަންނަ އަހަރު އަލަށް ތިން ކޯހެއް ފަށާނެ ކަމަށެވެ. އެއީ ފައުންޑޭޝަން އިން ޑިޒައިން އާއި ޑިގްރީ އިން ސައިކޮލޮޖީ އާއި މާސްޓާ އޮފް ނާސިންގެ އިންޓަނޭޝަނަލް ޕްރޮގްރާމެކެވެ. މި ތިން ކޯހާ ގުޅޭ އިތުރު މައުލޫމާތު އަންނަ ހަފްތާގައި އިއުލާނު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ތިން ކޯހާއި ވިލާ ކޮލެޖުން މިހާރު ކިޔަވައިދޭ 97 ކޯހާ އެކު، އެ ކޮލެޖުން ޖުމްލަ 100 ކޯހެއް އަންނަ އަހަރު ކިޔަވައި ދޭނެ އެވެ. އެއީ މާސްޓާސް ފެންވަރުގެ 12 ކޯހަކާއި ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާގެ ފަސް ކޯހާއި ޑިގްރީ ފެންވަރުގެ 21 ކޯހަކާއި ޑިޕްލޮމާ ފެންވަރުގެ 17 ކޯހަކާއި ފައުންޑޭޝަންގެ 14 ކޯހުގެ އިތުރުން ސެޓްފިކެޓް 3 ފެންވަރުގެ 12 ކޯހާއި ސެޓްފިކެޓް 2 ފެންވަރުގެ ދެ ކޯހާއި ސެޓްފިކެޓް 1 ފެންވަރުގެ އެއް ކޯހެވެ. މީގެ އިތުރުން މެރީން ސްޓަޑީޒް އާއި ވޯޓާ ސްޕޯޓްސްއާ ގުޅޭ އަށް ކޯހަކާއި އޭސީސީގެ ނޮލެޖް ލެވެލް ކޯސްތަކަކާއި ސްކިލް ލެވެލް އަދި ޕްރޮފެޝަނަލް ކޯސްތަކެއް ވެސް އަންނަ އަހަރު ވިލާ ކޮލެޖުން ކިޔަވައި ދޭނެ އެވެ.

މި ކޯސްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ޑިސެމްބަރު މަހުގެ 26 އެވެ. އަންނަ އަހަރުގެ ޖެނުއަރީ މަަހުގެ ފުރަތަމަ ދެ ހަފްތާ ތެރޭގައި އެ ކޯސްތައް ކިޔަވާދޭން ފަށާނެ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.

ނަޖީބް ވިދާޅުވީ އެ ކޮލެޖުގެ ޑިގްރީ ޕްރޮގްރާމުތައް، ސަރުކާރުން ފަށާފައިވާ ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން ކިޔެވޭނެ ކަމަށެވެ. އެހެން ކޯސްތަކުގެ ފީ، އިންސްޓޯލްމެންޓްގެ ދަށުން ދެއްކޭނެ ގޮތް ވެސް އެ ކޮލެޖުން ވަނީ ހަމަޖައްސާފަ އެވެ.

ވިލާ ކޮލެޖުން ކިޔަވާދޭ ކޯސްތަކުގެ ތެރޭގައި އެތަނުގެ އަމިއްލަ ކޯސްތަކުގެ އިތުރުން އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލަންޑްގެ މާސްޓާސް އަދި ޑިގްރީ ކޯސްތައް ވެސް ހިމެނެ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ ވިލާ ކޮލެޖުގެ އަށް ކެމްޕަހެއްގައި މި ކޯސްތައް ކިޔަވައި ދޭނެ އެވެ.