މިއީ އަޅުގަނޑާ ދެކޮޅަށް ހިންގާ ޒާތީ ކަމެއް: ލަތީފް
މިއީ އަޅުގަނޑާ ދެކޮޅަށް ހިންގާ ޒާތީ ކަމެއް: ލަތީފް

ވޮލީބޯޅަ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީ އުވާލައި އެތަނަށް ސްޕޯޓްސް ކޮމިޝަނަރު ނޯމަލައިޒޭޝަން ކޮމިޓީއެއް އައްޔަންކުރުމުގެ ފަހަތުގައި އޮތީ ޒާތީ ކަމެއް ކަމަށާއި، މައްސަލައަކީ އޭނާ ކަމަށް ވާ ނަމަ އޭނާ ކުރިމަތިނުލާ ގޮތަށް އާ އިންތިހާބެއް ބާއްވަން ތައްޔާރު ކަމަށް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ލަތީފްގެ ލީޑާޝިޕާ ގުޅުން ހުރި ސީރިއަސް މައްސަލަތައް ތަހުގީގުކުރުމަށް ފަހު ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް، ވީއޭއެމްގެ އޭރުގެ ހިންގާ ކޮމިޓީ އުވާލައި އެ އެސޯސިއޭޝަން ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލުކުރީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ. އެކަމަކު ދުނިޔޭގެ ވޮލީބޯޅަ ޖަމިއްޔާ އެފްއައިވީބީން ވަނީ އެ ކޮމިޓީ ބަލައިނުގަންނާނެ ކަމަށާއި އެތަނުން ބަލައިގަންނާނީ ލަތީފުގެ ލީޑާޝިޕް ކަމަށް ބުނެފަ އެވެ. އެކަމަކު އެ އެންގުމަށް ބެލުމެއް ނެތި ނޯމަލައިޒޭޝަން ކޮމިޓީން ވަނީ މި މަހުގެ 24 ގައި އާ އިންތިހާބު ބާއްވަން އިއުލާންކޮށްފަ އެވެ. އޭގެ ސަބަބުން ސަސްޕެންޝަނެއް އައުމުގެ ފުރުސަތު ބޮޑެވެ.

ލަތީފް މިއަދު "މިހާރު" އަށް ވިދާޅުވީ ކޮމިޝަނާ އޮފް ސްޕޯޓްސް، ހިންގާ ކޮމިޓީ އުވާލީ އިސްލާހީ އެޖެންޑާގެ މަސައްކަތް ޖުލައި މަހު ނިންމައި އޭނާ ވާދަނުކުރާ ގޮތަށް އަދި މިނިވަން ކޮމިޓީއަކުން އިންތިހާބެއް ބާއްވާނެ ކަމަށް ސްޕޯޓްސް މިނިސްޓްރީ އަށް އަންގާފައި ވަނިކޮށް ކަމަށެވެ.

"މައްސަލައަކީ އަޅުގަނޑު ކަމަށް ވާ ނަމަ އަޅުގަނޑު މިހިރީ ފަހަތަށް ޖެހޭ ގޮތަށް. މިހާރު ވެސް އަޅުގަނޑުމެންނާ އެސޯސިއޭޝަން ހަވާލުކުރޭ. އޭރުން އިސްލާހީ އެޖެންޑާގައި ހުރި ކަންކަން ފުރިހަމަކޮށްފައި އާ އިންތިހާބެއް ބާއްވައިދޭނަން. އަދި އެ އިންތިހާބެއްގައި އަޅުގަނޑު ވާދައެއް ވެސް ނުކުރާނަން،" އޭނާ ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ ބަދަލުގައި ފެންނަނީ ގަދަކަން ދައްކާތަން ކަމަށާއި ހިންގާ ކޮމިޓީ އުވާލައި ނޯމަލައިޒޭޝަން ކޮމިޓީން އެސޯސިއޭޝަނުގެ އޮފީސް ހިސާރު ކުރިކުރުމުން ވެސް އެކަން އެނގޭ ކަމަށެވެ.

"އަޅުގަނޑު މާލޭގައި ވެސް ނެތީސް ޖޫން 11 ގައި ފިޔަވަޅު އެޅީ. އަޅުގަނޑުމެން ސިޓީއެއް ފޮނުވިން ތިކަން ހުއްޓާލާށޭ، އެފްއައިވީބީން ތިކަން ގަބޫލުނުކުރާނެ ކަމަށް ބުނެ. އަދި އަޅުގަނޑުގެ ޖެނެރަލް ސެކްރެޓަރީ ވެސް ސިޓީ ފޮނުވިއެކަން ތަންފީޒްކުރުން މަޑުކޮށްލަން އެދި. އެކަމަކު އަނެއް ދުވަހު އިދާރީ މުވައްޒަފުން އެސޯސިއޭޝަން ހުޅުވައިގެން ތިއްބާ އައިސް އެސޯސިއޭޝަނާ ހަވާލުވީ. އަޅުގަނޑު ގަބޫލުކުރަނީ އެއީ ތަން ފޭރިގަތުން ކަމަށް،" ލަތީފް ވިދާޅުވި އެވެ.

ނޯމަލައިޒޭޝަން ކޮމިޓީއެއް އައްޔަންކުރަން ސްޕޯޓްސް ކޮމިޝަނަރަކީ، ސްޕޯޓްސް މިނިސްޓަރާއި ސްޕޯޓްސް ކައުންސިލުގެ ލަފާގެ މަތިން ރައީސް އައްޔަންކުރައްވާ ބޭފުޅެކެވެ. އަދި އޭނާ އަކީ ސްޕޯޓްސް މިނިސްޓަރާއި ސްޕޯޓްސް ކައުންސިލަށް ޖަވާބުދާރީވާން ޖެހޭ މީހެކެވެ. އަދި މަސައްކަތްކުރައްވަނީ ވެސް މިނިސްޓްރީގެ އޮފީހެއްގަ އެވެ.

ކުރިން ވޮލީބޯޅަ ކުޅުއްވި ލަތީފް ކުޅިވަރުގެ އިދާރީ ހިންގުމުގެ ތެރެއަށް ވަނީ ފުޓްބޯޅައިގެ ތެރެއިންނެވެ. އެގޮތުން މިހާރުގެ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރަކަށް ހުއްޓާ، އޭނާގެ ބަދަލުގައި އެފްއޭއެމުން އެ މަގާމަށް ލަތީފް ހަމަޖެއްސުމާ އެކު ކުޅިވަރުގެ އިދާރީ ބައިން ލަތީފް ފެންނަން ފެށި އެވެ. އަދި 2016 ވަނަ އަހަރު ވޮލީބޯޅަ އެސޯސިއޭޝަނުގެ އިންތިހާބު ކާމިޔާބުކުރައްވައި ރައީސްގެ މަގާމަށް ވަޑައިގަތެވެ.

ކުރީގެ ސަރުކާރުގައި ނުފޫޒު ގަދަކޮށް ހުންނެވި ލަތީފް ވިދާޅުވީ މި ހުރިހާ ކަމަކީ ވެސް އޭނާއާ ދެކޮޅަށް އަންނަ ސިޔާސީ އަދި ޒާތީ ބަދަލު ހިފުމެއް ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ދެ ވަނަ ކުޅިވަރުގެ ގޮތުގައި ވޮލީބޯޅަ އޮތް އޮތުން ނައްތާލަން ވާދަވެރި ކުޅިވަރުތަކެއްގެ ބަޔަކު ކުރާ ކަމެއްގެ ގޮތުގައި ވެސް އޭނާ ތުހުމަތުކުރައްވަ އެވެ.

އެކަމަކު މިނިސްޓަރު މަހުލޫފު ވަނީ ނޯމަލައިޒޭޝަން ކޮމިޓީއެއް އައްޔަންކުރުމަކީ ސްޕޯޓްސް ކޮމިޝަނަރުގެ ކަމެއް ކަމަށާއި އެކަމުގައި އޭނާގެ އަތެއް ނެތް ކަމަށް ވިދާޅުވި އެވެ. އެ ވާހަކަތަކަށް ރައްދު ދެއްވައި ލަތީފް ވިދާޅުވީ ގައުމީ ވޮލީބޯޅަ ޓީމު ފަހަތުގައި ބައިތިއްބައިގެން ނޫސްވެރިންގެ ބައްދަލުވުން ބާއްވައި އަދި ގައުމީ ޓީމަށް ކޯޗުން ހަމަޖެއްސިކަން އިއުލާންކުރެއްވީ ވެސް މަހުލޫފު ކަމަށެވެ.

"ދުނިޔޭގެ ކޮން ގައުމެއްގައިތޯ މިނިސްޓަރު، ޓީމަށް ކޯޗުން ހަމަޖައްސައި އެކަން އިއުލާންކުރަނީ. ސަރުކާރަށް ސަޕޯޓް ދެވިދާނެ. އެކަމަކު ކޯޗުން ހަމަޖެއްސުން ފަދަ ޓެކްނިކަލް ކަންކަން އެއީ އެސޯސިއޭޝަނުގެ ޒިންމާއެއް،" މަހޫލޫފަށް ރައްދުދެއްވައި ލަތީފް ވިދާޅުވި އެވެ.

ނޯމަލައިޒޭޝަން ކޮމިޓީން ބާއްވާ އިންތިހާބުގައި ވާދަކުރެއްވުމަށް ލަތީފުގެ ކުރިން އެސޯސިއޭޝަނުގެ ރައީސްކަން ކުރެއްވި މުހައްމަދު ރިޔާޒް ވެސް ޝައުގުވެރިވެވަޑައިގަންނަވަ އެވެ. އެކަމަކު އޭނާ ވެސް ވަނީ އެފްއައިވީބީ ގަބޫލުނުކުރާ ކޮމިޓީއަކުން އިންތިހާބު ބާއްވާތީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި މިއީ ސައްހަ އިންތިހާބެއްތޯ ބެލުމަށް އޭނާ ވަނީ އެފްއައިވީބީ އަށް ސިޓީއެއް ފޮނުއްވައިފަ އެވެ.

ލަތީފް ވިދާޅުވީ އެސޯސިއޭޝަން ހިންގަން އަދިވެސް އެންމެ ރަނގަޅީ ރިޔާޒް ކަމަށާއި އޭނާ ވާދަވެރި މީހެއްގެ ގޮތުގައި ހުރިއިރު ވެސް ރިޔާޒަށް ދުވަހަކު ވެސް ފާޑު ވިދާޅުވެފައިނުވާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރިޔާޒަކީ ސްކިލްފުލް ބޭފުޅެއް. ވަރަށް ރެސްޕެކްޓްކުރަން އެ ބޭފުޅާ އަށް. އޭނާގެ ދައުރުގައި ވެސް ކަންކަން ނުވީ ބަޔަކު އޭނާގެ ހަތަރެސް ފައި ބަނދެގެން ތިބީމާ. އެކަން ކުރި މީހުން ތިބީ އަޅުގަނޑުގެ ހަތަރެސް ފައި ވެސް ބަނދެގެން. އެ އެންމެންގެ ކިބައިން ސަލާމަތްވެގެން 2018ގެ ފަހުކޮޅު ރަނގަޅަށް މަސައްކަތް ފެށުނީ،" ލަތީފް ވިދާޅުވި އެވެ.

"އެ ހިސާބުން އަޅުގަނޑު ނިންމީ އިސްލާހީ އެޖެންޑާ ފުރިހަމަކޮށްފައި ދުރަށް ދާން. މިހާރު ވެސް މިހިރީ އެގޮތުގައި."