ފަހު ސިކުންތުގެ ގޯލުން މާޒިޔާ ލީގާ ފިޔަވަޅަކާ ގާތަށް
ފަހު ސިކުންތުގެ ގޯލުން މާޒިޔާ ލީގާ ފިޔަވަޅަކާ ގާތަށް

ފަހު ސިކުންތުގައި މުހައްމަދު އުމެއިރު ވައްދާލި ލަނޑާ އެކު ޔުނައިޓެޑް ވިކްޓަރީ އަތުން 1-0 އިން މޮޅުވެ އުރީދޫ ދިވެހި ޕްރިމިއާ ލީގު ފުރަތަމަ ފަހަރަށް ކާމިޔާބުކުރުމާ އެންމެ ފިޔަވަޅަކާ ގާތަށް މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަން ޖެހިލައިފި އެވެ.

ދެ ވަނައިގައި އޮތް ކްލަބް އީގަލްސް މިއަދު ހަވީރު ވިކްޓަރީ އަތުން މޮޅުނުވެއްޖެ ނަމަ ބާކީ ތިން މެޗު އޮއްވާ މާޒިޔާ އަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ. އަދި މިއަދު އީގަލްސް މޮޅުވި ނަމަވެސް އަންނަ ހުކުރު ދުވަހު ހަވީރު ބީޖީ ސްޕޯޓްސް އަތުން މޮޅުވެގެން ވެސް މާޒިޔާ އަށް ލީގު ކަށަވަރުކުރެވޭނެ އެވެ.

ރޭގެ މޮޅާ އެކު މާޒިޔާ އަށް 43 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމު އެއް ވަނައިގައި އޮތީ 11 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ދެ ވަނައިގައި އޮތް އީގަލްސް އަށް، އެއް މެޗު މަދުން ކުޅެގެން ލިބިފައިވަނީ 32 ޕޮއިންޓެވެ. މިއަދު ހަވީރު ވިކްޓަރީ އަތުން އީގަލްސް މޮޅުނުވެއްޖެ ނަމަ، އެ ޓީމަށް ބާކީ އޮތް ތިން މެޗުން މާޒިޔާއާ އަރާހަމަކުރެވޭނެ ގޮތެއް ނޯންނާނެ އެވެ. އެހެންކަމުން އީގަލްސް މިއަދު ނެރޭ ނަތީޖާއަކުން، މާޒިޔާ އަށް ލީގު ކަށަވަރުވާނެ އެވެ.

ބައިބަލާގައި މަޝްހޫރުކަން ހޯދި މާޒިޔާ އިން 2007 އިން ފެށިގެން ފުޓްބޯޅައިގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އަންނައިރު އެ ޓީމު ވަނީ އެފްއޭ ކަޕާއި ގައުމީ މުބާރާތް ކާމިޔާބުކޮށްފަ އެވެ. މާފަންނަށް ނިސްބަތްވާ ޓީމަށް މިހާރު މަދުވާ ހަމައެކަނި މުބާރާތަކީ ލީގެވެ. މިދިޔަ ހަތަރު ފަސް ވަރަކަށް އަހަރު ވެސް ލީގަށް އެންމެ ބޮޑަށް ވާދަކުރި އެއް ޓީމަކީ މާޒިޔާ އެވެ.

ރޭ މާޒިޔާ އާއި ޔުނައިޓެޑް ވިކްޓަރީ ބައްދަލުކުރި މެޗުގައި މާޒިޔާ އިން ގިނަ އަދަދަކަށް ހަމަލާތައް އުފެއްދި ނަމަވެސް އެ ޓީމަށް މެޗުގެ ފަހު ވަގުތާ ހަމަޔަށް ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއް ނުވި އެވެ. އެ ޓީމު މޮޅުވި ލަނޑު، ހިލޭ ޖެހުމަކުން އުމެއިރު ޖެހީ މެޗުގެ އެންމެ ފަހު ސިކުންތުގަ އެވެ. އެ ލަނޑާ އެކު ރެފްރީ އަހުމަދު ޝިފާން މެޗު ނިންމާލިއިރު ޔުނައިޓެޑް ވިކްޓަރީގެ އޮފިޝަލުންނާއި ކުޅުންތެރިން ވަނީ އޭރު އިތުރަށް ދިން ފަސް މިނެޓުގެ އިތުރަށް ތިން މިނެޓު ކުޅުވާފައިވާ ކަމަށް ބުނެ ވަރަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ލީގުގައި އިއްޔެ ހަވީރު ކްލަބް ވެލެންސިއާ ވަނީ ބީޖީ ސްޕޯޓްސް އަތުން 2-1 އިން ބަލިވެ މައްސަލަތަކާ ކުރިމަތިވެފަ އެވެ. ވެލެންސިއާ 20 ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތްއިރު މިރޭ ޓީސީ ސްޕޯޓްސް އަތުން މޮޅުވެގެން ނިއު ރޭޑިއަންޓަށް ހަތަރު ވަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ. މިވަގުތު 19 ޕޮއިންޓާ އެކު ނިއު ހަ ވަނައިގައި އޮތްއިރު ފަސް ވަނައިގައި 20 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން އޮތީ ޔުނައިޓެޑް ވިކްޓަރީ އެވެ. ރޭ އެ ޓީމު މާޒިޔާ އަތުން މަދުވެގެން ޕޮއިންޓެއް ހޯދި ނަމަވެސް ހަތަރު ވަނަ އަށް އެރޭނެ އެވެ

އަނެއްކޮޅުން ވެލެންސިއާ އަތުން ހޯދި މޮޅާ އެކު ބީޖީ ވަނީ ރެލިގޭޝަނުން ސަލާމަތްވުމުގެ އުއްމީދު އާކޮށްފަ އެވެ. އެ ޓީމު 12 ޕޮއިންޓާ އެކު އެންމެ ފުލުގައި އޮތްއިރު ހަތް ވަނައިގައި ވިކްޓަރީއާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެކެވެ. އެކަމަކު މިއަދު ހަވީރު އީގަލްސް އަތުން މޮޅުވެގެން އެ ފަރަގު ބޮޑުކުރުމުގެ ފުރުސަތު ވިކްޓަރީ އަށް އެބައޮތެވެ. ލީގު ރޭވިފައިވާ ގޮތުން އެންމެ ފުލަށްދާ ޓީމު ރެލިގޭޓްވާއިރު ހަތް ވަނަ އަށް ނިންމާ ޓީމު ޖެހޭނީ ދެ ވަނަ ޑިވިޝަނުގެ ދެ ވަނަ ޓީމާ އެކު ޕްލޭއޮފް މެޗެއް ކުޅޭށެވެ. އެ މެޗުން ބަލިވާ ޓީމެއް ރެލިގޭޓްވެ މޮޅުވާ ޓީމަކަށް ފުރަތަމަ ޑިވިޝަނުން ފުރުސަތު ލިބޭނެ އެވެ.

އިއްޔެގެ މެޗުގައި ބީޖީ އަށް ލަނޑު ޖަހައިދިނީ އަހުމަދު އުސާމާއި ކިންގްސްލީ އެލެޗީ އެވެ. ވެލެންސިއާގެ ހަމައެކަނި ގޯލް ޖެހީ އެންހެލް މުނޯޒެވެ.