14 އޮކްޓޯބަރ 2019 - 11:40

މިދިއަ ހޮނިހިރުދުވަހު ޖަޕާނަށް ކުރިމަތިވި ވަރުގަދަ ތޫފާން ހަގިބިސް އަށް ފަހު މީހުން ސަލާމަތްކުރާށާއި އެހީތެރިކަން ފޯރުކޮށްދޭން 110،000 މީހުން ހަރަކާތްތެރިވާން ފަށައިފި އެވެ.
ހަގިބިސް އަކީ މިދިއަ ވިއްސަކަށް އަހަރުގެ ތެރޭގައި ޖަޕާނަށް ކުރިމަތިވި އެންމެ ވަރުގަދަ ތޫފާނެވެ. މިހާތަނަށް 37 މީހުން މަރުވެ އަދި 20 މީހަކު ވަނީ ގެއްލިފަ އެވެ.
ތޫފާނުގެ ބާރު މިހާރު އޮތީ ވަރަށް ބޮޑަށް ކުޑަވެފަ އެވެ. އެކަމަކު ލިބުނު ގެއްލުންތައް ވަރަށް ބޮޑެވެ.
ފެން ބޮޑުވެގެންނާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނާއި ގެއްލިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފުލުހުންނާއި ސިފައިންނާއި އަލިފާން ނިންވާ މީހުންނާއި ކޯސްޓް ގާޑުން ވެސް ހަރަކާތްތެރިވެ އެވެ.
ގަޑިއަކު 225 ކިލޯމީޓަރުގެ ބާރު މިނުގައި ވައި ޖެހުނު ހަގިބިސް ވަނީ ޖަޕާންގެ މައިގަނޑު އަށް ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. ބައެއް ހިސާބުތަކުގައި އުނަގަނޑާ ހަމައަށް ފެން ބޮޑުވެފައިވެ އެވެ.
ޖަޕާނަކީ ރޭލުގެ ދަތުރުތަކުގައި ދުނިޔޭގެ ނަމޫނާ ގައުމެކެވެ. އެކަމަކު ތޫފާނުގައި އެއް ސަރަހައްދުގެ ބްލެޓް ރޭލްތަކަށް ބޮޑެތި ގެއްލުންތައް ލިބުނެވެ. އެގޮތުން 10 ރޭލެއް އޮތީ ފެނު އަޑީގަ އެވެ. އެއިން ކޮންމެ ރޭލެއްގެ އަގު 30 މިލިއަން ޑޮލަރު (462 މިލިއަން ރުފިޔާ) އަށް އަރަ އެވެ.
ބޮޑުވަޒީރުގެ އޮފީހުން ބުނީ އެންމެ ބޮޑަށް ސަމާލުކަން ދޭނީ ފެން ބޮޑުވެ، އެކަހެރިވެފައި ހުރި ގެތަކަށާއި ވީނުވީ ގޮތެއް ނޭނގިފައިވާ މީހުން ހޯދަން ކަމަށެވެ.
މިހާތަނަށް ލިބޭ މައުލޫމާތުތަކުން އެނގޭ ގޮތުގައި 92،000 ގެއެއްގައި ކަރަންޓެއް ނެތެވެ. އިއްޔެ އެ އަދަދު އުޅުނީ 262،000 ގަ އެވެ. ފެނުގެ ހިދުމަތް ކެނޑިފައި ހުރި ގޭބިސީތަކުގެ އަދަދު 120،000 އަށް އަރަ އެވެ.
ތޫފާން ލައްވާލުމުގެ ކުރިން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރުން ގޮވާލީ ހަތް މިލިއަން މީހުން ގެދޮރު ދޫކޮށް އެހެން ހިސާބުތަކަށް ދިއުމަށެވެ. އެކަމަކު މިހާތަނަށް ވަގުތީ ހިޔާތަކުގެ ބޭނުންކުރަމުން އަންނަނީ ގާތްގަނޑަކަށް 50،000 މީހުން ކަމަށްވެ އެވެ.
ވެރިރަށް ޓޯކިޔޯއަށް މާ ބޮޑު އަސަަރެއް ނުކުރެ އެވެ. އެކަމަކު ޖަޕާންގެ މައިގަނޑު އެހެން ސިޓީތައް ވަނީ ފެނު އަޑީގަ އެވެ.
ނަގިބިސްގެ ބިރުވެރިކަމާއި ގެއްލުން ޖަޕާނަށް ކުރިމަތިވިޔަސް އުފާވެރި ހަބަރެއް ވެސް ވަނީ ގެނެސްދީފަ އެވެ: ޖަޕާންގައި މިހާރު ކުރިއަށް ދާ ރަނގަބީ ވޯލްޑް ކަޕްގައި، ސްކޮޓްލެންޑް 28-21 އިން ބަލިކޮށް، ކްއާޓާ ފައިނަލުން ޖާގަ ލިބުމެވެ. މިއީ އެ މުބާރާތުގެ ގަދަ އަށަކުން ޖަޕާނަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.
"މި މެޗު މި ހަދިޔާކުރަނީ ތޫފާނުގެ އަސަރުކުރި އެންމެންނަށް. ބަލަން އެއްވި މީީހުން ގިނަ. އެހެންކަމުން މިއަދަކީ ހަމައެކަނި މެޗެއް ކުޅެލި ދުވަހެއް ނޫން،" ޖަޕާންގެ ކޯޗު ޖެމީ ޖޯސެފް ބުންޏެވެ.