ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ދާދި ފަހުން ރިލީޒްކޮށް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ކަބީރު ސިންގް" އަށް ފަހު ޝާހިދު ކަޕޫރް، ތެލެގޫ ފިލްމު "ޖާޒީ" ގެ ހިންދީ ފިލްމަށް ވެސް ސޮއިކޮށްފި އެވެ.

އެ ފިލްމު އޭނާ އަށް ހުށަހަޅާފައިވާ ކަމަށް އަޑުތައް އަރާފައިވާތާ ދުވަސްތަކެއް ފަހުން "ޖާޒީ" ގެ ހިންދީ ފިލްމަށް ޝާހިދު ސޮއިކުރިކަން ކަށަވަރުކޮށްދެމުން، ފިލްމު ކްރިޓިކް ތަރަން އަދާޝް ކުރި ޓްވީޓެއްގައި ބުނީ ހިންދީ ފިލްމު ވެސް ޑައިރެކްޓްކުރާނީ ތެލެގޫ ފިލްމު ވެސް ޑައިރެކްޓްކުރި ގޯތަމް ތިނައްނޫރީ ކަމަށެވެ.

މިދިޔަ އެޕްރީލް މަހު ރިލީޒްކުރި "ޖާޒީ" އަކީ ކްރިކެޓްގެ ވާހަކަ ކިޔައިދޭ ސްޕޯޓްސް ޑްރާމާއެކެވެ. މީގެ ލީޑް ރޯލް ކުޅެފައި ވަނީ ނަނީ އާއި ޝްރަދާ ސްރީނާތެވެ.

ތަރަން ބުނިގޮތުގައި "ޖާޒީ" ގެ ހިންދީ ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ އޮގަސްޓް މަހުގެ 28 ގަ އެވެ. ނަމަވެސް ފިލްމުގެ އިތުރު ކާސްޓުންނާއި ޝޫޓިން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

ޝާހިދުގެ "ކަބީރު ސިންގް" އަކީ 2017 ގައި ރިލީޒްކުރި ތެލެގޫ ފިލްމު "އަރުޖުން ރެޑީ" ގެ ރިމެކެކެވެ.

ބޮލީވުޑްގެ ވަރުގަދަ އެކްޝަން ހީރޯ ވިދުޔަތު ޖަމްވަލް ލީޑް ރޯލް ކުޅޭ ފިލްމު "ޚުދާހާފިޒް" ގެ ޝޫޓިން ފަށައިފި އެވެ.

އަންނަ އަހަރު ސިނަމާތަކަށް ގެންނަ މި އެކްޝަން ތުރިލާގެ ޑައިރެކްޓަރަކީ ފާރޫކް ކަބީރެވެ. ފިލްމު ޕްރޮޑިއުސްކުރަނީ ކުމާރު މަންގަތާއި އޭނާގެ ދަރިފުޅު އަބީޝެކް މަންގަތުގެ ކުންފުނި ޕެނޮރާމާ ސްޓޫޑިއޯސްއިންނެވެ.

ވިދުޔަތުގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 29 ގައި ރިލީޒްކުރާ "ކޮމާންޑޯ 3" އެވެ.

ފިލްމެއް ޑައިރެކްޓްކުރަން އިއުލާންކުރުމަށް ފަހު، އެއާ ގުޅޭ އެއްވެސް ތަފުސީލެއް އަދި ހިއްސާނުކުރާ ޑައިރެކްޓަރު ފަރާ ޚާން ހޯސްޓްކުރާ އާ ޝޯއެއްގެ މަސައްކަތް ފަށައިފި އެވެ.

ފްލިޕްކާޓް ވީޑިއޯ އިން ސްޓްރީމްކުރާ މި ޝޯއަކީ "ބެކްބެންޗާޒް" ކިޔާ ކްއިޒް ޝޯއެކެވެ. ފަރާ ހޯސްޓްކުރާ ޝޯ އިން މަޝްހޫރު ސެލެބްރިޓިން ފެންނާނެ އެވެ. އޭގެ އެޕިސޯޑެއްގެ ރެކޯޑިންގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ވެސް އޭނާ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ. އޭގައި ފަރާ ފެންނަނީ ބަތަލާ ޕަރިނީތީ ޗޯޕްޅާ އާއި ޓެނިސް ތަރި ސާނިއާ މިރުޒާއާ އެކީގަ އެވެ.

ފަރާއަކީ މީގެ ކުރިން ވެސް ވަރަށް ގިނަ ޝޯތައް ހޯސްޓްކޮށްފައިވާ މީހެކެވެ.

މިހާރު ޝޫޓްކުރަމުން އަންނަ ބޮކްސިން ފިލްމު "ތޫފާން" ގެ މަސައްކަތުގެ ތެރޭގައި އެކްޓަރު ފަރްހާން އަޚްތަރުގެ އަތަށް ބޮޑު އަނިޔާއެއް ލިބިއްޖެ އެވެ.

އޭނާގެ އަތަށް ލިބުނު ހެއާލައިން ފްރެކްޗާގެ އެކްސް-ރޭ ފޮޓޯއެއް ވެސް އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ. "ތޫފާން" ގައި ބޮކްސިންތެޅުންތެރިއެއްގެ ރޯލް ކުޅެން ފަރްހާން ވަނީ ވަރަށް ގިނަ ދުވަހުގެ ޓްރޭނިން ވެސް ހަދައިފަ އެވެ.

މި ފިލްމަކީ އޭނާ އަށް 2013 ގައި އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ލިބުނު ފިލްމު "ބާގް މިލްކާ ބާގް" ގެ ޑައިރެކްޓަރު ރާކޭޝް އޯމް ޕްރަކާޝް މެހެރާ ޑައިރެކްޓްކުރާ ފިލްމެކެވެ.

"ތޫފާން" ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ އޮކްޓޯބަރު 2 ގަ އެވެ.