14 އޮކްޓޯބަރ 2019 - 11:06

އާ ސަރުކާރުން ވައުދު ވީ ގޮތަށް އިޓަލީގެ ރައްޔިތުންގެ މަޖިލިހުގެ ދެ ގޭގެ މެމްބަރުންގެ އަދަދު ވަރަށް ބޮޑު ތަނުން މަދުކޮށް، 1.1 ބިލިއަން ޑޮލަރު ސަލާމަތްކުރަން އަމާޒު ހިފައިފި އެވެ.
އިޓަލީގެ ޕާލިމެންޓުން ފާސްކުރި ގޮތުން ނަމަ، މިހާރު ތިބި މެމްބަރުން ތިން ބައި ކުޅަ އެއް ބަޔަށް މަދުވާނެ އެވެ. އެގޮތުން މަޖިލިހުގެ 630 މެމްބަރުންގެ ބަދަލުގައި 400 އަށް، އަދި ސެނެޓްގެ 315 މެމްބަރުންގެ ބަދަލުގައި 200 އަށް މަދުކުރަން ވަނީ ފާސްކޮށްފަ އެވެ.
އެކަމަކު ގާނޫނުއަސާސީއަށް ގެންނަ ބަދަލަކަށް ވާތީ، މަޖިލިހުގެ ނިންމުމަށް އަމަލްކުރުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހެ އެވެ.
ޕާލިމެންޓް ކުޑަކޮށް، ހަރަދު ވެސް ދަށްކުރުމުގެ ވައުދަކީ މިހާރު އިޓަލީގެ ވެރިކަން ހިންގާ ކޯލިޝަންގެ މައި ޕާޓީ ކަމަށް ވާ ފައިވް ސްޓާ މޫވްމަންޓްގެ ކެމްޕޭންގެ ބައެކެވެ.
"އެކަން ނިމިއްޖެ އެވެ. ވައުދު ދަމަހައްޓައިފީމެވެ،" މަޖިލިސް ކުޑަކުރަން ނެގި ވޯޓަށް ފަހު ފައިވް ސްޓާގެ ބްލޮޖެއްގައި އިއުލާންކުރި އެވެ.
އެކަމަކު މި ބަދަލާ ދެކޮޅު މީހުން ބުނާ ގޮތުގައި މިއީ ޑިމޮކްރަސީގައި ފަހަތަށް އެޅި ފިޔަވަޅެކެވެ. އަދި މަޖިލިހުގެ ތެރެއިން ވަކި ކަންކަން ކުރަން ލޮބީކުރާ މީހުންގެ ނުފޫޒު މާ ބޮޑަށް ފޯރާނެ ކަމަށް ވެސް، ބަދަލާ ދެކޮޅު މީހުން ބުނެ އެވެ.
ފައިވް ސްޓާ ޕާޓީން ބުނި ގޮތުގައި މި ބަދަލާ އެކު ސަލާމަތްވާ ހަރަދުގެ ނިސްބަތް، ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި، 1.1 ބިލިއަން ޑޮލަރަށް އަރާނެ އެވެ.
"މިއީ އަހަރެމެން އިންތިޒާރުކުރި ދުވަސް،" ކެބިނެޓް ސެކްރެޓަރީ ރިކާޑޯ ފްރަކާރޯ ވިދާޅުވި އެވެ.
"ވައުދުތަކާ ހިލާފުވި 30 އަހަރަށް ފަހު، އެމްޕީންނާއި ސެނެޓަރުންގެ އަދަދު މަދުކުރުން މިއަދު މި ވަނީ ހަގީގަތަކަށް ވެފައި. ސިޔާސީ އާ މޫސުމެއް މި އޮތީ ފެށިފައި، އޭގެ މެދުގައި ތިބީ ރައްޔިތުން."
އިޓަލީގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކަށް އަހަރަކު 230،000 ޑޮލަރު (3.9 މިލިއަން ރުފިޔާ) ހޭދަވާ އިރު ސެނެޓަރެއްގެ ހަރަދު އުޅެނީ އަހަރަކު 274،000 ޑޮލަރު (4.2 މިލިއަން ރުފިޔާ) ގަ އެވެ. އެކަމަކު މިހާރު ގެންނަ ބަދަލުތައް ރައްޔިތުން ބަލައިގަނެ، އެއަށް އަމަލްކުރަން ފަށައިފި ނަމަ، މަޖިލިހުގެ ހަރަދުން އަހަރަކު 64 މިލިއަން ޑޮލަރު (އެއް ބިލިއަން ރުފިޔާ) އަދި ސެނެޓްގެ ބަޖެޓުން 28 މިލިއަން ޑޮލަރު (431 މިލިއަން ރުފިޔާ) ސަލާމަތްވާނެ އެވެ.
މަޖިލިހުގެ މެމްބަރުންގެ އަދަދަށް ބަދަލު ގެންނަ ގާނޫނަށް އަމަލްކުރަން ފަށާނީ 2023 ގައި އޮންނަ އިންތިހާބަށް ފަހު އެވެ.