14 އޮކްޓޯބަރ 2019 - 09:39

ޝިކާގޯ (އޮކްޓޯބަރު 14) – އިންގްލެންޑުގެ ޕައުލާ ރެޑްކްލިފް ހަދާފައި އަންހެނުންގެ ދުނިޔޭގެ މެރެތަން ރެކޯޑް 16 އަހަރަށް ފަހު ކެންޔާގެ ބްރިގިޑް ކޮސްގެއީ އިއްޔެ ޝިކާގޯ މެރެތަންގައި މުގުރާލައިފި އެވެ.
ލަންޑަން މެރެތަންގައި 2003 ވަނަ އަހަރު ރެޑްކްލިފް 2 ގަޑި 15.25 މިނެޓުން ހަދާފައިވާ ރެކޯޑް ކޮސްގެއީ މުގުރާލީ 2 ގަޑި 14.04 މިނެޓުންނެވެ. މިއީ 81 ސިކުންތުގެ ކުރިއެރުމެކެވެ. ރެޑްކްލިފްގެ ރެކޯޑަކީ ފަހުގެ ތާރީހެއްގައި ފިރިހެން ވިޔަސް އަންހެން ވިޔަސް އެންމެ ގިނަ ދުވަހު މުގުރާނުލެވި އޮތް މެރެތަން ރެކޯޑެވެ.
ކޮސްގެއީ ރޭސް ނިންމި އިރު މަރުހަބާ ކިޔަން ރެޑްކްލިފް ހުއްޓެވެ. އޭނާ ބުނީ ކޮސްގެއީ ހާފް މެރެތަނާ ހިސާބަށް ކޮސްގެއީ ދުވިލެއް ބާރުކަމުން ރެކޯޑް މުގުރަލެވޭނެކަން ޔަގީންވި ކަމަށެވެ. އުމުރުން 25 އަހަރުގެ ކޮސްގެއީ ވަނީ މި އަހަރުގެ ލަންޑަން މެރެތަން 2 ގަޑި 18.20 މިނެޓުން ކާމިޔާބުކޮށް އެ މެރެތަން ކާމިޔާބުކުރި އެންމެ ޒުވާން ދުވުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ.
ޝިކާގޯ މެރެތަންގައި ކޮސްގެއީ އަށް ވުރެ އަވަހަށް ނިންމާފައިވަނީ ފިރިހެން 22 ދުވުންތެރިންނެވެ. ފިރިހެނުންގެ ބައިން އެއް ވަނަ ހޯދި ކެންޔާގެ ލޯރެންސް ޝެރޯނޭގެ ޓައިމިން އަކީ 2 ގަޑި 05.45 މިނެޓެވެ. ދުނިޔޭގެ ފިރިހެނުންގެ ރެކޯޑް އޮތީ 2 ގަޑި 01:39 މިނެޓުން ދުވެފައިވާ ކެންޔާގެ އެލިއޫޑް ކިޕްކޯޖް އަތުގަ އެވެ. އެކަމަކު އޭނާ ވަނީ ހާއްސަ ޕްރޮޖެކްޓެއްގެ ދަށުން ހޮނިހިރު ދުވަހު 1 ގަޑި 59:40 މިނެޓުން ދުވެ މެރެތަނެއް ދެ ގަޑިއިރަށް ވުރެ އަވަހަށް ނިންމި ފުރަތަމަ މީހާ އަށް ވެފަ އެވެ. އެހެންވިޔަސް ތަފާތު ސަބަބުތަކާ ހެދި އެއީ ރެކޯޑެއް ކަމަށް ކަނޑައަޅާފައެއް ނުވެ އެވެ.