ވަރުން ދަވަން އަށް ބައޮގްރަފިކަލް ޑްރާމާއެއް
ވަރުން ދަވަން އަށް ބައޮގްރަފިކަލް ޑްރާމާއެއް

މީގެ ހަތަރު އަހަރު ކުރިން ރިލީޒްކުރި ކާމިޔާބު ފިލްމު "ބަދުލާޕޫރް" އަށް ފަހު، އެކްޓަރު ވަރުން ދަވަން، ޑައިރެކްޓަރު ސްރީރާމް ރަގްވަންގެ ފިލްމަކަށް އަނެއްކާ ވެސް ސޮއިކޮށްފި އެވެ.

މި ފިލްމަކީ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ހަދާ ބައޮގްރަފިކަލް ޑްރާމާއެކެވެ. ފިލްމުގައި ކިޔައިދޭނީ އިންޑިއާގެ އަސްކަރިއްޔާގެ ކުރީގެ ވަރަށް ވަރުގަދަ ޝަހުސިއްޔަތެއް ކަމަށްވާ ސެކަންޑް ލެފްޓިނަންޓް އަރޫން ކެތުރިޕާލްގެ ވާހަކަ އެވެ.

ފިލްމުގައި ވަރުން ކުޅޭނީ ޓައިޓްލް ރޯލެވެ. އޭނާ ބުނީ ފިލްމެއްގައި ސިފައިންގެ މީހެއްގެ ރޯލް ކުޅެން ލިބުމަކީ ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށްވުން ކަމަށެވެ.

"އަދި އެންމެ ބޮޑަށް އުފާވީ އަރޫންގެ ރޯލް ކުޅެލަން ލިބުނީމަ. އޭނާގެ ވާހަކައެއް ފިލްމެއް ހަދާކަން އެނގި އެއިން ފުރުސަތު ލިބުމަކީ ހަގީގަތުގައި ފުރަތަމަ ބޮޑު ޝޮކަކަށް ވެސް ވި،" ކާމިޔާބު އެކްޓަރު ބުންޏެވެ. "އަހަންނަށް ވަރަށް ޔަގީން މި ފިލްމަކީ ބެލުންތެރިން ވަރަށް ގަޔާވާ ކަހަލަ ފިލްމަކަށް ވާނެ."

މިދިޔަ އަހަރު ރިލީކޮށް މި އަހަރުގެ ނެޝަނަލް އެވޯޑްގެ އެންމެ މޮޅު ފިލްމުގެ އެވޯޑް ވެސް ކަށަވަރުކޮށްފައިވާ "އަންދާދުން" ގެ ޑައިރެކްޓަރު ބުނީ އަރުންގެ ވާހަކައަކީ އޭނާ ވަރަށް ކުޑައިރުއްސުރެ ވަރަށް ޝައުގުވެރިވި ވާހަކައެއް ކަމަށެވެ. އަދި އޭނާގެ ވާހަކަ ފިލްމެއްގެ ގޮތުގައި ގެނެސްދޭން ނިންމައި، ފިލްމުގެ ސްކްރީންޕްލޭ އަށް ވަރަށް މަސައްކަތްކުރި ކަމަށް ސްރީރާމް ބުންޏެވެ.

"އަހަރެން ބުނާނީ މިއީ އިންޑިއާގެ ގައމުމުގެ ދިފާއުގައި ކުރެވުނި މަސައްކަތުގެ ތެރޭގައި ސިފައިންގެ މީހަކު އަދާކުރި ދައުރުގެ ވަރަށް މުހިއްމު ސޮފުހާތަކެއް ގެނެސްދެވޭނެ ފިލްމެއް ކަމަށް،" އާންމުކޮށް ސަސްޕެންސް ތުރިލާތައް ހަދާ ސްރީރާމް ބުންޏެވެ. "އަހަރެން ވަރަށް މަސައްކަތްކުރާން ޝައުގުވެރި އަދި ފުރިހަމަ ފިލްމެއް ބެލުންތެރިންނަށް ގެނެސްދޭން."

އަރުންގެ ވާހަކަ ކިޔައިދޭ ފިލްމެއް ހަދަން ނިންމާފައިވާތީ ފިލްމުގެ ޓީމުން ވަނީ އޭނާގެ އާއިލާއާ ވެސް ބައްދަލުކޮށްފަ އެވެ.

އަރޫން ވަރަށް ޒުވާން އުމުރުގައި އެންމެ 21 އަހަރުގައި މަރުވީ އޭނާ މުހިއްމު ދައުރެއް އަދާކުރި އަދި 1971 ގައި އިންޑިއާ އާއި ޕާކިސްތާނާ ދެމެދުކުރި ބަސަންތަރު ހަނގުރާމައިގަ އެވެ. އެ ހަނގުރާމައިގައި އަރޫން އަދާކުރި މުހިއްމު ދައުރު ފާހަގަކޮށް އިންޑިއާ ސަރުކާރުން ވަނީ އަސްކަރީ ގޮތުން ދެވޭ މަތީ ޝަރަފު ޕަރަމް ވީޗް ޗަކްރާ ވެސް އަރުވައިފަ އެވެ.

އޭނާގެ ވާހަކަ ކިޔައިދޭ ފިލްމެއް އިއުލާންކުރި ނަމަވެސް ފިލްމުގެ ނަމާއި މަސައްކަތް ފަށާނެ އިރަކާއި ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ވަރުން މި ވަގުތު އަންނަނީ އޭނާގެ ބައްޕަ އަންނަ އަހަރުގެ މެއި 1 ގައި ގެނެސްދޭ "ކޫލީ ނަމްބަރު 1" ގެ މަސައްކަތްކުރަމުންނެވެ. މި އަހަރު ރިލީޒްކުރި "ކަލަންކް" ގެ އެކްޓަރު ދެން އެންމެ އަވަހަށް ސްކްރީނުން ފެންނަނީ އަންނަ ޖެނުއަރީގައި ރިލީޒްކުރާ "ސްޓްރީޓް ޑާންސާ" އިންނެވެ.