15 އޮކްޓޯބަރ 2019 - 06:27

ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ގުޅުމަކީ މިހާރު ސިއްރު ގުޅުމެއް ނޫނެވެ. ދެ ތަރިން ހިތާވެގެން އުޅޭކަން މިހާރު އެންމެންނަށް ވެސް އެނގެ އެވެ. އަދި އެ ގުޅުމަށް ދެ އަހަރެއްހާ ދުވަސްވެއްޖެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން އާލިއާ އާއި ރަންބީރު އަންނަ އަހަރު ކައިވެނިކުރުމުގެ ފުރުސަތު ބޮޑެވެ.
ބަތަލާ އަދި ރަންބީރުގެ ކަޒިން ދައްތަ ކަރީނާ ކަޕޫރް މިހާރު ތިބީ އެ ދުވަހެއްގެ އިންތިޒާރުގަ އެވެ. އާދީއްތަ ދުވަހު މުމްބާއީގައި ފެށި "ޖިއޯ މާމީ މޫވީ މޭލާ 2019" ގެ ސެޝަނެއްއި ކަރީނާ ވަނީ އެ ވާހަކަ ހިއްސާ ވެސްކޮށްފަ އެވެ.
އާލިއާ އާއި ޑައިރެކްޓަރު ކަރަން ޖޯހަރު ވެސް ބައިވެރިވި ސެޝަނުގައި ކަރީނާ އަށް ކުރިމަތިވި ސުވާލަކަށް ޖަވާބުދެމުން ބުނީ ފަހަރިއަކަށް އާލިއާވެއްޖެ ނަމަ އެކަމާ އެންމެ އުފާވާނެ މީހަކީ އޭނަ ކަމަށެވެ.
"ހަމަ ހަގީގަތުގައި ވެސް އަހަރެން އެކަމާ ވަރަށް އުފާވާނެ،" ކަރީނާ ބުންޏެވެ.
އެ އަށް އިޝާރާތްކޮށް އާލިއާ ބުނީ އެކަމާ އޭނާ އަދި ނުވިސްނާ ކަމަށެވެ. އަދި އެ ވާހަކަ މިހާރު ދައްކަން ޖެހެނީ ކީއްވެތޯ ސުވާލުކޮށްފައިވެ އެވެ. އެއާ ގުޅިގެން ކަރަން ބުނީ ކަރީނާއެކޭ އެއްގޮތަށް އޭނާ ވެސް އާލިއާ އާއި ރަންބީރު ކައިވެނިކޮށްފި ނަމަ ވަރަށް ވެސް އުފާވާނެ ކަމަށާއި އެކަމަށް އުންމީދު ވެސް ކުރެވޭ ކަމަށެވެ.
"އަދި އަހަރެން އުންމީދު ވެސް ކުރަން ކައިވެންޏަށް ފަހު ވެސް ކަރީނާ ގޮތަށް އާލިއާ ވެސް އިންޑަސްޓްރީގައި މަސައްކަތްކުރާނެ ކަމަށް،" ކަރަންގެ ކުރިއަށް އޮތް ފިލްމު "ތަޚުތު" ގެ ދެ ބަތަލާއިންނަށް އިޝާރާތްކޮށް ބުންޏެވެ. "ކަރީނާ ވަނީ ކައިވެންޏަށް ފަހު ވެސް ބަތަލާއިންނަށް ކާމިޔާބު ކެރިއަރެއް ބިނާކޮށް ޕްރޮފެޝަނަލް ލައިފާއި ޒާތީ ދިރިއުޅުން ވެސް ބެލެންސްކުރެވިދާނެކަން ސާބިތުކޮށްދީފައި."