16 އޮކްޓޯބަރ 2019 - 06:42

އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒްކުރާ، ސަލްމާން ޚާންގެ ފިލްމުގެ ބަތަލާއަކީ އަނުޝްކާ ޝަރުމާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެ ފިލްމު އަދި ރަސްމީކޮށް އިއުލާންނުކުރި ނަމަވެސް ސަލްމާން ވަނީ ފިލްމު ޑައިރެކްޓްކުރާނީ އަންނަ ޑިސެމްބަރު މަހު ރިލީޒްކުރާ އޭނާގެ "ދަބަންގް 3" ވެސް ޑައިރެކްޓްކުރި ޕްރަބޫދޭވާކަން ކަށަވަރުކޮށް ދީފަ އެވެ.
މީޑިއާތަކުންް ކުރިން ރިޕޯޓްކޮށްފައިވާ ގޮތާ ހިލާފަށް، އަންނަ އަހަރުގެ ފިތުރު އީދުގައި ސަލްމާން އަންނާނީ ޅިޔަނު އަތުލް އަގްނިހޯތުރީ ރައިޓްސް ހޯދާފައި އޮތް ކޮރެއާ ފިލްމު "ވެޓެރަން" ގެ ރިމެކާ އެކު ނޫން ކަމަށް ވެސް ފިލްމީ ޚަބަރުތައް ގެނެސްދޭ ގިނަ ނޫސްތަކުން މިހާރު ބުނެ އެވެ. އަދި އެ ފިލްމަކީ ސަލްމާންގެ ކޮއްކޮ ސުހައިލް ޚާން ޕްރޮޑިއުސްކުރާ "އިންޑިއާސް މޯސްޓް ވޯންޓެޑް ކޮޕް: ރާދޭ" ކަމަށް ނޫސްތަކުން ބުނެ އެވެ.
މި ފިލްމަށް އަނުޝްކާ ހަމަޖައްސާފައިވާ ކަމަށް ބުނާ އިރު އޭނާ ވަނީ ކުރިން ވެސް ސަލްމާނާ އެކު މަސައްކަތްކޮށްފަ އެވެ. އެއީ 2015 ގެ "ސުލްތާން" ގަ އެވެ. އަދި މި ދެ ތަރިންގެ ޖޯޑުވެގެން ދިޔައީ ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު ޖޯޑަކަށެވެ.
މިދިޔަ އަހަރު ރިލީޒްކުރި ޝާހްރުކް ޚާންގެ "ޒީރޯ" އަށް ފަހު އަނުޝްކާ މިހާތަނަށް ރަސްމީކޮށް އެއްވެސް ފިލްމަކަށް ސޮއިކުރިކަން ކަށަވަރެއްނުކޮށްދަ އެވެ.
އެކަމަކު ސަލްމާންގެ ފިލްމުން އޭނާ ފެންނާނެ ކަމަށް ބުނާ އިރު ޑައިރެކްޓަރު ފަރާ ޚާންގެ އާ ފިލްމުގެ ބަތަލާއަކީ ވެސް އަަނުޝްކާ ކަމަށް މީޑިއާތަކުން އަންނަނީ ބުނަމުންނެވެ. އެ ފިލްމުގެ ބަތަލަކީ ރިތިކް ރޯޝަން ކަމަށްވެ އެވެ.