25 ސެޕްޓެމްބަރ 2016 - 06:21

މެސެޖިން އެޕްލިކޭޝަން، ސްނެޕްޗެޓްގެ ފުރަތަމަ ގެޖެޓްގެ ގޮތުގައި، ކެމެރާއެއް ހަރުކުރި އަވިއައިނެއް ބާޒާރަށް ނެރެން ނިންމައިފި އެވެ.
"ސްޕެކްޓަކްލްސް" ގެ ނަން ދީފައިވާ މި އައިނު މި އަހަރު ބާޒާރަށް ނެރެން ނިންމާފައި ވާއިރު އަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 130 ޑޮލަރެވެ.
އައިނުގައި ހަރުކޮށްފައިވާ ކެމެރާއިން ކޮންމެ ފަހަރަކު 30 ސިކުންތުގެ ވީޑިއޯ ރެކޯޑްކުރެވޭނެ އެވެ.
ސްނެޕްޗެޓްގެ ގެޖެޓެއް ނެރެން ނިންމިކަން އިއުލާނުކުރި އިރު އެ އެޕްލިކޭޝަންގެ ކުންފުނީގެ ނަން ވެސް ބަދަލުކުރަން ނިންމާފައިވާކަން ވަނީ ހާމަކޮށްފަ އެވެ. އެގޮތުން، އާ ނަމެއް ކަމަށް ހަމަޖައްސާފައި ވަނީ ހަމަ އެކަނި ސްނެޕް އެވެ. އެހެންވެ މިއީ ޒުވާނުންގެ މެދުގައި މަގުބޫލު އެޕްލިކޭޝަނެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި އެހެން ދާއިރާތަކަށް ވިޔަފާރި ފުޅާކުރުމުގެ ވިސްނުމުގައި ގެނައި ބަދަލެއް ކަމަށް ބެލެވެ އެވެ.
އާ އުފެއްދުމާ ބެހޭ ގޮތުން، ކުންފުނީގެ ސީއީއޯ އީވާން ސްޕީގެލް، 26، ވޯލް ސްޓްރީޓް ޖާނަލް އަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ މިއީ ޗުއްޓީ ދުވަސްވަރު ކަމަށް ވާތީ އެމެރިކާގެ އެކި ތަންތަނަށް ގޮސް، ސްޕެކްޓަކްލްސް އަޅައިގެން އުޅެފައިވާ ކަމަށެވެ. އަދި ފަހުން ވީޑިއޯތައް ބަލައިލި އިރު ފަސޭހަކަމާ އެކު ހުރިހާ ހާއްސަ ހަނދާންތައް ވީޑިއޯގެ ގޮތުގައި ރައްކާކުރެވިފައި ހުރި ކަމަށް ބުނެފައިވެ އެވެ.
"ފުޓޭޖްތައް އަލުން ބަލައިލި އިރު އަމިއްލަ ހަނދާންތައް ކުރިމަތިން ދިޔައީ ފެންނަމުން. ގަބޫލުކުރަން ވެސް ދަތި،"
ސްނެޕުން އަދި އާންމުކޮށްފައި ވަނީ އައިނާ ބެހޭ ވަރަށް މަދު މައުލޫމާތުކޮޅެކެވެ. ސާކިއުލާ ފޯމެޓްގައި ވީޑިއޯ ރެކޯޑްކުރެވޭއިރު ކޮންމެ އޮރިއެންޓޭޝަނެއްގައި ވެސް ބެލޭނެ އެވެ. އައިނުގައިވާ ކެމެރާ އަށް ބޭނުންވާ ބެޓެރީގެ ޗާޖު އެއް ދުވަހު ހިފަހައްޓާނެ އެވެ.