14 އޮކްޓޯބަރ 2019 - 06:28

މަރުކަޒީ ބޭންކްތަކުން ޑިޖިޓަލް ފައިސާއާ މެދު ވަނީ ވިސްނަން ޖެހިފަ އެވެ. އެހެން ނޫން ނަމަ، އަމިއްލަ ފައިމައްޗަށް ތެދުވެވިފައި ތިބި ކޮންމެ ކުންފުންޏަކުން ޑިޖިޓަލް ފައިސާއެއް އުފައްދަން ބޭނުންވެދާނެ އެވެ. ފޭސްބުކް ވެސް އުޅެނީ މި މަސައްކަތުގައި އަވަދިނެތި އެވެ.
ފޭސްބުކުން އުފައްދަން މަސައްކަތްކުރާ ޑިޖިޓަލް ފައިސާ، ލިބްރާ އަށް ތާއީދުކުރަން މަޝްހޫރު ބައެއް ކުންފުނިތަކުން ކުރިން އާންބަސް ބުނި ނަމަވެސް މިހާރު ބުނަނީ ބައިވެރިވެވެން ނެތް ކަމަށެވެ. ލިބްރާ އުފެއްދުމުގައި ބައިވެރިވެވެން ނެތް ކަމަށް ބުނާ ކުންފުނިތަކުގެ ތެރޭގައި، ޕޭޕަލް، އީބޭ، މާސްޓާކާޑް އަދި ސްޓްރައިޕް ހިމެނެ އެވެ. އަޑުތައް ފެތުރިފައިވާ ގޮތުގައި ލިބްރާ އަށް ތާއީދުނުކުރާ ކަމަށް ވިސާ ވެސް ބުނެފާނެ އެވެ.
ޔޫރަޕްގެ ބައެއް ގައުމުތަކުން، ފްރާސް އަދި ޖަރުމަން ވެސް ލިބްރާއާ ދެކޮޅެވެ. އެހެން ނަމަވެސް، އެ ގައުމުތަކުން ވަނީ ޔޫރަޕްގެ މަރުކަޒީ ބޭނުންތަކުން ޑިޖިޓަލް ފައިސާއާ މެދު ވިސްނުމަށް ގޮވާލައިފަ އެވެ.
ޑިޖިޓަލް ވިޔަފާރީގައި ނަގާކިޔާ ކުންފުނިތަކުން ބިޓްކޮއިން ކަހަލަ "ކްރިޕްޓޮކަރަންސީ"އާ ގުޅޭ ގޮތުން ވާހަކަދައްކަން ހަމަ ފަށާއިރަށް، ބާރުގަދަ ގައުމުތަކުން މި ކަމަށް އިންކާރުކޮށް ދެކޮޅު އަދަންފަށަ އެވެ. އަދި ޑިޖިޓަލް ފައިސާ އުފައްދައި، މާލީ މުއާމަލާތްތަކަށް ސައްހަ ނިޒާމެއް ގޮތުގައި، ބައްރުތަކުގައި ވަކިވަކިން މަރުކަޒީ ބޭންކްތައް އުފެއްދުމަށް ގޮވައި ހަދަ އެވެ. އެހެން ނަމަވެސް ބޮނޑު ނަގުލުގެ މިސާލަށް، ވާހަކަތައް މަދު ދުވަސްކޮޅެއްގެ ތެރޭގައި، އުވި ދެ އެވެ.
ޑިޖިޓަލް ފައިސާއާ ބެހޭ ގޮތުން ދުނިޔޭގައި މިހާރު އަޑުގަދަވެގެން އުޅެނީ، ލިބްރާގެ ނަމުގައި، ފޭސްބުކް އިން ޑިޖިޓަލް ފައިސާއެއް އުފައްދައި، މުއާމަލާތްތައް ހިންގުމަށް "ދަ ލިބްރާ އެސޯސިއޭޝަން" އުފައްދަން މަސައްކަތް ފަށާފައި ވާތީ އެވެ. މި އެސޯސިއޭޝަންގައި ބައިވެރިވާނެ ކަމަށް ކުރިން ބުނި ކުންފުނިތަކުން ނަން ނެގުމުގައި، ބާރުގަދަ ގައުމުތަކުން ނުފޫޒުގަދަ ދައުރެއް އަދާކޮށްފައި ވާނެ ކަމަށް ވެސް ބެލެވެ އެވެ.